މާލޭގައި (މާލެ، ހުޅުމާލެ، ވިލިމާލެ) މަގުމައްޗަށް ނިކުމެ އުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުން 24 ގަޑިއިރަށް މަނާ ކޮށްފިއެވެ.
އެޗްޕީއޭއިން ދެންމެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކައުތެރި ކަމަށް ޓަކައި،
ޤާނޫނު ނަންބަރު 7/2012 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ ދަށުން އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމުގެ ގޮތުން، ބުނެވިދިޔަ ޤާނޫނުގެ 33 ވަނަ މާއްދާގެ ދަށުން، އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތެއް، 12 މާރިޗު 2020 ގައި، މިނިސްޓަރ އޮފް ހެލްތު އިޢުލާނު ކޮށްފައި ވީ ހިނދު،
ބުނެވިދިޔަ ޤާނޫނުގެ 34 ވަނަ މާއްދާގެ (ރ) އާއި (ށ) ގެ ދަށުން، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ
ހައިސިއްޔަތުން ލިބިދޭ ބާރުގެ ދަށުން، މި އެންގުން އަންގާ ވަގުތުން ފެށިގެން، ވަކި ގޮތެއް އަންގަންދެން 24
ގަޑިއިރަށް އަންނަނިވި ފިޔަވަޅުތައް އެޅުމަށް އަންގާކަމަށެވެ. އެގޮތުން އެބަޔާނުގައކ ބަޔާންކޮށްފައިވާ ކަންކަމަކީ:
1. މާލެ، ހުޅުމާލެ، ވިލިމާލޭގައި އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި ޢާންމު ތަންތަނަށް ނިކުތުން މަނާކުރުން.
2. މާލެ، ހުޅުމާލެ، ވިލިމާލޭގައި ޕަބްލިކް ޓްރާންސްޕޯޓު (ބަހާއި ފެރީ) ގެ ޚިދުމަތް ހުއްޓައިލުން.
3. މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި، ގުޅިފަޅަށް މީހުން އަރައި ފޭބުން ހުއްޓައިލުން.
މަތީގައި ބަޔާންކޮށްފައިވާ ފިޔަވަޅުތަކުން ތިރީގައި މިވާ ފަރާތްތަށް އިސްތިސްނާވާނެއެވެ.
1. ސިފައިންނާއި ފުލުހުން.
2. ޞިއްޙީ ޚިދުމަތް ދޭ އިދާރާތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު
3. އެމްބިއުލަންސް
4. ނެޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރ (އެން.އީ.އޯސީ) ގެ ފާސް ލިބިފައިވާ ފަރާތްތައް.
5. ނެޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރ (އެން.އީ.އޯ.ސީ) ގެ ފާސް ލިބިފައިވާ މީޑިއާތައް.
މަތީގައި ބަޔާންކޮށްފައިވާ އިސްތިސްނާ ހާލަތްތަކުގެ އިތުރުން، އެޗްޕީއޭއިން ކަނޑައަޅާ ޚާއްޞަ ހާލަތްތަކުގައި، އަންގާ ގޮތެއްގެ މަތިން ޢަމަލުކުރެވޭނެކަމަށާއި އަދި އިސްވެ ދެންނެވި ފިޔަވަޅުތައް ތަންފީޛުކުރުމުގައި ވަގުތަށާއި ޙާލަތަށް
ރިޢާޔަތްކޮށްއަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމާއި ޟަރޫރީ ބޭނުންތަކަށް މަގުފަހިކޮށްދިނުމުގެ ކަންކަން ހަމަޖައްސާނީ
މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކަމަށާއި މަތީގައިވާ ފިޔަވަޅުތައް ތަންފީޛުކޮށް، އެ ފިޔަވަޅުތަކަށް ފުރިހަމައަށް ޢަމަލުކުރުމަށް، އެންމެހައި އިދާރާތަކަށާއި ފަރާތްތަކަށް އަންގާކަމަށް ބުނެފައިވެއެވެ.
މި އެންގުމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށްވެސް އެންމެހައި ފަރާތްތަކަށް އަންގާކަމަށް ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!