ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަޙްމަދު ޚައިތަމް މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ އަމީންގެ އަރިހަށް ފޮނުއްވާފައިވާ ސުވާލު ނޯޓިސްގެ މުއްދަތު ހަމަވި އިރު ޖަވާބު ދެއްވާފައި ނުވާތީ ޤާނޫނުއަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާ މިނިސްޓަރު އަމީން ޚިލާފުވެޑައިގެންފައި ވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ދެކިވަޑައިގަންނާ ކަމަށް މަޖިލިސް އިދާރާއިން ބުނެފިއެވެ.
މަޖިލިސް އިދާރާއިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 93 ވަނަ މާއްދާއާއި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 80 ވަނަ މާއްދާގެ ދަށުން، ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަޙްމަދު ޚައިތަމް މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ އަމީންގެ އަރިހުން ލިޔުމުން ޖަވާބު ހޯއްދެވުމަށް ފޮނުއްވާފައިވާ ސުވާލު ނޯޓިސް ވަނީ 14 އެޕްރީލް 2020 ގައި، މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ އަމީންއަށް ފޮނުވާފައި ކަމަށެވެ.
މި ސުވާލު ނޯޓިސްއަށް ޖަވާބުދެއްވުމަށް މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ އަމީންއަށް ރައްޔިތުންގެ
މަޖިލީހުގެ ގަވާއިދުގެ 74 ވަނަ މާއްދާގެ ދަށުން އެރުވުނު 14 ދުވަހުގެ ނޯޓިހުގެ މުއްދަތު 27 އެޕްރީލް 2020 ގެ ނިޔަލަށް ހަމަވެ، ޖަވާބުދެއްވުމަށް މިއަދު 10:00 ގެ ނިޔަލަށް އެ މަނިކުފާނަށް އެރުވިފައިވާ މުއްދަތު ހަމަވެފައިވާ ކަމަށް މަޖިލިސް އިދާރާއިން ވަނީ ބުނެފައެވެ.
އެހެން ކަމުން އެ ސުވާލުގެ ޖަވާބު ފޮނުއްވާފައި ނުވާތީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާ މިނިސްޓަރު އަމީން ޚިލާފުވެ ޑައިގެންފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ދެކިވަޑައި ގަންނަވާކަމަށް މަޖިލިސްގެ ބަޔާނުގައިވެއެވެ.
ކޯވިޑް-19 ފެތުރެމުންމިދާ މި ދަނޑިވަޅުގައި ގިނަ ޒިންމާތަކެއް އުފުއްލަވަމުން ގެންދަވާ މިނިސްޓަރު އަމީންގެ ފަރާތްޕުޅުން އަދި މިކަމާއި ގުޅިގެން އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.
ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ހެލްތު މިނިސްޓަރުގެ މަގާމް ފުރުއްވަމުން ގެންދަވާ މިނިސްޓަރު އަމީނަކީ އެމްޑީޕީގެ މެމްބަރުންގެ ފާޑުކިޔުން އަމާޒުވެފައިވާ ކޯލިޝަނަށް ނިސްބަތްވާ ވަޒީރުންގެ ތެރެއިން ވަޒީރެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!