‏ކޯވިޑަކީ ހަމައެކަނި ނޭވާލާ ނިޒާމުގެ ބައްޔެއްނޫން ކަމަށް ވިދާޅުވެ، ރޯގާ ނުޖެހުނަސް ކޯވިޑްގެ ސަބަބުން ފެންނަ އިތުރު އަލާމާތްތަކެއް ޑރ. ފައިސަލް ކިޔާ ދެއްވައިފިއެވެ.

ރޯގާ ނުޖެހުނަސް ކޯވިޑްގެ ސަބަބުން ފެނިދާނެ ކަމަށް ޑރ. ކިޔައިދެއްވި އަލާމާތްތައް

Ad
rt

- ރަހަލުމާއި ވަސްދުވުމުގެ ހިއްސު ގެއްލުން
- ލޯ ރަތްވުން
- ހަމުގެ އެކިތަންތަން ރަތްވެ ދުޅަވުން
- އަތްފައި ހަރަކާތް ނުކުރެވުން (ހިނގައި ނުގަނެވުން)
- ވާނުވާ ނޭގުން
- ބޮލުގައި ރިއްސުން
- އަނބުރައިގަތުން

ކޯވިޑްގެ ސަބަބުން ފައިގެ އިނގިލިތައް ތަންތަން ކޮޅުން ރަތްވެ، ދުޅަވާތަން ދަނީ ފެންނަމުން ކަމަށާއި، ހަމަ އެކަނި ފެންނަނީ މި އަލާމާތޭ ދަންނަވަން އަދި އަވަސް ކަމަށްވެސް ޑރ. ވިދާޅުވިއެވެ.

ޑރ. ފައިސަލަކީ، މީސް މީޑިއާ މެދުވެރިކޮށް ކޯވިޑް އަދި މި ނޫންވެސް ބަލިތަކާއި މެދު ރައްޔިތުން ހޭލުންތެރި ކުރުމަށް ގިނަ މައުލޫމާތުތަކެއް ދެއްވަމުން ގެންދަވާ ދިވެހި ޑަކްޓަރުންގެ ތެރެއިން ޑަކްޓަރެކެވެ.

ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) އިންް ބުނެފައި ވަނީ ކޯވިޑް-19 ޖެހިއްޖެނަމަ ކޮންމެ މީހަކުވެސް ކުރާނީ ތަފާތު ތަޖުރިބާއެއްކަން ކަމަށާއި، ނަމަވެސް ބަލީގެ މައިގަނޑު އަލާމާތްތަކެއް ވާކަމަށެވެ.

މިއަލާމާތްތަކަކީ ގަދައަށް ހުންއައުން، ހިކިކޮށް ކެއްސުން އަދި ވަރުބަލިކަން އިހްސާސް ކުރެވުމެވެ.

މީގެ ތެރެއިން އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ވަގުތުން އަމިއްލައަށް އެކަހެރިވުމަށް ނުވަތަ ސެލްފް-އައިސޮލޭޓް ވުމަށް ޑަބްލިއުއެޗްއޯ އިން އިލްތިމާސްކުރެއެވެ.

އެ ޖަމްޢިއްޔާއިން ބުނެފައި ވަނީ މުޖުތަމައު ތެރޭގައި އިޖުތިމާއީ ގައިދުރު ކުރުމުގެ ސަބަބުން ވައިރަސް ފެތުރުމުގެ ފުރުސަތު ވަރަށް ބޮޑަށް ކުޑަވާ ކަމަށެވެ.