އެންދަމަން ފީނި މީހަކު ހާލުބޮޑުވެގެން ސިފައިން އެހީތެރި ވެއްޖެ
ގދ. ތިނަދޫއާ 24 ނޯޓިކަލް މޭލު ބޭރުން އެންދަމަން ފީނި މީހަކު ހާލު ބޮޑުވެގެން އެމްއެންޑީއެފް ސަދަން އޭރިއާގެ އެހީތެރިކަމާއެކު ގދ. ތިނަދޫއަށް ގެންގޮސްދީފިއެވެ.
މިހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިރޭ 22:13 ހާއިރު ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ. އަދި އެ ރިޕޯޓު އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއަށް ލިބުމާއެކު މެޑިކަލް ސްކޮޑަކާއެކު ތިނަދޫ، ސީއެމްބިއުލާންސް ވަނީ ވަގުތުން ހަރަކާތްތެރިވާން ފަށާފައި ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފްއިން އިތުރަށް ބުނީ "ކަޅިރަވަ" ނަމަކަށް ކިޔާ ދޯނިން އެންދަމަަން ފީނި މި މީހާ ވަނީ 43 މީޓަރު އަޑިއަށް 10 މިނެޓް ވަންދެން ފުޅިއަޅައިގެން ފީނާފައި ކަމަށާއި، އަދި މިމީހާގެ ހާލު ބޮޑުވެފައި ވަނީ ފީނުމަށްފަހުން މައްޗަށް އެރިފަހުން ނޭވާލާން އުނދަގޫ ވެގެން ކަމަށެވެ.
މިރޭ 11:27 ހާއިރު ގދ.ތިނަދޫއަށް ގެންގޮސްދީފައި ވަނީ އުމުރުން 42 އަހަރުގެ ދިވެއްސެކެވެ. އެމްއެންޑީއެފް ސަދަން އޭރިއާގެ އެހީތެރިކަމާއެކު މިމީހާ ގދ. ތިނަދޫއަށް ގެންގޮސް ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ވަނީ ގެންދެވިފައި ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!