ކޯވިޑް-19 އަށް ވެކްސިނެއް ހޯދުމަށް ދުނިޔޭގެ ސައިންސްވެރިން ކުރަމުންދާ ބުރަ މަސައްކަތް ތަކުގެ ތެރެއިން، ދެވަނަ ފަހަރަށް ވެކްސިނެއް އިންސާނުންގެ ހަށިގަނޑުގައި ޓެސްޓުކުރަން ފަށައިފިއެވެ.

އިނގިރޭސިވިލާތުގެ އޮކްސްފޯޑު ޔުނިވަރސިޓީގެ ޓީމަކުން ތިން މަސްދުވަހުގެ މަސައްކަތުން ތައްޔާރު ކުރި މި ވެކްސިން ފުރަތަމަ ދެވުނީ ދެ މީހަކަށެވެ.

Ad
rt

އެގޮތުން ފުރަތަމަ ޓެސްޓަށް ވެކްސިން ދެވުނު އެޑްވަޑް އަދި އެލީސާ އަށް މި ވެކްސިން ދީފައިވަނީ މިކަމަށް ހޮވާލެވުނު 800 މީހުންގެ ތެރެއިންނެވެ.

ބީބީސީ އަށް ދިން އިންޓަވިއުއެއްގައި އެލީސާ ބުނެފައިވާ ގޮތުގައި އޭނާ އަކީ ސައިންޓިސްޓެއް ކަމުން މި ސައިންޓިފިކް ދިރާސާއަށް ކޮންމެވެސް ގޮތަކުން އެއްބާރުލުން ދޭން ބޭނުންވާ ކަމަށެވެ.

މި ކަމަށް ހޮވާލެވުނު 800 މީހުގެ ތެރެއިން ކޮރޯނާ ވައިރަސްގެ ވެކްސިން ދޭނީ ދެބައިކުޅަ އެއްބައި މީހުންނަށެވެ. އަދި ދެން ތިބި މީހުންނަށް ދެނީ ކޮންޓްރޯލް ވެކްސިނެއް ކަމަށްވާ މެނިންޖައިޓިސްއިން ރައްކާތެރިވާ ވެކްސިނެކެވެ.

މި ޓެސްޓު ޑިޒައިން ކުރެވިފައިވާ ގޮތުން އެއްވެސް ވޮލެންޓިއަރަކަށް އެމީހަކަށް ދެވިފައިވަނީ ކޮން ވެކްސިނެއް ކަމެއް ނޭނގޭނެއެވެ. އެކަން އެނގޭނީ ޑޮކްޓަރުންނަށް އެކަންޏެވެ.

ވެކްސިންގެ ޕްރީ-ކްލިނިކަލް ދިރާސާ ކުރިއަށް ގެންދިއުމުގައި އިސްކޮށްހުރީ ޖެނާ އިންސްޓިޓިއުޓްގެ ވެކްސިނޮލޮޖީ ޕްރޮފެސަރެއް ކަމަށްވާ ސާރާ ގިލްބާޓް ވިދާޅުވެފައިވާ ގޮތުގައި މި ވެކްސިނާއި މެދު އޭނާއަށް ވަރަށް ޔަގީންކަން އޮތްކަމަށެވެ.

އޮކްސްފޯޑް ޓީމުން ވެކްސިން ޓެސްޓްކުރަން ފަށާފައިވާ އިރު ލަންޑަންގެ އިމްޕީރިއަލް ކޮލެޖްގެ ޓީމެއްވެސް ދަނީ ޖޫން މަހުގެ ތެރޭގައި އެމީހުންގެ ވެކްސިން އިންސާނުންގެ ހަށިގަނޑުގައި ޓެސްޓްކުރަން ފަށަން ތައްޔާރުވަމުންނެވެ.

ވެކްސިން އުފެއްދުމަށްޓަކައި، އޮކްސްފޯޑާއި އިމްޕިރިއަލްގެ ޓީމުތަކަށް އިނގިރޭސި ސަރުކާރުން ވަނީ 40 މިލިއަން ޔޫރޯގެ އެހީތެރިކަން ދީފައެވެ.