ރާއްޖޭގައި ކޯވިޑް-19 އަށް ފައްސިވި މީހުންތެރެއިން އިތުރު ދެމީހަކު ބަލިން ރަނގަޅު ވެފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.

މިރޭ ނޭޝަނަލް އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ކޯވިޑް-19 ޓާސްކް ފޯހުގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ ކޯވިޑަށް ފަރުވާ ދެމުންދިޔަ މީހުންގެ ތެރެއިން ދެމީހުން ބަލިން ރަނގަޅުވެ ދޫކޮށްލާފައި ވާކަމަށެވެ.

Ad
rt

ރަނގަޅުވެފައި ވަނީ ކޭސް 17 އަދި 19 ކަމަށްވެސް މަބްރޫކު ވިދާޅުވިއެވެ. އެ ދެމީހުންނަކީ އިނގިރޭސިވިލާތުން ރާއްޖެ އައި ފަހުން ބައްޔަށް ފައްސިވި ދެ ދިވެހިން ނެވެ.

މީގެ އިތުރުން ކޭސް 18 ވެސް ބަލިން ރަނގަޅުވެފައިވާ ކަމަށާ އޭނާގެ ދެ ޓެސްޓް ވެސް ނައްސި ވެފައިވާ ކަމަށެވެ. ނަމަވެސް ކުރިން ހާލަތު ހުރި ގޮތުން އިތުރު ޓެސްްޓެއް ހެދުމަށްފަހު ނޫނީ އޭނާ ދޫކޮށް ނުލާނެ ކަމަށް ވިދާޅުވިއެވެ. މަބުރޫކް ވިދާޅުވީ ބައެއް މީހުންނަށް ބަލިން ރަނގަޅުވުމަށްފަހު ވެސް އަލުން ބަލިޖެހިފައިވާ ކަމަށެވެ.

އިތުރު ދެ މީހަކު ރާއްޖޭގައި ކޯވިޑް-19 ބަލިން ރަނގަޅު ވުމާއި ގުޅިގެން ރާއްޖެއިން ޖުމްލަ 18 މީހުން އެބަލިން ފަސޭހަވީއެވެ.

އެޗްޕީއޭއިން އެންމެ ފަހުން އާންމު ކުރި މައުލޫމާތަށް ބަލާއިރު ރާއްޖެއިން ކޯވިޑަށް ފައްސިވި ޖުމްލަ އަދަދަކީ 128 އެވެ. އަލަށް މިބައްޔަށް ފައްސިވި މީހުންގެ ޢަދަދަކީ 20 މީހުން ކަމަށް އެޗްޕީއޭގެ މައުލޫމާތުން ހާމަވާއިރު، އޭގެ ތެރޭ ހިމެނެނީ 60 ދިވެހިންނާއި 68 ބިދޭސިންނެވެ. މާލެއިން ޕޮޒިޓިވްވީ މީހުން އަދަދު ވަނީ 107 އަރާފަ އެވެ.

މިހާތަނަށް 5441 ސާމްޕަލް ނަގާފައިވާއިރު 5071 ސާމްޕަލް ވަނީ ނައްސިވެފައެވެ. މިވަގުތު ކަރަންޓީންގައި ތިބީ 1329 މީހުންނެވެ. އައިސޮލޭޝަންގައި ތިބީ 125 މީހުންނެވެ.