ވަރުވާ އުސޫލުން ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގައި ދަނޑުވެރިކަން ނުކުރާނަމަ، އެ ރަށްތަކުގެ އެއްބަސްވުން އުވާލުމަށް ލާމަރުކަޒީ ކޮމެޓީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.
ކޯވިޑް19 ރޯގާ ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން ޢާއިލާތަކާއި ވިޔަފާރިތަކުގެ އާމްދަނީއަށް އަންނަ ނުރަނގަޅު ބަދަލުތަކުން އަރައިގަތުމަށް، ސަރުކާރުން ހިންގުމަށް ހިންމާފައިވާ ޕްރޮގްރާމް ތަންފީޒުކުރުމަށް މަޖިލީހުން ދެކޭގޮތް ކަނޑައެޅުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލައާ ގުޅިގެން ލާމަރުކަޒީ ކޮމިޓީގެ ރިޕޯޓު ހުށަހަޅުއްވައިދެއްވީ ކޮމެޓީގެ މުގައްރިރު ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒް އެވެ.
މެމްބަރުން ފާހަގަކުރައްވާފައިވާ ކަންކަމަށް ބަލާލާއިރު ރަށްރަށުގައި މަސްވެރިކަމުގެ މަސައްކަތްތައް ކުރުމަށް ދޫކުރެވިފައިވާ ބިންތަކުގެ ސާރވޭއެއް ހަދައި ވަކި ޕްލޭނެއްގެދަށުން މަސްވެރިކަމުގެ ބޭނުމަށް ކައުންސިލްތައް މެދުވެރިކޮށް ބިން ދޫކުރުމަށް ވެސް ހުށަހަޅާފައި ވެއެވެ. އަދި އެކިއެކި އިޤްތިސާދީ މަސައްކަތްތައް ކުރުމަށް ދޫކޮށްފައިވާ ބިންތައް އެ ބިންތައް ދޫކޮށްފައިވާ ބޭނުމަށް ބޭނުންކުރަމުންނުދާނަމަ އެފަދަ ފަރާތްތަކާއެކު ހަދާފައިވާ އެއްބަސްވުން ބާތިލުކުރުމަށް މެމްބަރުން ފާހަގަކުރައްވާފައި ވެއެވެ.
ސަރުކާރުން ހިންގުމަށް ހިންމާފައިވާ ޕްރޮގްރާމް ތަންފީޒުކުރުމާއި ގުޅިގެން ކޮމެޓީން ހުށަހަޅާފައިވާ މައިގަނޑު ކަންކަމުގެ ތެރޭގައި ހިމެނެނީ ރަށްރަށުގައި ދަނޑުވެރިކަން ކުރުމަށް އެރަށަކުން ލިބެންހުރިބިމުގެ ސަރަޙައްދުގެ ތަފާސްހިސާބެއް ކައުންސިލްތަކުން ހަދައި އެލް.ޖީ.އޭއާއި ހިއްސާކޮށް، ވަގުތީގޮތުން ދަނޑުވެރިކަންކުރުމަށް އެދޭ ފަރާތްތަކަށް ކައުންސިލްތައް މެދުވެރިކޮށް ބިން ދޫކުރުމެވެ.
ބިމުގެ ދަތިކަމުގެ ސަބަބުން އަމިއްލަ ރަށުގައި ދަނޑުވެރިކަންކުރެވެން ނެތް ފަރާތްތަކަށް، އެކަކަށްވުރެ ގިނަ މީހުންނަށް ދަނޑުވެރިކަން ކުރެވޭގޮތަށް ފަޅުރަށްތައް ކުރު މުއްދަތަކަށްދޫކުރުމެވެ.
ދަނޑުވެރިކަމަށް މިހާރު ދޫކޮށްފައިވާ ރަށްތަކުގެ ބޭނުންކުރަނީ ދަނޑުވެރިކަމަށްކަން ކަށަވަރުކުރުމުގެ ގޮތުން އެފަދަ ރަށްތަކުގެ ސާރވޭއެއް އަތޮޅު ކައުންސިލްތައް މެދުވެރިކޮށް ހަދައި، ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގައި ދަނޑުވެރިކަން ކުރަމުންނުދާ ނަމަ އެރަށްތަކުގެ އެއްބަސްވުން މިނިސްޓްރީއޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ބާތިލުކުރުމާއި ދަނޑުވެރިކަމަށް ދޫކުރާ ބިންތަކާއި ރަށްތަކުގައި އެ މަސައްކަތް ކުރަނީ ދިވެހިންކަން ކައުންސިލްތައް މެދުވެރިކޮށް ޔަޤީންކުރުމެވެ.
މާރުކޭޓު ގޮޅިތައް ކުއްޔަށްދޫކޮށްފައިވާ ފަރާތްތަކުން ތިންވަނަފަރާތަކަށް ކުއްޔަށް ދީގެން ވިޔަފާރިކުރަމުންދާ ގޮޅިތައް އެފަދަ ފަރާތްތަކުން އަތުލުމާއި މާރުކޭޓުގެ ގޮޅިތައް ތިންވަނަ ފަރާތަކަށް ކުއްޔަށް ދިނުމަށްމެދުވެރިވާ މައިގަނޑު އެއް ސަބަބަކީ ގޮޅިތަކުގެ ސައިޒުކުޑަވުމުގެ ސަބަބުން ދެ ގޮޅި އެއްކޮށްލައިގެން ވިޔަފާރިކުރުން ކަމުގައިވާތީ، އަލަށް އިއުލާންކޮށްގެން ގޮޅިތައްދޫކުރާއިރު އެ ގޮޅިތަކަކީ އެކަށީގެންވާ ސައިޒްތަކެއްގެ ގޮޅިތަކެއްކަން ކަށަވަރުކުރުން ހިމެނެއެވެ.
ދަނޑުވެރިކަމަށް މިހާރު ދޫކޮށްފައިވާ ރަށްތަކުގެ ބޭނުން ނަހަމަގޮތުގައި ނަގާކަމީ އާންމުންގެ ތެރޭގައި ނުހަނު ކަންބޮޑުވުން ހުރި ކަމެކެވެ. އެގޮތުން އަތޮޅުގެ ރީތި ފަޅުރަށްތައް ތަރިކަ މުދަލަކަށް ހައްދަވައިގެން ޕިކްނިކް އައިލެންޑްތަކެއްގެގޮތުގައި މާލޭގެ ބޮޑެތި ވިޔަފާރިތަކަށް ނިސްބަތްވާ ފަރާތްތަކާއި ސިޔާސީ މީހުންގެ އާއިލާތަކުން ޒަމާންތަކަށް ގެންގުޅެމުންދާއިރު އަތޮޅުގެ ރައްޔިތަކަށް ވަޒީފާއެއް ލިބިފައިނުވުމަކީ ބޮޑު ޝަކުވާއެކެވެ. އެގޮތުން ދަނޑުވެރިކަން ކުރުމުގެ ނަމުގައި 30 އަހަރު ބޮޑެތި ރަށްރަށް ނަގައިގެން ގެންގުޅޭ ފަރާތްތަކުން ގެންގުޅެނީ ދެތިން ދިވެހިންކަން ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!