ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ފިޔާ، އަލުވި އަދި ބިހުގެ އަގު ވަރަށް ބޮޑަށް ހެޔޮކޮށްފިއެވެ.

މިއަދު އެސްޓީއޯއިން ގެނައި މި ބަދަލާއެކު ކުރިން 15 ރުފިޔާއަށް ލިބެންހުރި ފިޔާ ކިލޯއެއް 11 ރުފިޔާއަށް ލިބޭނެއެވެ. އަދި އަލުވި ކިލޯއެއް 12 ރުފިޔާއަށް އަދި ބިހެއް 1.50 ރުފިޔާއަށް ލިބޭނެކަމަށް އެސްޓީއޯއިން ބުނެފައިވެއެވެ.

Ad
rt

މީގެ އިތުރުން ކުރިން 325 ރުފިޔާއަށް ހުރި ފިޔާ ބަސްތާއެއް މިހާރު 255 ރުފިޔާއަށް ލިބޭނެކަމަށެވެ. ބިސް ކޭސް ކުރިން 290 އަށް ވިއްކި ނަމަވެސް މިހާރު 260 ރުފިޔާއަށް ބިސް ކޭސް ގަންނަން ލިބޭނެކަމަށް އެސްޓީއޯއިން ބުނެއެވެ. އަލުވި ބަސްތާއެއް ކުރިން ވެސް ހުރި ވަރަށް 250 ރުފިޔާގައި ކޮންޓްރޯލްކޮށްފައިވާކަމަށް ބުނެފައިވެއެވެ.

ސަރުކާރުން ފިޔާ އަދި އަލުވީގެ އަގުކޮންޓްރޯލްކުރުމުގެ ކުރިން ބައެއް ފަރާތްތަކުން ފިޔާ ކިލޯއެއް ވިއްކަމުންދިޔައީ 30 - 40 ރުފިޔާއާ ދެމެދުގެ އަގެއްގައެވެ. ނަމަވެސް މިހާރު އަގު ކޮންޓްރޯލްކޮށްފައިވާއިރު، ފިޔާ އަދި އަލުވި ކިލޯއެއް ވިއްކޭނެ އެންމެ މަތީ އަގަކީ 20 ރުފިޔާއެވެ. އަދި ބިހެއް ވިއްކޭނީ 1 ރުފިޔާ 80 ލާރިއަށެވެ.

ކޯވިޑް-19 ސަބަބުން ކުރިމަތިވެފައިވާ ހަލާތުގައި ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ބާވަތްތައް ފޯރުކޮށްދިނުމަށް އެސްޓީއޯއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި ކުރިއަށް އޮތް ރޯދަމަހަށް އާންމުކޮށް ބޭނުންކުރާ ކާޑުގެ ބާވަތްތަކާއި އަލުވި ފިޔާ އަދި ބިސް ހުސްނުވެ އާންމުންނަށް ފޯރުކޮށްދިނުމަކީ އެސްޓީއޯގެ މުހިއްމު އަމާޒެކެވެ.