އިނގިރޭސިވިލާތުގެ އޮކްސްފޯޑު ޔުނިވަރސިޓީގެ ޓީމަކުން ތިން މަސްދުވަހުގެ މަސައްކަތުން ތައްޔާރު ކުރި ކޯވިޑް-19 ގެ ވެކްސިން އަޖުމަބެލި ފުރަތަމަ މީހާ، މަރުވެއްޖެކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފިއެވެ.

ކޯވިޑް-19 އަށް ވެކްސިނެއް ހޯދުމަށް ދުނިޔޭގެ ސައިންސްވެރިން ކުރަމުންދާ ބުރަ މަސައްކަތްތަކުގެ ތެރެއިން، ދެވަނަ ފަހަރަށް ވެކްސިނެއް އިންސާނުންގެ ހަށިގަނޑުގައި ޓެސްޓުކުރަން އެޓީމުން ފަށާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެއިގެ ދެދުވަސްފަހުން މިވެކްސިން ޓެސްޓުކުރި ފުރަތަމަ މީހާ މަރުވެއްޖެކަމަށް ބުނެ އިންޓަރނެޓުގައި ވަނީ ފޭކް ހަބަރުތަކެއް ދައުރުވާން ފަށާފައެވެ.

Ad
rt

މިހަބަރު ވަނީ ރާއްޖޭގެ ބަޔެއް ނޫސްތަކުގެ ފަލަ ސުރުހީއަށްވެސް އަރާފައެވެ. ނަމަވެސް ފަހުން ވަނީ އެ ހަބަރު ޑިލީޓްކޮށްލާފައެވެ. "ކޯވިޑް19: ވެކްސިން ކާމިޔާބެއް ނުވި، ވެކްސިން ޓަރައިލް ޓެސްޓު ކުރި ފުރަތަމަ މީހާ މަރުވެއްޖެ" މި ސުރުހީގެ ދަށުން ގެނެސްފައިވާ ޙަބަރެއް ގިނަބަޔަކު އައީ ރާއްޖޭގައިވެސް މީސްމީޑިޔާގައި ދައުރުވެފައެވެ. މި ނޫހަކީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ޓީވީ ޗެނަލްއެއްވެސް ހިންގަމުން އަންނަ މީޑިޔާއެއްކަން ފާހަގަކޮށްލެވެއެެވެ.

އިންސާނުންގެ ގަޔަށް ޓެސްޓު ކުރުމަށް ހޮވާލެވުނު 800 މީހުންގެ ތެރެއިން ފުރަތަމަ މިވެކްސިން ޓެސްޓު ކުރި ދެމީހުންގެ ތެރޭގައި ހިމެނޭ އެލީސާ ވަނީ ދެކެވޭ ވާހަކަތައް ދޮގުކޮށް މީސްމީޑިޔާއަށް ވީޑިއޯއެއް ހިއްސާކޮށްފައެވެ. މިވީޑިއޯ ހިއްސާކުރަމުން އެލީސާ އެދިފައިވަނީ ފޭކް ހަބަރު ފަތުރާ މީހުންނަށް ސަމާލުކަން ނުދިނުމަށެވެ. އަދި އެކަން ކުރާ ބަޔެއްގެ ހަބަރުތައް މީސް މީޑިޔާގައި ޝެއަރކޮށް ނުހެދުމަށް އެދިފައިވެއެވެ.

ރޮއިޓާރސް އަށް އޮކްސްފޯޑުގެ އޮފިސަލަކު މަޢުލޫމާތުދެމުން ބުނެފައިވަނީ އަޖުމަބެލި ދެމީހުން މަރުނުވާކަމަށާއި ހެޔޮ ހާލުގައި ތިބި ކަމަށެވެ. ޔޫކޭގެ ޑިޕާރޓްމެންޓް އޮފް ހެލްތް އެންޑް ސޯޝިއަލް ކެއަރ ގެ އޮފިސަލް ޓުވިޓަރ އިންވެސްވަނީ މިކަން ދޮގުކޮށް ޓުވީޓެއް ކޮށްފައެވެ.

މިވެކްސިން ޓެސްޓު ކުރި ދުވަހު ބީބީސީ އަށް ދިން އިންޓަވިއުއެއްގައި އެލީސާ ބުނެފައިވާ ގޮތުގައި އޭނާ އަކީ ސައިންޓިސްޓެއް ކަމުން މި ސައިންޓިފިކް ދިރާސާއަށް ކޮންމެވެސް ގޮތަކުން އެއްބާރުލުން ދޭން ބޭނުންވާ ކަމަށެވެ.

ވެކްސިންގެ ޕްރީ-ކްލިނިކަލް ދިރާސާ ކުރިއަށް ގެންދިއުމުގައި އިސްކޮށްހުރީ ޖެނާ އިންސްޓިޓިއުޓްގެ ވެކްސިނޮލޮޖީ ޕްރޮފެސަރެއް ކަމަށްވާ ސާރާ ގިލްބާޓް ވިދާޅުވެފައިވާ ގޮތުގައި މި ވެކްސިނާއި މެދު އޭނާއަށް ވަރަށް ޔަގީންކަން އޮތްކަމަށެވެ. ވެކްސިން އުފެއްދުމަށްޓަކައި، އޮކްސްފޯޑާއި އިމްޕިރިއަލްގެ ޓީމުތަކަށް އިނގިރޭސި ސަރުކާރުން ވަނީ 40 މިލިއަން ޔޫރޯގެ އެހީތެރިކަން ދީފައެވެ.

އޮކްސްފޯޑް ޓީމުން ވެކްސިން ޓެސްޓްކުރަން ފަށާފައިވާ އިރު ލަންޑަންގެ އިމްޕީރިއަލް ކޮލެޖްގެ ޓީމެއްވެސް ދަނީ ޖޫން މަހުގެ ތެރޭގައި އެމީހުންގެ ވެކްސިން އިންސާނުންގެ ހަށިގަނޑުގައި ޓެސްޓްކުރަން ފަށަން ތައްޔާރުވަމުންނެވެ.

މީގެ އިތުރުން ވޮޝިންޓަނުގައި ހުންނަ ކައިސާ ޕާމަނެންޓެ ރިސާޗް ފެސިލިޓީގައި މިދިޔަ މަހުގެ 17 ދުވަހުވަނީ ހަތަރު ވޮލަންޓިއަރަކަށް އާ ވެކްސިން ޓެސްޓް ކުރަން ދީފަ އެވެ. މި ވެކްސިން އުފައްދާފައި ވަނީ ވައިރަސްގެ ޖެނެޓިކް ކޯޑް ކޮޕީކޮށްގެނެވެ. ނޭޝަނަލް އިންސްޓިޓިއުޓްސް އޮފް ހެލްތުން ފަންޑްކުރާ މި ޕްރޮޖެކްޓުގައި ޓްރަޔަލް އަށް ދިން ވެކްސިން ކާމިޔާބުވި ނަމަވެސް އާއްމުންނާ ހަމައަށް ވެކްސިން ލިބެން 18 މަސް ދުވަސް ނަގާނެ އެވެ.

ތަޖްރިބާކާރުން ބުނަނީ ވެކްސިން ކާމިޔާބުކަން އެނގޭނީ އަދި މަސްތަކެއް ފަހުން ކަމަށެވެ. މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުން ސައެންސްވެރިން ދަނީ ކޮރޯނާވައިރަހަށް އަވަސް ފަރުވާއެއް ހޯދޭތޯ މަސައްކަތް ކުރަމުންނެވެ.

މިފަހަރު ފެނިގެން މި އުޅޭ ކޮރޯނާވައިރަސްއަށް އަމާޒުކޮށްގެން 20 ވެކްސިނެއް ތައްޔާރުކުރުމުގެ މަސައްކަތް ދުނިޔޭގެ އެކި ގައުމުތަކުގެ އެކި ލެބޯރަޓަރީތަކުގައި ބާރު ސްޕީޑްގައި ކުރިއަށް އެބަދެ އެވެ. އޭގެ ތެރެއިން ބައެއް ވެކްސިންގެ އަސަރު ހުރި ގޮތް ބަލަން އިންސާނުން ބޭނުންކޮށްގެން ވެސް ވަނީ ޓެސްޓްތައް ފަށައިފަ އެވެ. އާންމު އުސޫލަކީ ފުރަތަމަ ޖަނަވާރުންގެ ހަށިގަނޑަށް ފޮނުވައިގެން ޓެސްޓްކުރުމެވެ. އެކަމަކު ވެކްސިން އުފެއްދުމުގެ ފަންނަށް ލިބިފައިވާ ކުރިއެރުންތަކާ އެކު، ޖަނަވާރުގެ ބައި ދޫކޮށް މި ވަގުތު ސީދާ އިންސާނުންގެ ހަށިގަނޑަށް ވެކްސިން ދީގެން، އެމެރިކާގައި އެބަ މަސައްކަތް ހިންގަ އެވެ.

ދުނިޔޭގައި އެއްވެސް ފަރުވާއެއް އަދި ނެތް ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިއަދު ވަނީ 2,994,761 އަށް އަރައިފަ އެވެ. އެ ބަލީގައި މިހާތަނަށް ވަނީ 206,992 މީހުން މަރުވެފަ އެވެ.

ކޯވިޑް19ގެ މިމުސީބާތުގެ ވަގުތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދޮގު ވާހަކަ ތަކާއި ތާކުންތާކުން ނުޖެހޭ ވާހަކަ ތައް ކޮރޯނާވައިރަސް އާއި ގުޅިގެން ފެތުރުން ވަނީ އާންމުވެފައެވެ. ބޮޑެތި ސޯޝިއަލް ނެޓްވޯކްތަކުން މިކަމަށް ވަނީ ތަފާތު އެކި ފިޔަވަޅުތައް އަޅާފައެވެ. މިކަމުގެ އުނދަގޫ ބޮޑުވެ ޑަބްލިއުއެޗްއޯއިންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ފޭކް ހަބަރު ފަތުރާ ފަރާތްތަކުގެ މައިގަނޑު ބޭނުމަކީ ލައިކް އާއި ޝެއަރ ހޯދުމެވެ. އެހެން ކަމުން ހަބަރާއި މަޢުލޫމާތު މީސްމީޑިޔާގައި ހިއްސާކުރާއިރު އެމަޢުލޫމާތަކީ ސައްޙަ މަޢުލޫމާތެއްތޯ ޔަގީން ކުރަންޖެހެއެވެ.