7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގައި ބަޔާންކުރާ މުއްދަތުގައި ލޯކަލް ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބު ބޭއްވެން ނެތްކަމަށް ކަނޑައަޅައި، އިލެކްޝަން ކޮމިޝަނުން އެކަން ޢާންމުކޮށް އިޢުލާންކޮށްފިއެވެ.
ކުރިން އިންތިޚާބު ފަސްކުރުމާއި ގުޅޭ، އިލެކްޝަން ކޮމިޝަނުން (އީސީ)ގެ 12 މާރިޗު 2020 އިޢުލާނާއި ޙަވާލާދީ، އީސީއިން މިއަދު ކުރި ޢިއުލާންގައި ބުނީ 12 މާރިޗްގެ އިޢުލާނުގައި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 އެޕްރީލް 18 ގައި ބޭއްވުމަށް އެ ކޮމިޝަނުން އިޢުލާންކޮށްފައިވަނިކޮށް، ދުނިޔޭގެ އެކި ޤައުމުތަކުގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ދިވެހިރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި އިޢުލާންކޮށްފައިވާ ޢާންމު ޞިއްޙައްތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތު 2020 އެޕްރީލް 30 ގެ ނިޔަލަށް ދެމެހެއްޓުމަށް ނިންމައި، މިނިސްޓްރީ އޮފް ހެލްތުގެ ނަންބަރު: 2020/2 (10 އެޕްރީލް 2020) ޤަރާރުން ވަނީ އެކަން އިޢުލާންކޮށްފައި ވާކަމަށެވެ.
އިންތިޚާބުގެ ކަންކަން ހިނގަނީ ބިރުވެރިކަމެއް ނެތް މާހައުލެއްގައި ރައްޔިތުންނަށް ވޯޓުލުމުގެ ޙައްޤު ފުރިހަމައަށް އަދާކުރެވޭ ގޮތަށްކަން ކަށަވަރު ކުރުމަކީ އިލެކްޝަންސް ކޮމިޝަންގެ ޒިންމާއެއްކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 170 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާކަމަށްވެސް އީސީގެ ޢިއުލާނުގައި ބުނެފައިވެއެވެ.
އީސީއިން ބުނީ ޤާނޫނު ނަންބަރު: 8/2008 (އިލެކްޝަންސް ކޮމިޝަންގެ ޤާނޫނު) ގެ 17 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ ވާޖިބުތަކާއި މަސްއޫލިއްޔަތު އަދާކުރުމުގައި ޤައުމީ މަސްއޫލިއްޔަތާއި ރައްޔިތުންގެ ލާބައާއި މަންފާ އަބަދުމެ ކުރިއަށްނެރެ އިސްކަންދޭންވާނެކަމަށް ބަޔާންކޮށްފައިވާތީ، މިނިސްޓްރީ އޮފް ހެލްތުގެ ނަންބަރު: 2020/2 ޤަރާރާ ގުޅިގެން އިންތިޚާބު ބޭއްވޭނެ މާހައުލެއް ނެތަތީ، ޤާނޫނު ނަންބަރު: 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގައި ބަޔާންކުރާ މުއްދަތުގައި އިންތިޚާބު ބޭއްވެން ނެތްކަމަށް ކަނޑައަޅައި، އެކަން ޢާންމުކޮށް އިޢުލާންކުރާ ކަމަށެވެ.
" ދިވެހިރާއްޖޭގައި އިޢުލާންކޮށްފައިވާ ޢާންމު ޞިއްޙައްތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ނިމި، އިންތިޚާބު ބޭއްވޭނެ މާޙައުލެއް ޤާއިމުވުމާއެކު ނުވަތަ މިކަމުގައި ޢަމަލުކުރާނެ ޤާނޫނީ ޙައްލެއް ލިބުމާއެކު 2020 ވަނަ އަހަރު ބޭއްވުމަށް ހަމަޖައްސާފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާ ގުޅިގެން މިކޮމިޝަނުން އިތުރަށް ކަނޑައަޅާ ގޮތެއް އިޢުލާންކުރާނެ ވާހަކަވެސް ދެންނެވީމެވެ." އީސީއިން މިއަދު ކުރި ޢިއުލާންގައި ބުނެފައި ވެއެވެ.
ހުސްވި އޭޕްރިލް މަހުގެ 4 ވަނަ ދުވަހު ބާއްވަން ފުރަތަމަ ކަނޑައެޅި އެ އިންތިޚާބު، ކޮވިޑް-19 އާއި ގުޅިގެން އީސީއިން ވަނީ އޭޕްރިލް 18 އަށް ފަސްކޮށްފައެވެ. އޭގެ ފަހުންވެސް އިންތިޚާބު ބޭއްވޭ ފަދަ މާހައުލެއް ނެތަތީ އީސީއިންވަނީ އިންތިޚާބު ފަސްކުރުމުގެ މައްސަލަ ކޯޓު މަރަހަލާއިން ހައްލު ކުރުމުގެ މަސައްކަތް ފަށާފައެވެ.
އިންތިޚާބު ފަސްކުރުމުގެ ފަރުވާ ހޯދުމަށް ފުރަތަމަ އީސީއިން މައްސަލަ ވެއްދީ ހައިކޯޓަށެވެ. ފަހުން އެމައްސަލަ ހައިކޯޓުން ނަގައި ރާއްޖެގެ އެންމެ މަތީ ކޯޓު، ސްޕްރީން ކޯޓަށް ހުށަހަޅާފައި ވަނިކޮށް، އެމައްސަލައަށް މަޖިލިސް ތެރެއިން ހައްލު ހޯދައިދޭނެކަމަށް މަޖިލިސްއިން ބުނުމުން މިހާރު އެމައްސަލަވަނީ ސްޕްރީމް ކޯޓުންވެސް ނަގާފައެވެ.
މަޖިލިސްގައި އެމައްސަލައާއި ގުޅޭ ދެ ބިލެއް އޮތް ނަމަވެސް މިހާތަނަށް އަދި ޤާނޫނީ ފަރުވާއެއް އެމައްސަލައަށް ހޯދިފައެއް ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!