ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަޙްމަދު ޚައިތަމް މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ އަމީންގެ އަރިހަށް ފޮނުއްވާފައިވާ ސުވާލު ނޯޓިސްގެ މުއްދަތު ހަމަވި އިރު ޖަވާބު ދެއްވާފައި ނުވާތީ ޤާނޫނުއަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާ މިނިސްޓަރު އަމީން ޚިލާފުވެޑައިގެންފައި ވާކަމަށް މަޖިލިސް ރައީސް ނިންމަވާފައިވަނިކޮށް މިނިސްޓަރު އަމީނުގެ ޖަވާބު މަޖިލިސްއަށް ފޮނުވައިފިއެވެ.
މަޖިލީހުގެ މީޑިއާ ޑިރެކްޓަރު ހަސަން ޒިޔާއު މީޑިއާއަށް ވިދާޅުވީ މިއަދު އިރުއޮއްސި 6:31 ގައި އިމެއިލް މެދުވެރިކޮށް މަޖިލީހުގެ އިދާރާއަށް އަމީންގެ ޖަވާބު ލިބިފައިވާ ކަމަށެވެ.
އަމީން ޖަވާބު ފޮނުއްވީ ޖަވާބު ނުލިބޭ ކަމަށް ބުނެ މަޖިލީހުގެ އިދާރާއިން ނޫސް ބަޔާން ނެރުނުތާ 20 މިނެޓު ފަހުންނެވެ.
މިއަދު މަޖިލިސް އިދާރާއިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަޙްމަދު ޚައިތަމް މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ އަމީންގެ އަރިހުން ލިޔުމުން ޖަވާބު ހޯއްދެވުމަށް ފޮނުއްވާފައިވާ ސުވާލު ނޯޓިސް ވަނީ 14 އެޕްރީލް 2020 ގައި، މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ އަމީންއަށް ފޮނުވާފައި ކަމަށެވެ.
މި ސުވާލު ނޯޓިސްއަށް ޖަވާބުދެއްވުމަށް މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ އަމީންއަށް ރައްޔިތުންގެ
މަޖިލީހުގެ ގަވާއިދުގެ 74 ވަނަ މާއްދާގެ ދަށުން އެރުވުނު 14 ދުވަހުގެ ނޯޓިހުގެ މުއްދަތު 27 އެޕްރީލް 2020 ގެ ނިޔަލަށް ހަމަވެ، ޖަވާބުދެއްވުމަށް މިއަދު 10:00 ގެ ނިޔަލަށް އެ މަނިކުފާނަށް އެރުވިފައިވާ މުއްދަތު ހަމަވެފައިވާ ކަމަށް މަޖިލިސް އިދާރާއިން ވަނީ ބުނެފައެވެ.
އެހެން ކަމުން އެ ސުވާލުގެ ޖަވާބު ފޮނުއްވާފައި ނުވާތީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާ މިނިސްޓަރު އަމީން ޚިލާފުވެ ޑައިގެންފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ދެކިވަޑައި ގަންނަވާކަމަށް މަޖިލިސްގެ ބަޔާނުގައިވެއެވެ.
މިމަހުގެ ފަނަވަނަ ދުވަހުގެ ކުރީން މާލެ ފުރަބަންދު ކުރުމުގެ ކުރީންވެސް ސަރުކާރާއި، ހުރިހާ ޚިދުމަތްދޭ މުއައްސަސާއެއް އެއް އަމާޒަަކަށް ބުރަކޮށް މަސައްކަތް ކުރަމުން އަންނަނީ ކޯވިޑު ބަލިން އަވަސް ހައްލެއް ލިބޭ ތޯއެވެ.
ރާއްޖޭގެ 245 މީހުން މިބަލިގެ ޝިކާރައަކަށް ވެފައިވާ މިދަނޑިވަޅުގައި، ސަރުކާރާއި، ފުލުހުންނާއި، ސިފައިންނާއި، އެނޫންވެސް މަދަދުދޭ ފަރާތްތަކާއި، ސިއްޚީ ޚިދުމަތްތެރީން އަވަދި ނެތި މަސައްކަތްކުރަމުން ގެންދަވަނީ ކޯވިޑުން އަރައިގަތުމަށެވެ.
ރާއްޖެގައި ކޯވިޑު ފެތުރުން ހުއްޓުވުމަށް ކަމާބެހޭ ފަރާތްތަކުން ކެނޑިނޭޅި އިރުޝާދު ދެމުން ދިޔައިރު އާންމުންގެ ސަމާލުކަން ކުޑަ ކުރުވި ކަމަކަށް ރައްޔިތުންގެ މަޖިލިސްގެ ބައެއް މެމްބަރުންގެ ބަސްމަގުވީކަން ބައެއް ފަރާތްތަކުން ވަނީ ފާހަގަ ކޮށްފައެވެ.
ރައްޔިތުން ނަމޫނާއެއް ކަމަށް ދެކޭ، އެބައެއްގެ ބަސް ޤަބޫލުކުރާ ބައެއް އިއްޒަތްތެރި މެމްބަރުންވަނީ ކޯވިޑަކީ އާދައިގެ ރޯގާއެއް ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކަވާފައިއެވެ. އެފަދަ ވީޑިއޯ ކްލިޕްތައް މިހާރުވެސް ދަނީ މީސް މީޑިއާގައި ދައުރު ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!