މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ރޭ ފިލިޕީންސުން ރާއްޖެ ގެނައި 47 ދަރިވަރުންގެ ތެރެއިން އެކަކު ކޮވިޑް-19 އަށް ފައްސިވެފައި ވާތީ، ދެން ތިބި ދަރިވަރުންގެ ކަރަންޓީނުގެ މުއްދަތު އިތުރުކުރަން ނިންމާފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.
އެކަން ހާމަކުރެއްވީ ކޮވިޑް-19 ގެ އެންމެ ފަހުގެ މަޢުލޫމާތު ދިނުމަށް މިރޭ ނޭސަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލްވުމުގައި ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒެވެ.
މަބްރޫކް ވިދާޅުވީ މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ރޭ ފިލިޕީންސުން ރާއްޖެ ގެނައި އެންމެން ވެސް ތިބީ އެރިޔަދޫ ރިސޯޓުގައި ކަމަށެވެ.
އެ މީހުން ދޫކޮށްލަން ވެގެން ހެދި ދެ ވަނަ ޓެސްޓުގެ ތެރޭގައި އެކަކު ފައްސިވެފައި ވާތީ، 14 ދުވަސް ހަމަވިޔަސް، ސިއްހީ މާހިރުންގެ ލަފައާއި އެކު، އެ އެންމެން ވެސް އިތުރަށް ބަލަން ޖެހޭ ކަމަށްވެސް މިރޭ މަބްރޫކް ވިދާޅުވި އެވެ.
މަބްރޫކް ވިދާޅުވި ގޮތުގައި އެ އެންމެން ވެސް ރާއްޖެ އައީ އިނގިރޭސިވިލާތުން ވެސް ގެނައި ބަޔަކާ އެކު ގަތަރު މަގުން އެއް ފްލައިޓެއްގައި ކަމަށެވެ. އެހެންވެ، ދެން ހެދޭނެ ގޮތްތަކެއް ބަލައި، އިތުރު މައުލޫމާތު ފަހުން ދެއްވާނެ ކަމަށް ވިދާޅުވި އެވެ.
މި ބައްޔަށް ފައްސިވި ފަސް ވަނަ މީހާއަކީ ފިލިޕީންސްގައި ޑޮކްޓަރު ކަމާއި ޕައިލެޓްކަން ކިޔަވަން ތިބި އެ ދަރިވަރުންގެ ތެރެއިން އެކަކެވެ.
ފަރުވާއެއް ހޯދިފައިވާ ނުވާ ކޮވިޑް-19 އަށް ރާއްޖެ އިން މިހާތަަނަށް 20 މީހަކު ޕޮޒިޓިވްވެ 14 މީހަކު ވަނީ ރަނގަޅުވެފަ އެވެ. މިހާރު ބަލިން ރަނގަޅު ނުވެ ތިބީ ހަތަރު ދިވެހިންނާއި ރާއްޖެ އިން ދިޔަ ފަހުން ލިބުނު ސާމްޕަލްގެ ނަތީޖާ ޕޮޒިޓިވްވި އިޓަލީގެ ދެ ޓޫރިސްޓުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!