އެޕަލްގެ އެޕް ސްޓޯރ ހިމެނޭހެން އެކުންފުނީގެ ގިނަ ޚިދުމަތްތައް ރާއްޖެއަށް ރަސްމީކޮން ތަޢާރަފް ކޮށްފިއެވެ. މިޚިދުމަތްތައް ރާއްޖެ ހިމެނޭ ގޮތަށް މުޅިން އާ 20 ގައުމަކަށް ތަޢާރަފު ކުރިކަމަށް އެޕަލް އިން ހާމަކޮށްފައި ވަނީ އިއްޔެ އެވެ.

އެޕަލް އިން އިއްޔެ ނެރުނު ބަޔާނެއްގައިވާ ގޮތުން، ރާއްޖެއާ އެކު ޖުމްލަ 20 ގައުމަކަށް އެޕަލްގެ އެޕް ސްޓޯ، އެޕަލް މިއުޒިކް، އެޕަލް ޕޮޑްކާސްޓް، އެޕަލް އާކޭޑް އަދި އައިކްލައުޑްގެ ޚިދުމަތް އިއްޔެއިން ފެށިގެން ލިބޭނެ އެވެ.

Ad
rt

އެޕަލް އެޕް ސްޓޯ އިން ލިބޭ ހުރިހާ ޚިދުމަތްތަކެއް، އާ ގައުމުތަކަށް ފުޅާ ކުރާނެ ކަމަށް އެކުންފުނީން ދާދި ފަހުން އިއުލާނުކޮށްފައިވަނީ އެ ކުންފުނީގެ ޑިވެލޮޕާ ޕޯޓަލްގަ އެވެ.

2008 ވަނަ އަހަރު އެ ކުންފުނިން ތައާރަފްކުރި އެޕް ސްޓޯގައި 2.5 މިލިއަނަށް ވުރެ ގިނަ އެޕްލިކޭޝަން ހުންނައިރު، މި ސްޓޯގެ ހިދުމަތް ދުނިޔޭގެ 155 އަށް ވުރެ ގިނަ ގައުމަށް މިހާރު ލިބެ އެވެ. ކުރިން މާކެޓްޕްލޭސްގެ ހިދުމަތް ބޭނުންވާނަމަ ރާއްޖޭގެ އެޕަލް ޔޫސަރުންނަށް ޖެހޭނީ އެ ހިދުމަތް ލިބޭ ގައުމެއް ނަގާށެވެ. ގިނަ ދިވެހިން ބޭނުންކުރަމުން އައީ އެމެރިކާ އެވެ. ނަމަވެސް އޭގެ ސަބަބުން ބިލިން އެޑްރެސް އަށް އެކި ކަހަލަ އުނދަގޫތައް އައީ ކުރިމަތިވަމުންނެވެ. އެހެންކަމުން އެޕް ސްޓޯގެ ހިދުމަތާއި އެޕްތަކަށް ފައިސާ ދެއްކުމަށް އެކި ޕްލެޓްފޯމުތައް ބޭނުންކޮށްގެން އެޕަލް ގިފްޓް ކާޑު ގަންނަން ޖެހުނެވެ. މިއާއި އެކު މިކަމަށް ހައްލެއް ލިބިގެން ދާނެއެވެ.

އައިކްލައުޑަކީ ތަފާތު މުހިންމު ޑޮކިއުމަންޓްތަކާއި ފައިލްތައް ޑިޖިޓަލްކޮށް ރައްކާތެރިކޮށް ބަލަހައްޓައިދޭ ހިދުމަތެކެވެ. އެޕަލް އާކޭޑަކީ ގޭމިން އިން އަށް ހާއްސަކޮށް އެޕަލް އިން މިދިޔަ އަހަރު ތައާރަފްކުރި ހިދުމަތެކެވެ. އަދި އެޕަލް މިއުޒިކަކީ ދުނިޔޭގެ އެންމެ މަގުބޫލް އެއް މިއުޒިކް ސަބްސްކްރިޕްޝަން އެވެ.