އާންމު ދިރިއުޅުމަށް ބޭނުންވާނެ ކޮލިޓީ ތަކެތި ގޭގައި ތިބެގެން ވިޔަފާރިކޮށްލެވުމަކީ ރަނުގެ ފުރުސަތަކަށް ނޫނީ ނުވާނެއެވެ. އިޖުތިމާޢީ ގައިދުރުކަން އިސްކޮށް ވީހާވެސް އެކަހެރިވެ ގެއިން ބޭރަށް ނުނިކުމެ އުޅުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރައްވަމުން ގެންދަވާ މިދަނޑިވަޅުގައި އެސްޓީއޯއީން ދިވެހި ރައްޔިތުންނަށް ފަހިކޮށްދީފައިމިވަނީ ވަރަށް އަގު ހުރި ޚިދުމަތެކެވެ. މި ހާލަތުގައި ފިހާރަތަކަށް ގޮސް ތޮއްޖެހި ދިގު ކިޔުތަކުގައި ތިބުމުގެ ބަދަލުގައި ގޭގައި ތިބެގެން މިހާރު ވިޔަފާރި ކޮށްލެވޭނެއެވެ.

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން މި ވަނީ އެސްޓީއޯ ސުޕަރމާކެޓުން ވިއްކާ ތަކެތި ކަސްޓަމަރުންނަށް އޮންލައިންކޮށް ގަތުމުގެ ފުރުސަތު ހުޅުވާލާފައެވެ. މިކަމަށް ހާއްކޮށް އެސްޓީއޯއިން ތަޢާރަފްކޮށްފައިވާ ވެބްސައިޓް "އީސްޓޯރ.އެމްވީ" އަށް ޒިޔާރާތްކޮށްލުމުން އެސްޓީއޯ ސުޕަރމާކެޓުން ވިއްކާ ކާބޯތަކެއްޗާއި ގޭތެރޭގައި ބޭނުންކުރާ ސާމާނާއި އެހެނިހެން ތަކެތި އޮންލައިންކޮށް ގަނެވޭނެކަމަށް އެސްޓީއޯއިން ބުނެއެވެ.

Ad
rt

Image

މި ވެބްސައިޓުގެ ހޯމް ޕޭޖުގައި އެސްޓީއޯ ސުޕަރމާކެޓުން ވިއްކާ ތަކެތީގެ ފޮޓޯތަކާއި އަގުތަކާއި މި ތަކެތި ގަނެވޭނެ އެންމެ ގިނަ މިންވަރު ކަނޑައަޅާފައިވެއެވެ. ހޯމް ޕޭޖުން ނުފެންނަ ބާވަތެއްނަމަ 'ސާޗް' ބަޓަންއިން ބޭނުންވާ އެއްޗެއް ހޯދާލެވެން ވެސް ހުރެއެވެ. އަދި މިތަނުން އެމީހަކު ބޭނުންވާ އެއްޗެއް ނެންގެވުމުން 'ކާޓް' ނުވަތަ ވަށިގަނޑަށް ލެވެއެވެ. ވަށިގަނޑަށް ލާ ހިސާބުން އެކަސްޓަމަރެއްގެ މަޢުލޫމާތު ފުރަން ޖެހޭނެއެވެ. މަޢުލޫމާތު ފުރުމަށްފަހު ބީއެމްއެލް އޮންލައިން ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ގަތް ތަކެއްޗަށް ފައިސާ ދައްކާލެވޭނެއެވެ.

ކަސްޓަމަރު ގަތް ތަކެތި 20 ރުފިޔާގެ ޗާޖަކާއެކު މާލެއާއި ހުޅުމާލެ، ހުޅުލެ އަދި ވިލިމާލެއަށް ޑެލިވަރކޮށްދެވޭނެއެވެ. އޮންލައިންކޮށް ވިޔަފާރި ކުރުމުގެ އިތުރުން އެސްޓީއޯގެ ފިހާރައަށް ޒިޔާރާތްކޮށްގެން ވެސް މިތަކެތި ބައްލަވައިގަނެވޭނެއެވެ. އެސްޓީއޯއިން ބުނީ ކޮންމެ ދުވަހަކު ވެސް ރޭގަނޑު 10 ޖެހުމުގެ ކުރިން ގަތް ތަކެތި ބަލާ އަންނަން ޖެހޭނެކަމަށެވެ.

އެސްޓީއޯ ސުޕަރމާކެޓުން ވިއްކާ ތަކެތި ފަސޭހަކަމާއެކު އާންމުންނަށް ފޯރުކޮށްދިނުމަށްޓަކައި އެސްޓީއޯއިން ދަނީ ގިނަ މަސައްކަތްތަކެއްކުރަމުންނެވެ.

Image

ކުރިއަށްއޮތީ ރަމަޟާންމަސްކަމަށް ވުމާއެކު އެސްޓީއޯއިން ދަނީ ފިޔާ، އަލުވި، ބިސް އާންމުންނަށް ހެޔޮ އަގެއްގައި ފޯރުކޮށްދެމުންނެވެ. އެގޮތުން ފިޔާ ކިލޯއެއް 15 ރުފިޔާއަށް، އަލުވި ކިލޯއެއް 12 ރުފިޔާއަށް އަދި ބިހެއް 1.50 ލާރިއަށް އެސްޓީއޯއިން ދަނީ ވިއްކަމުންނެވެ. އެސްޓީއޯއިން ބުނީ މިތަކެތި އެސްޓީއޯގެ 'އީސްޓޯރ.އެމްވީ' އިން ވެސް ގަންނަން ލިބޭނެކަމަށެވެ.