މާލެއިން 8 ވަނަ މީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ. މި މީހާ އައިސޮލޭޝަން ފެސިލިޓީއެކަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

މިއީ މާލެއިން މިއަދު ކޯވިޑަށް ޕޮޒިޓިވްވި 5 ވަނަ މީހާއެވެ. ރާއްޖެއިން މިހާތަނަށް ކޯވިޑަށް ޕޮޒިޓިވްފައިވަނީ 28 މީހެކެވެ. މީގެ ތެރެއިން 8 މީހުންނަކީ މާލެއިން ކޯވިޑަށް ޕޮޒިޓިވް ވެފައިވާ މީހުންނެވެ.

މާލެއިން ކޯވިޑަށް ޕޮޒިޓިވް ވެފައިވާ މީހުން:

  • 15 އޭޕްރީލް - އެކަކު
  • 16 އޭޕްރީލް - 2 މީހުން
  • 17 އޭޕްރީލް - 5 މީހުން

ކޯވިޑް 19 އިން ރައްކާތެރިވުމަށާއި، މުޖުތަމައުގައި ބަލި ފެތުން ކޮންޓްރޯކުރުމަށް ކަމާއިބެހޭ ފަރާތްތަކުން ދަނީ ހަރުކަށި ވަރުގަދަ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން މާލެ ސިޓީ ހިމެނޭ ސަރަހައްދު ލޮކްޑައުންކޮށް، އަތޮޅުތެރޭގެ ރަށްތަކުގެ މެދުގައި ދަތުރުފަތުރުކުރުން ހުއްޓާލުމަށް ވަނީ އަންގާފައެވެ.

މިއަދު މާލެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 2 މީހުންނަކީ ކޯވިޑަށް މިހާތަނަށް މާލެއިން ޕޮޒިޓިވްވި އެއްވެސް މީހަކާއި ސީދާ ދިމާވެފައިވާ ބައެއް ނޫންކަމަށް ނޭޝަނަލް އެނެޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއެވެ.

ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޓެގްޓީމްގެ ޑޮކްޓަރ، ޑރ.ނަޒްލާ ވީދާޅުވީ މިއަދު މާލެ އިން ޕޮޒިޓިވްވި ކޭސް ނަންބަރު 27 އަދި 28 އަކީ މާލެއިން ބަލި ޖެހުނު މީހުންނާއި އެއްވެސް ވަރަކަށް ކޮންޓެކްޓްވެފައިވާ މީހުން ނޫންކަމަށެވެ.

މިމީހުންނަށް ބަލި ޖެހުނު ގޮތް މިހާރު ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ. ޑޮކްޓަރ ވިދާޅުވީ މިކަމުގައި ހުރިހާ ރައްޔިތުން ޚާއްސަ ސަމާލުކަމެއް ދެއްވައި މިވަގުތު ގޭގައި ތިއްބެވުމަކީ ވަރަށް މުހިންމު ކަމެއްކަމަށެވެ.

ޑރ.ނަޒްލާ ވިދާޅުވީ މާލެއިން ކޯވިޑް-19އަށް ކުރިން ޕޮޒިޓިވްވި މީހުންނާ ސީދާ ދިމާނުވާ މީހަކު މި ބައްޔަށް ޕޮޒިޓިވްވުމަކީ މި ބަލި މުޖުތަމަޢުގެ ތެރޭގައި ފެތުރެންފަށައި ބަލީގެ ނުރައްކާ ބޮޑުވަމުންދާކަން ހާމަވާ ކަމެއްކަމަށެވެ. އެހެންކަމުން ކަމާ ގުޅުންހުރި ފަރާތްތަކުން ދެމުންދާ މަޢުލޫމާތާއި އިރުޝާދުތަކަށް ތަބާވެ އަމަލު ކުރުމަކީ މުހިންމު ކަމެއްކަމަށެވެ.

ގެއިން ބޭރަށް ނުދިއުމާއި މީހުންނާ ބައްދަލުކުރުން ހުއްޓާލުމަކީ މި ބަލި ފެތުރުން ހުއްޓުވުމަށް ކުރެވޭނެ އެންމެ މުހިންމު ކަންކަމަށް ކަމާ ގުޅުންހުރި ފަރާތްތަކުން ދަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އަދި މިއީ އާންމު ރައްޔިތުންގެ ރައްކާތެރިކަމަށް ކުރެވޭ މުހިންމު ކަމެކެވެ.