އާސަންދަ ކުންފުންޏާއި ސިއްހީ ހިދުމަތް ދޭ ބައެއް މަރުކަޒުތައް ގުޅިގެން އޮންލައިން ކްލިނިކްތަކެއް ގާއިމްކޮށްފިއެވެ.
އާސަންދަ ކުންފުނިން ބުނި ގޮތުގައި މާލެ އިން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވެ، ކޮންޓެކްޓް ޓްރޭސިން އަށް މާލެ ލޮކްޑައުން ކޮށްފައިވާ މި ހާލަތުގައި އާސަންދަ ކުންފުންޏާ ސިއްހީ ހިދުމަތް ދޭ ބައެއް މަރުކަޒުތައް ގުޅިގެން އޮންލައިން ކްލިނިކްތަކެއްގެ އިންތިޒާމު ހަމަޖައްސާފައި ވާކަމަށެވެ.
އެގޮތުން ހަމަޖައްސާފައި ވަނީ މާލެ ސިޓީ އިން ނުވަ މަރުޒަކާއި އައްޑޫ ސިޓީން އެއް މަރުކަޒެކެވެ.
މާލެ ސިޓީއިން އޮންލައިންކޮށް ސިއްހީ ޚިދުމަތް ދިނުމަށް ހަމަޖެއްސި މަރުކަޒުތައް
- އޭޑީކޭ، ކ. މާލެ - 3313553
- ސެނަހިޔާ ހޮސްޕިޓަލް، ކ. މާލެ - 7969897
- ކުލުނު މެޑިކަލް، ކ. މާލެ - 4003311
- ޕްރައިމެކްސް މެޑިކެއާ، ކ. މާލެ - 3330511
- ފެމިލީ ކެއާ، ކ. މާލެ - 3300767
- އިމޭޖް ސެންޓަރު، ކ. މާލެ - 3302051
- އިންސްޓިޓިއުޓް އޮފް މެޑިކަލް ވެބް ބިއިން، ކ. މާލެ - 3337892
- އައިކެއާ ހޮސްޕިޓަލް، ކ. މާލެ - 3321026
- ފަސްޓް ކެއާ މެޑިކަލް ސެންޓަރު، ކ. މާލެ - 3329449
މީގެ އިތުރުން އައްޑޫ ސިޓީއިން އޮންލައިން ކޮށް ހިދުމަތްދިނުމަށް ކަނޑައަޅާފައި ވަނީ އެސިޓީގެ ފޭދޫގައި ހުންނަ އެއިމްސް ޑައިގްނޯސްޓިކް ސެންޓަރެވެ.
އާސަންދަ އިން ބުނީ އެ ކުންފުނީގެ އިސްތިމާސް އަކީ މި ހާލަތުގައި ހުރިހާ އެންމެން ވެސް ރައްކާތެރި ކަމަށް އިސްކަންދީ އެޗްޕީއޭއާއި ކަމާ ގުޅުން ހުރި އިދާރާތަކުން ދޭ އިރުޝާދުތަކާ އެއް ގޮތަށް އަމަލު ކުރުން ކަމަށެވެ.
ކޮވިޑް-19އާ ގުޅިގެން އެޗްޕީއޭއިން މިއަދު ވަނީ 24 ގަޑިއިރަށް މާލެސިޓީ “ލޮކްޑައުން” ހާލަތަށް ގެނެސްފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިމުއްދަތަށް ބަދަލެއް ގެންނަ ނަމަ އެކަން ނިންމާނީ މާދަމާއެވެ.
މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ ދިވެހި އަންހެނެކެވެ. މިއީ މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވި ހަ ވަނަ ދިވެއްސެވެ. މީގެ ކުރިން މި ބައްޔަށް ޕޮޒިޓިވް ވެފައިވަނީ އިނގިރޭސިވިލާތުން ރާއްޖެ އައި ހަތަރު ދިވެއްސަކާއި، ފިލިޕީންސް އިން ރާއްޖެ އައި މީހެކެވެ.
އެ ހަތަރު މީހުންގެ ގައިން ވެސް ބަލި ފެނިފައި ވަނީ ކަރަންޓީނުގައި ތިއްބަ އެވެ.
މާލެ ތެރެއިން ފުރަތަމަ ފަހަރަށް މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު ރާއްޖޭގައި ކޮރޯނާވައިރަސް ކޮމިޔުނިޓީ ސްޕްރެޑް ނޫނީ މުޖުތަމައުގެ ތެރެއަށް ފެތުރިއްޖެ ނަމަ، 98،000 މީހުންނަށް ބަލިޖެހޭނެ ކަމަށް އެޗްޕީއޭ އިން އެކުލަވާލި ދިރާސާއިން ވަނީ ދައްކައިފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!