މިއަދު ހެނދުނު ފިޓް ޖެހިގެން އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ނިޔާވި އުމުރުން 33 އަހަރުގެ ބަންގުލަދޭޝް މީހާގެ ފުރާނަ ސަލާމަތް ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރެއްވި ކަމަށް ޑރ. މޫސާ ހުސައިން ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އައިޖީއެމްއެޗްގެ ޑޮކްޓަރު، ޑރ. މޫސާ ހުސެއިން ވިދާޅުވީ މިއަދު ހެނދުނު ނިޔާވީ ފިޓް ޖެހިގެން ގެންދިޔަ ބިދޭސީއެއް ކަމަށާއި، އޭނާގެ ފުރާނަ ސަލާމަތްކޮށްދޭން ކުރެވެން ހުރި ހުރިހާ ކަމެއް ކުރެއްވި ކަމަށެވެ.
" އެކަމަކު ސިކުނޑި އަށް ލޭ ފައިބައިގެން އެހެން ކަންކަން ދިމާވުން. ދެ ފަހަރު ހާޓް އެޓޭކް ވެސް ޖެހުނު. ވެންޓިލޭޓަރަށް ވެސް ލިން. ވަރަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފުރާނަ ގެއްލިގެން ދިޔައީ." ޑރ. މޫސަ ވިދާޅުވިއެވެ.
އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ފައިޝާން ވިދާޅުވީ އެމީހާގެ ސީޓީ ސްކޭން ހެދި އިރު ފުދޭވަރަކަށް ސިކުނޑި އަށް ލޭ އެޅިފައި ހުރި ކަމަށެވެ. ބޮޑަށް ބެލެވެނީ ލޭ ނާރެއް ފަޅައިގެން ދިޔައީ ކަމަށް ކަމަށްވެސް ޑރ. ވިދާޅުވިއެވެ.
ޑރ. ފައިޝާން ވިދާޅުވީ އެކަން ހިނގާފައިވަނީ ކުރިން ވެސް ހުރި ބައްޔަކުން ކަމަށް ބެލެވޭ ކަމަށާއި، ޓިއުމަރެއް ނުވަތަ ކެންސަރާ ގުޅުން ހުރި ކަަމަކަށް ވެސް ވެދާނެ ކަމަށެވެ.
" އޭނާ މަރުވީ ކޮވިޑް ހުރެ އެހެން ކަންތައްތަކެއްގެ ސަބަބުން. ކޮވިޑް ރިލޭޓެޑް ކަމެއްގައެކޭ ދެންނެވޭކަށް ނެތް." ޑރ. ފައިޝާން ވިދާޅުވިއެވެ.
އެ ނޫސްވެރިންގެ ބައްދަލުވުމުގައި އެންއީއޯސީގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވީ ބަންގްލަދޭޝްގެ އެމްބަސީ އަށް ވަނީ އެކަން އަންގާފައި ކަމަށެވެ. އަދި އާއިލާ އިން އޭނާ ރާއްޖޭގައި ވަޅުލާން އެދެމުން ދާ ކަމަށް އެމްބަސީން ބުނާ ކަމަށްވެސް މަބްރޫކު ވިދާޅުވިއެވެ.
މި ބަންގްލަދޭޝް މީހާއަކީ ކޯވިޑް ބަލީގެ ބަލި މީހެކެވެ.
މިހާތަނަށް ރާއްޖެއިން ކޮރޯނާވައިރަހަށް 557 މީހަކު ވަނީ މި ޕޮޒިޓިވްވެފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!