ބެންކޮކްގައި ދިރިއުޅޭ ދިވެހިންނަށް އެހީގެ ތަކެތި ހިލޭ ފޮނުވައިދެވޭނެ އިންތިޒާމްތައް ފޮރިންމިނިސްޓްރީ އިން ހަމަޖައްސައިފިއެވެ.

އެގޮތުން 16 އޭޕްރީލް 2020 ވާ ބުރާސްފަތި ދުވަހު ބެންކޮކްއަށް މޯލްޑިވިއަން އިން ދަތުރުކުރުމަށް ހަމަޖެހިފައިވާ ފްލައިޓުގައި ދިވެހި ޢާއިލާތަކުން ފޮނުވަން ބޭނުންވާ ތަކެތި ހިލޭ ފޮނުވައިދިނުމަށް ސަރުކާރުން ވަނީ ނިންމަވާފައިކަމަށް ފޮރިންމިނިސްޓްރީ އިން ހާމަ ކުރަށްވައެވެ.

Ad
rt

އެމިނިސްޓްރީއިން ބުނީ މިއިންތިޒާމް ހަމަޖެއްސީ ކޮވިޑް-19 އާއި ގުޅިގެން ބެންކޮކްގައި ދިރިއުޅޭ ބައެއް ދިވެހިންނަށް ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބައެއް ތަކެތި ހޯދުމަށް ދަތިތަކެއް ކުރިމަތިވެފައިވާތީ ކަމަށެވެ.

ފޮރިންމިނިސްޓްރީއިން ވަނީ ބެންކޮކްގައި ދިރިއުޅޭ ދިވެހިންނަށް ތަކެތި ފޮނުވުމަށް ބޭނުންވާ ފަރާތްތަކުން، އެމިނިސްޓްރީގެ ވެބްސައިޓްގައި އާންމު ކޮށްފައިވާ އުސޫލާއި އެއްގޮތަށް، އެމިނިސްޓްރީގެ ވެބްސައިޓް މެދުވެރިކޮށް ފޯރމް ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައެވެ.

ތަކެތި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޑިޕާރޗަރ ހޯލް ކައިރީގައި ބެހެއްޓިފައިވާ ހާއްސަ ކައުންޓަރު ތަކުން، 15 އެޕްރީލް 2020 ވާ ބުދަ ދުވަހުގެ ހެނދުނު 09:00 އިން މެންދުރުފަހު 15:00 އަށް ކަމަށްވެސް އެމިނިސްޓްރީއިން ބުނެއެވެ.

ބެންކޮއަށް ‘ކެއަރ ޕެކެޖް’ ފޮނުވުމާ ބެހޭގޮތުން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ހޮޓްލައިން ނަންބަރު: 3023996 އަދި 3023943 އާއި ގުޅުއްވުމަށް އެމިނިސްޓްރީއިން ވަނީ އެދިފައެވެ.

ސަރުކާރުން މީގެ ކުރިން ވަނީ ސްރީލަންކާގެ ވެރިރަށް ކޮލަމްބޯ، މެލޭޝިޔާ އަދި އިންޑިއާގެ ޓްރެވެންޑްރަމާއި، ކޮޗިންގައި ދިރި އުޅޭ ދިވެހި ޢާއިލާތަކަށް 'ކެއަރ ޕެކެޖް’ ފޮނުވައިދީފައެވެ.