ހއ. މޮޅަދޫ ރައްޔިތުންނަށް ކާޑު ލިބުން ދަތިވުމާއި ގުޅިގެން ހއ. ހޯރަފުށީ ރައްޔިތުންނާއި، ހޯރަފުށީ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެމްބަރު އަހުމަދު ސަލީމްގެ ފަރާތުން މޮޅަދޫ ރައްޔިތުންނަށް ކާޑުގެ ބާވަތްތައް ހަދިޔާކޮށްފި ކަމަށް ހޯރަފުށީ ކައުންސިލުން ބުނެފިއެވެ.

ހޯރަފުށީ ކައުންސިލުން ބުނީ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމާއި، ހޯރަފުށީ ރައްޔިތުންގެ ނަމުގައި މޮޅަދޫ ރައްޔިތުންނަށް 40 ބަސްތާ ކާޑުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

Ad
rt

މިގޮތުން ފޯރުކޮށް ދިން 40 ބަސްތާ ކާޑުގެ ތެރޭގައި ހިމެނެނީ 20 ބަސްތާ ފުށާއި، 10 ބަސްތާ ހަންޑުލާއި، 10 ބަސްތާ ހަކުރެވެ.

ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމްވެސް ވަނީ އެކަމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައި މޮޅަދޫއަށް ކާޑު ލިބުން ވަރަށް ދަތި ވެފައި ވާތީ ހޯރަފުށި ރައްޔިތުންގެ ފަރާތުން 20 ބަސްތާ ފުއް، 10 ބަސްތާ ހަންޑޫ، 10 ބަސްތާ ހަކުރު އެ ރަށުގެ ރައްޔިތުނަށް ހަދިޔާ ކޮއްދެވިފައި ކަމަށް ވިދާޅުވެފައެވެ. މެމްބަރު ސަލީމް ވަނީ އެކަން އިންތިޒާމް ކުރުމުގައި އެހީވެދެއްވި ހޯރަފުށި ކައުންސިލަށާއި، ހޯރަފުށީ އެސްޓީއޯއަށް ޝުކުރު އަދާ ކުރައްވާފައެވެ.

ހޯރަފުށި ކައުންސިލުން މިކަމާއި ގުޅިގެން މޮޅަދޫ ކައުންސިލަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައި ވަނީ ކޯވިޑް-19 އާއި ގުޅިގެން ދަތުރު ފަތުރު ކުރުން ތާށިވެފައިވާ މިހާލަތުގައި، އަދި މޮޅަދޫއިން ކާޑުގެ ބާވަތްތައް ހުސްވެފައިވާ މި ދަނޑިވަޅުގައި އެފަދަ އެހީތެރިކަމެއް ފޯރުކޮށް ދެވުނުކަމީ އެމްޕީ އަހުމަދު ސަލީމަށާއި، ހޯރަފުށީ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

ހޯރަފުށީ ކައުންސިލުންވެސް ވަނީ މަކަމުގައި އެރަށުގައި ހުންނަ އެސްޓީއޯ ފިހާރައިން ދިން އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވާފައެވެ.

މީގެ ކުރިން ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމާއި، ހޯރަފުށީ ރައްޔިތުންވަނީ ހޯރަފުށީ ދާއިރާގެ އަނެއް ދެ ރަށް ކަމަށްވާ އުލިގަމާއި، ތުރާކުނަށްވެސް ކާބޯތަކެތި ހަދިޔާ ކޮށްފައެވެ.

މޮޅަދޫ ނިސްބަތްވާ އިންތިޚާބީ ދާއިރާއަކީ އިހަވަންދޫ ދާއިރާއެވެ. މޮޅަދޫގެ އާބާދީގައި 245 އަށްވުރެ ގިނަ މީހުން ހިމެނެއެވެ.