މި ޙާލަތުގައި، އަޅާ ފިޔަވަޅުތަކާއި، ނިންމާ ނިންމުންތައް އަމިއްލަ މަންފާއާއި، މަޞްލަޙަތު ޙިމާޔަތް ކުރުމަށް ކުރެވޭ މުޑުދާރު ޢަމަލުތަކެއް ކަމުގައި ވެގެން ނުވާނެކަމަށް އެންޓިކޮރަޕްޝަން ކޮމިޝަން(އޭސީސީ)އިން ބުނެފިއެވެ.
އޭސީސީއިން އެގޮތަށް ބަޔާންކޮށްފައިވަނީ އެ ކޮމިޝަނުން އެކުލަވާލި ކޯވިޑް-19 އާ ދެކޮޅަށް ކުރެވޭ ކަންކަމުގައި ކޮރަޕްޝަންގެ ހިރާސް ކުޑަކުރުމުގެ އިރުޝާދުނާމާގައިއެވެ.
އެ އިރުޝާދުނާމާގައި އޭސީސީން ބުނެފައިވަނީ ކޯވިޑް-19 ގެ މި ކުއްލި ޞިއްޙީ ކާރިސާގެ ސަބަބުން ލިބެމުންދާ ތަފާތު އެކި ގެއްލުންތައް ފުރިހަމައަށް އަންދާޒާ ކުރުމަކީ މިވަގުތަށް މުސްތަޙީލު ކަމެއް ކަމަށެވެ. އަދި މި ކާރިސާދަނީ، އެތަކެއް އިންސާނުންގެ ފުރާނަ ގެއްލުވާލައި، އެތަކެއް ބަޔަކާއި މުޖުތަމަޢުތަކެއްގެ ދިރިތިބުމުގެ ކުޅަދާނަކަމާއި ޤާބިލްކަން ނަގާލަމުން ކަމަށެވެ.
" އެހެންކަމުން، މި ޙާލަތުގައި، އަޅާ ފިޔަވަޅުތަކާއި، ނިންމާ ނިންމުންތައް ވާންވާނީ، ޢާންމު ޞިއްޙަތަށް ކުރިމަތިވެފައިވާ މި ކާރިސާއާ ދެކޮޅަށް ކުރެވޭ މަސައްކަތުގެ ފެންވަރު އިތުރަށް ރަނގަޅުވުމާއި، އަވަސްވުމާއި، ރައްޔިތުންގެ ފުރާނައާއި، މަޞްލަޙަތު އެންމެ ބޮޑަށް ޙިމާޔަތްކުރެވޭނެ ގޮތްތަކުގެ މައްޗަށެވެ. އަދި ވަކީން ޚާއްޞަކޮށް، އަމިއްލަ މަންފާއާއި، މަޞްލަޙަތު ޙިމާޔަތް ކުރުމަށް ކުރެވޭ މުޑުދާރު ޢަމަލުތަކެއް ކަމުގައި ވެގެން ނުވާނެއެވެ. އަދި، ނިންމުންތައް ނިންމެނީ ފައިސާގެ ނުރަނގަޅު ނުފޫޒުން ނުވަތަ އެހެން މަޞްލަޙަތަކަށް ބަރޯސާވެވިގެންކަމަށް ވެގެންވެސް ނުވާނެއެވެ." އޭސީސީއިން ބުނެފައި ވެއެވެ.
އޭސީސީއިން އިތުރަށް ބުނީ ރާއްޖޭގައި މީގެ ކުރިން ހިނގާފައިވާ ބޮޑެތި ކާރިސާތަކަށް ނަޒަރުކުރާއިރު، ފާހަގަކުރެވޭ ކަންކަމުގެ ތެރޭގައި، ކާރިސާތަކާ ގުޅިގެން ނިންމޭ ނިންމުންތަކުގައި، ގިނަ އަދަދެއްގެ ފައިސާއާއި ވަޞީލަތްތައް ހިމެނޭ ކަންކަމާ ގުޅޭގޮތުން، އަމިއްލަ މަސްލަޙަތު އިސްކޮށް ނާޖާއިޒު ފައިދާ ހޯދުމުގެ ޢަމަލުތައް ހިންގާފައިވާކަން ފާހަގަކުރެވިފައިވާކަމަށެވެ.
އެ ފަދަ މައްސަލަތައް އޭސީސީއަށް ހުށަހެޅި، ތަޙުޤީޤުކުރެވިފައިވާ ކަމަށާއި، އަދި އަމިއްލަ މަޞްލަޙަތު އިސްކޮށްގެން އަމިއްލަ ފައިދާއަށް މަސައްކަތް ކުރާ ފަރާތްތަކުން، ކާރިސާގެ ވަގުތުތަކުގައި، އެކަމުގެ ނާޖާއިޒު
ފައިދާނަގައި، ކާރިސާއާ ގުޅޭގޮތުން ކޮންމެހެން ކުރަންނުޖެހޭ ކަންކަން ކޮށް، އެކަންކަމަކީ، ކާރިސާއިން އަރައިގަތުމަށް ކުރި ކަމެއްގެ ގޮތުގައި ދައްކާ ކަމަށެވެ.
މިފަދަ ކަންކަމުގެ އާޚިރު ނަތީޖާއަކީ، ދައުލަތުގެ ފައިސާއާއި ވަޞީލަތްތައް އިސްރާފުވެ، ދައުލަތަށް ދިމާވެފައިވާ
އަޞްލު ކާރިސާއަށް ޚަރަދުކުރަން ހުންނަ ފައިސާ، މުހިންމު ނޫން ކޮންމެހެން ކުރަން ނުޖެހޭ ކަންކަމަށް ޚަރަދުކުރެވި، މުޅި ދައުލަތަށް، އިޢާދަނުކުރެވޭނޭ ވަރުގެ ބޮޑެތި ގެއްލުންތަކާ ކުރިމަތިލާންޖެހުން ކަމަށް އޭސީސީއިން ބުނެފައި ވެއެވެ.
" ދުނިޔެ ޞިއްޙީ އަދި އިޤްތިޞާދީ ބޮޑު ކާރިސާއެއްގެ ތެރޭގައި ވާއިރު، ދުނިޔޭގެ ހުރިހައި ގައުމަކުންވެސް ދަނީ، މި ކާރިސާތަކުން އަރައިގަތުމަށް ބޮޑެތި ހޭދަތަކަކާއި ޚަރަދުތަކެއް ކުރަމުންނެވެ. އެގޮތުން، ދިވެހިރާއްޖޭގައިވެސް މިދަނީ މި ކާރިސާއިން އަރައިގަތުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ދިވެހިރާއްޖޭގައިވެސް، މިވަނީ ފުރަތަމަ ފަހަރަށް، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު ގެ ދަށުން ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށްފައެވެ. އަދި، އެއާއެކު، ދިވެހިރާއްޖެއިން ދަނީ މި ބަލިމަޑުކަމާ ގުޅޭ "ރެސްޕޮންސް އެންޑް ޕްރިޕެއަރޑްނެސް" (އިޖާބައާއި ތައްޔާރީ) އިތުރުކުރުމުގެ ގޮތުން
މުހިންމު ، ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންނެވެ. " އޭސީސީއިން ބުނެފައި ވެއެވެ.
އެ ގޮތުން ދައުލަތުން ކުރަމުން ގެންދާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ ؛
1. ބައްޔަށް ފަރުވާކުރުމާއި ، ކޮންޓްރޯލްކުރުމާއި ، އިތުރަށް ފެތުރުނަ ނުދިނުމަށް ކުރެވޭ ކަންކަން
2. ކޮވިޑް-19 ގެ ސަބަބުން އިޤްތިޞާދީ ގޮތުން ލިބެމުންދާ ގެއްލުން ކުޑަކުރުމަށް ކުރާ ކަންކަން
3. ބަލިމަޑުކަމުގެ އަސަރު އެކި ގޮތްގޮތުން ކޮށްފައިވާ ފަރާތްތަކަށް އެހީވުމަށް ކުރެވޭ ކަންކަން
އޭސީސީން ބުނެފައިވަނީ އެ އިރުޝާދުނާމާގެ މައިގަނޑު މަޤްޞަދަކީ، ކޯވިޑް-19 އާގުޅޭ އިޖާބައިގެ (ރެސްޕޮންސް) ގޮތުގައި ދައުލަތުން ކުރަމުންގެންދާ މުހިންމު، ބޭނުންތެރި، ބުރަ މަސައްކަތްތަކުގެ މައިގަނޑު މަޤްޞަދު ޙާޞިލުކުރުމަށް ކޮރަޕްޝަނުގެ ސަބަބުން އެޅިދާނެ ހުރަސްތައް ކުޑަކުރުމަށް އެޅިދާނެ ފިޔަވަޅުތަކާއި، ކުރެވިދާނެ ކަންކަމާއި ގުޅޭ އިރުޝާދު ދިނުން ކަމަށެވެ.
" ކޯވިޑް-19 އާ ގުޅިގެން ދައުލަތުގެ ތަފާތު އެކި މުއައްސަސާތަކުންނާއި އިދާރާތަކުން ވަކިވަކީން އަދި އެކުގައި ކުރަމުން ގެންދާ އެންމެހައި މަސައްކަތްތަކާއި ކަންކަން، ކުރަމުންގެންދަނީ، ކޮރަޕްޝަނުގެ ޢަމަލުތަކުން ދުރުވެފައިވާ ވެއްޓެއްގައިކަން ޔަޤީންކުރުމަށް ކުރަންޖެހޭ ކަންކަން ފާހަގަކުރުމެވެ. " އޭސީސީން ބުނެފައި ވެއެވެ.
ކޯވިޑް-19 އާ ދެކޮޅަށް ދައުލަތުން ކުރަމުންގެންދާ މަސައްކަތްތައް ކޮރަޕްޝަނުގެ މުޑުދާރު ޢަމަލުތަކުން ސަލާމަތްކޮށް، ނަޒާހަތްތެރިކަން ޔަޤީންކުރުމަށްޓަކައި އިސްކަންދިނުން މުހިންމުކަމަށް އޭސީސީއަށް ފެންނަ ހަތް ކަމެއް އެ އިރުޝާދުނާމާގައި ވެއެވެ.
އެ ގޮތުން އޭސީސީއިން ފާހަގަ ކޮށްފައިވާ 7 ކަންތައް
- ދެފުށްފެނުމާއި، ޖަވާބުދާރީވުން ދެމެހެއްޓުން.
- ދައުލަތުގެ މާލިއްޔަތު، ޕްރޮކިއުމެންޓްގެ ނިޒާމުގައި ހިންގާ ކޮރަޕްޝަން މަދުކުރުން.
- ފާރަވެރިވުމުގެ ނިޒާމްތައް ހަރުދަނާ ކުރުން.
- އިޖުތިމާއީ އަދާލަތު ޤާއިމުކޮށް ނިންމާ ނިންމުމުގައި ނަޒާހަތްތެރިކަން ޔަޤީން ކުރުން.
- އިޤްތިޞާދީ ސްޓިމިއުލަސް/ރިލީފާއި ގުޅޭ ކަންކަމާއި، ކާރިސާއާއި ގުޅިގެން އަލަށް ހިންގާ ޕްރޮގްރާމްތަކުގެ ނަޒާހަތްތެރިކަން ޔަޤީން ކުރުން.
- ލިޔެކިޔުން ބެލެހެއްޓުމުގެ ނިޒާމު ހަރުދަނާ ކުރުން.
- އިދާރާތަކުގެ ހިންގުމުގެ ނިޒާމްގައި ކޮރަޕްޝަނަށް އޮންނަ ފުރުޞަތު ހަނިކުރުން.
މިފަދަ އިރުޝާދުތައް ފުރިހަމައަށް ތަންފީޒުކުރެވި، ޢަމަލުކުރެވުމަކީ، ދައުލަތުން ކުރަމުންގެންދާ މަސައްކަތްތަކައް ރައްޔިތުންގެ މެދުގައި އޮންނައިތުބާރު އިތުރުވާނެ ކަމަށް އެ އިރުޝާދުނާމާގައި އޭސީސީއިން ބުނެފައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!