ރާއްޖެގައި ދަނޑުވެރިކަމަށް މިހާރު ދޫކޮށްފައިވާ ފަޅު ރަށްތަކުގެ ތެރެއިން ދަނޑުވެރިކަން ނުކުރާ ރަށްތައް ފާހަގަކޮށް، އެ ރަށްތައް ދޫކޮށްފައިވާ ފަރާތްތަކާއެކު ވެފައިވާ އެއްބަސްވުން އުވާލައި އެ ރަށްތައް އަތުލަން ހުށަހަޅާފައިވާ ކޮމިޓީ ރިޕޯޓް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ދަނޑުވެރިކަމަށް މިހާރު ދޫކޮށްފައިވާ ފަޅު ރަށްތަކުގެ ތެރެއިން ދަނޑުވެރިކަން ނުކުރާ ރަށްތައް ފާހަގަކޮށް، އެ ރަށްތައް ދޫކޮށްފައިވާ ފަރާތްތަކާއެކު ވެފައިވާ އެއްބަސްވުން އުވާލައި އެ ރަށްތައް އަތުލަން ލާމަރުކަޒީ ކޮމިޓީން ހުށަހަޅާފައިވާ ހުށަހެޅުމާއެކު އެ ކޮމިޓީގެ ރިޕޯޓު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރީ 54 މެންބަރުންގެ ވޯޓުންނެވެ. އެ ރިޕޯޓް ފާސް ކުރަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.
ލާމަރުކަޒީ ކޮމިޓީގެ ރިޕޯޓުގައި ވަނީ މިހާރު ދަނޑުވެރިކަން ކުރުމަށް ދޫކޮށްފައިވާ ރަށްރަށުގެ ތެރެއިން އެ މަސައްކަތް ނުކުރާ ރަށްތައް ބެލުމަށް ފަހު އެ ރަށްތައް ސަރުކާރުން އަތުލުމަށް ހުށަހަޅާ ކަމަށެވެ. އެފަދަ ފަރާތްތަކާއެކު ވެފައިވާ އެއްބަސްވުންތައް ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީން އުވާލަން ވެސް ހުށަހަޅާ ކަމަށެވެ.
އެ ރިޕޯޓުގައި ވަނީ ދަނޑުވެރިކަން ކުރާނެ ޖާގަ ނެތް ރަށްރަށުގެ މީހުނަށް އެފަދަ ރަށްރަށާއި އިތުރު ފަޅު ރަށްތައް ކުރު މުއްދަތަކަށް ދޫކުރަން ވެސް ހުށަހަޅާފައިވެ އެވެ. އަދި އެ ގޮތަށް ދޫކުރަން ވާނީ ރަށެއްގެ ބިންތައް އެކަކަށް ވުރެ ގިނަ މީހުނަށް ދޫކުރާ އުސޫލަކުން ކަމަށް ރިޕޯޓުގައިވެ އެވެ.
މީގެ އިތުރުން ދަނޑުވެރިކަން ކުރުމަށް ދޫކޮށްފައިވާ ރަށްރަށުގައި ދަނޑުވެރިކަން ކުރަނީ ދިވެހިން ކަން ކަށަވަރު ކުރުމަށް ކައުންސިލްތަކާއި އެލްޖީއޭ މެދުވެރިކޮށް މަސައްކަތް ކުރަންވެސް އެ ރިޕޯޓުގައި ހުށަހަޅާފައިވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!