ސަރުކާރު ހިއްސާވާ ކުންފުނިތަކުން ބޮޑު މުސާރަ ލިބޭ މުވައްޒަފުންގެ މުސާރަ ކުޑަކުރަން ފިނޭންސް މިނިސްޓްރީން އަންގައިފި އެވެ.

ކުންފުނިތަކަށް ފިނޭންސް މިނިސްޓްރީން ފޮނުވި ސާކިއުލާއެއްގައި ބުނީ ކޮވިޑް-19 ގެ ސަބަބުން ކުންފުނިތަކުގެ ކޭޝްފްލޯ އަށް އަަސަރުކުރާނެތީ ހަރަދުތައް ކުޑަކުރުމަށް މުސާރައިގެ އޮނިގަޑަށް ބަދަލުގެންނަންޖެހޭ ކަމަށާއި މުސާރައިގެ އޮނިގަނޑަށް ބަދަލުގެނައުމަށް ހަދަންޖެހޭ ދިރާސާތައް ހަދައި، އަންނަ މަހުގެ 5 ގެ ކުރިން އެ މިނިސްޓްރީ އަށް ފޮނުވަން ވަނީ އަންގައިފަ އެވެ.

Ad
rt

އެގޮތުން 15،000ރ. އަށްވުރެ ކުޑަ މުސާރަ ލިބޭ އެއްވެސް މުވައްޒަފެއްގެ މުސާރަ ކުޑަ ނުކުރުމަށް ވަނީ އަންގައިފަ އެވެ.

މުސާރަ ކުޑަކުރާ މީހުންގެ ތެރެއިން ބޮޑު މުސާރަ ލިބޭ މީހުންގެ އަތުން ބޮޑު އަދަދެއް އުނިކުރާ އުސޫލުން މުސާރައިން އުނިކުރުން. މުސާރަ ކުޑަކުރުމަށް ފަހު ވެސް ބޮޑު މުސާރަ ލިބޭ މަގާމުތަކުގެ މުސާރަ އެހެން މަގާމުތަކަށް ވުރެ ބޮޑުވާން ޖެހޭނެ

ސާކިއުލާގައި ބުނެފައިވެ އެވެ.

މިކަންކަމަށް ބެލުމަށް ފަހު ކުންފުނިތަކުން ފިނޭންސް މިނިސްޓްރީ އަށް ފޮނުވާ ރިޕޯޓުތަކަށް ބަލައި އެ މުސާރައިގެ އޮނިގަނޑު ތަންފީޒު ކުރެވޭނީ މިނިސްޓްރީން ހުއްދަ ދިނުމުންނެވެ.

ރާއްޖޭގައި މިހާރު ސަރުކާރު ހިއްސާވާ 32 ކުންފުނި އޮވެ އެވެ. މީގެ ތެރޭގައި އެސްޓީއޯ އާއި ވެމްކޯ އާއި ބީއެމްއެލް އާއި ދިރާގާއި އެމްޕީއެލް އަދި އެމްއޭސީއެލް ފަދަ ކުންފުނިތައް ހިމެނެ އެވެ.