ކޯވިޑް19 ގެ ސަބަބުން ފުރަބަންދުގައި ތިބޭ މީހުން ކޮންމެހެންވެސް ބަލާލަންޖެހޭ "އިންވެސްޓިގޭޝަން" ރިޕޯޓުތަކުގެ ތެރޭގައި، ދިވެހި ސަރުކާރުން ހިންގާފައިވާ ހިޔާނާތާއި ވައްކަމާ ގުޅޭ ގޮތުން ގަތަރުގެ އަލްޖަޒީރާއިން 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަތްވަނަ ދުވަހު ނެރުނު "ސްޓީލިން ޕެރަޑައިސް" ހިމެނިއްޖެއެވެ.
ކޯވިޑް19 އާއި ގުޅިގެން އަލްޖަޒީރާއިން މިދުވަސްވަރު އަންނަނީ އެވެބްސައިޓުގައި ކުރިން ގެނެސްދީފައިވާ ޕްރޮގުރާމްތަކުން އާންމުންގެ މަގުބޫލުކަން ލިބިފައިވާ 5 ކަމެއް ހިނަމާ ކިއުންތެރިންނާއި އަލުން ހިއްސާކުރަން ފަށާފައެވެ. އެގޮތުން މިމަހުގެ 8 ވަނަ ދުވަހު އަލްޖަޒީރާގައި ސާއިރު ކުރި އާޓިކަލެއްގައި ވަނީ އާންމުންގެ މެދުގައި އެންމެ ބޮޑު މަޤުބޫލުކަމެއް ލިބުނު 5 "އިންވެސްޓިގޭޝަން" ރިޕޯޓުގެ މައްޗަށް އަލިއަޅުވާލާ އާޓިކަލްއެއް ޝާއިރުކޮށްފައެވެ. އެގޮތުން "ސްޓީލިން ޕެރަޑައިސް" ހިމަނާފައިވަނީ 4 ވަނައިގައެވެ.
އަލްޖަޒީރާގެ އިންވެސްޓިގޭޓިވް ޖާނަލިސްޓް ވިލް ޖޯޑަން އިސްވެ ހުރެ އުފެއްދި ޑޮކިއުމަންޓްރީ އަށް "ވަން ވޯލްޑް މީޑިޔާ" އިން "ކޮރަޕްޝަން ރިޕޯޓިން އެވޯޑް" 2017 ވަނަ އަހަރު ލިބިފައިވާކަމަށް އެއާޓިކަލްގައި ވަނީ ބުނެފައެވެ. މީގެ އިތުރުން 2019 ވަނަ އަހަރު މަނީ ލޯންޑަރިންގެ މައްސަލައެއްގައި ރައީސް ޔާމިންގެ މައްޗަށް ހުކުން ކުރެވިފައިވާކަންވެސް އެ އާޓިކަލްގައިވަނީ ފާހަގަކޮށްފައިވެއެވެ.
ކުރީ ސަރުކާރުން ހިންގި ކޮރަޕްޝަންތަކާއި ޖަރީމާތަކާ ގުޅޭ ގޮތުން "ސްޓީލިން ޕެރަޑައިސް"ގެ ނަމުގައި އަލްޖަޒީރާ އިން ހެދި ޑޮކިއުމެންޓްރީގައި ރައީސް ޔާމީނަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވެ އެވެ. ޑޮކިއުމެންޓަރީގައި ގިނައިން ބޭނުންކޮށްފައި ވަނީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ފޯނުން ލިބިފައިވާ ޓެކްސްޓް މެސެޖްތަކާއި ބައެއް ލިއުންތަކާއި އަދީބާ ކައިރީގައި އުޅުނު ބައެއް މީހުންގެ އިންޓަވިއުތަކެވެ.
ރައީސް ޔާމީނަށް އަމާޒުކުރައްވާފައިވާ އެންމެ ބޮޑު އެއް ތުހުމަތަކީ މަނީލޯންޑެރިންގައި ބައިވެރިވެވަޑައިގަތުމެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވީ ރައީސް ޔާމީން ވިދާޅުވެގެން ކަމަށް ވެސް ތުހުމަތުކޮށްފައިވެ އެވެ. ނަޝީދަށް ކުރަން ޖެހޭ ހުކުމް ވެސް އެންގެވީ ރައީސް ޔާމީން ކަމަށް ޑޮކިއުމެންޓްރީގައި ބުނެ އެވެ.
ނުއަގުގައި ރަށްތައް ވިއްކައިގެން ރައީސް ޔާމީން ރައްޔިތުންގެ ފައިސާ އަށް ހިޔާނާތްތެރިވެވަޑައިގަތުމާއި މިނިވަން މުއައްސަސާތަކަށް ނުފޫޒު ފޯރުއްވައިގެން ކޮންޓްރޯލްކުރެއްވުމާއި ގޭންތައް އޮޕަރޭޓްކުރައްވާ ކަމަށް ޑޮކިއުމެންޓްރީގައި ބުނެ އެވެ. ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލުމުގެ ތަހުގީގަށް އެމަނިކުފާނު ނުފޫޒު ފޯރުއްވި ކަމަށް ވެސް ޑޮކިއުމެންޓްރީގައި ތުހުމަތުކުރެ އެވެ.
މިއާޓިކަލްގެ އެއްވަނައަށް ހިމަނާފައިވަނީ ސައުތު އެފްރިކާގައި ޗައިނާގެ ވިޔަފާރިވެރިއަކު ހިންގާފައިވާ ޖަރީމާތަކެއްގެ މައްޗަށް އެކުލަވާލާފައިވާ ރިޕޯޓެކެވެ. "ދަ ޕޯޗާރސް ޕައިޕްލައިން" އަކީ ރައިނޯސްގެ ދަޅު، ކަޅު ބާޒާރުގައި ޑީލްކޮށް މިލިއަނުން ފައިދާ ހޯދަމުން ދިޔަ ނެޓްވޯކެއްގެ ވާހަކަ ފެންމަތި ކޮށްލި ރިޕޯޓެކެވެ.
2 ވަނަ އަށް "ދަ ޑާރކް ސައިޑް: ސީކްރެޓް އޮފް ދަ ސްޕޯރޓްސް ޑޮޕަރސް" ކުޅިވަރުތަކުގައި ބާރުގަދަ ބޭސް ބޭނުން ކުރުމާއި ގުޅޭގޮތުން ގެނެސްދީފައިވާ ރިޕޯޓެވެ. ތިންވަނައަށް "އިސްލާމްޕޯބިއާ" އަދި 5 ވަނައަށް "މިޔަންމާ: ދަ ހިޑެން ޖެނޮސައިޑް" ރޮހިންޖާގެ ހަމަ ނުޖެހުމާއި ގުޅިގެން ނެރެފައިވާ ރިޕޯޓެވެ.
އަލްޖަޒީރާގެ މި 5 ރިޕޯޓުގެ ތެރެއިން އެންމެ ގިނަ ބަޔަކު ޔޫޓިއުބް މެދުވެރިކޮން ބަލާފައިވަނީ "ސްޓީލިން ޕެރަޑައިސް" ކަން ފާހަގަ ކޮށްލެވެއެވެ. އެގޮތުން އެވީޑިއޯ 1.6 މިލިއަން މީހުން ވަނީ ބަލާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!