ކޯވިޑް-19 ގެ މިހާލަތުގައި ރާއްޖެއަށް އެހީތެރިވުމުގެ ގޮތުން 800 މީހުންގެ ވަގުތީ ކަރަންޓީނު ފެސިލިޓީއެއް ގާއިމްކޮށް ދޭން ޗައިނާއިން ނިންމައިފި އެވެ.

ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ހުންނަވާ ސަފީރު ޖަންގް ލިޖޮންގް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދިވެހި ސަރުކާރުން، ޗައިނާގެ ސަރުކާރުގައި އެހީއަށް އެދިފައިވާ ކަމަށާއި، އެހެންވެ ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަނުން 800 މީހުންގެ ޖާގައިގެ ކަރަންޓީނު ފެސިލީޓީއެއް އަޅައިދޭން ނިންމާފައިވާ ކަމަށެވެ.

Ad
rt

މި ކަރަންޓީނު ފެސިލީޓީގެ މަސައްކަތަށް ސަމާނާއި ވަސީލަތްތަކާއެކު ރާއްޖެއަށް 100 މީހުން ގެންނަން ވަނީ ނިންމާފައި ވާ ކަމަށްވެސް ސަފީރު ވިދާޅުވި އެވެ.

ޗައިނާ ސަފީރުގެ އިތުރު ޓުވީޓެއްގައި ވިދާޅުވީ ހުޅުމާލޭގައި ދެ ބުރީގެ އިމާރާތެއް މަރާމާތު ކުރުމުގެ މަސައްކަތުގައި ޗައިނާގެ ބީޔޫސީޖީ ކުންފުނިން އެހީތެރިވުމަށް ނިންމައި، އެ ކުންފުނީގެ 40 މުވައްޒަފުންގެ ޓީމަކުން ހަމަޖައްސާފައި ވާކަމަށެވެ. އެ އިމާރާތަކީ 327 އެނދުގެ ވަގުތީ ކަރަންޓީނު ފެސިލިޓީއެއް ކަމަށްވެސް ސަފީރު ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރު ކަރަންޓީނު ފެސިލިޓީގެ ގޮތުގައި ރިސޯޓްތައް ދަނީ ބޭނުން ކުރަމުންނެވެ. އެ ތަންތަނުގައި ހުރީ 1،100 އެނދުގެ ޖާގައެވެ.

ރާއްޖޭގައި މިހާތަނަށް ޖުމްލަ 214 މީހުން ވަނީ ކޯވިޑް-19 އަށް ފައްސިވެފައެވެ.