މިހާރު ފެތުރެމުންދާ ކޮވިޑް-19 ބަލިމަޑުކަމާއި ގުޅިގެން ދެކުނު އޭޝިޔާ ސަރަހައްދުން އެންމެ ބޮޑަށް ނުރަނގަޅު އަސަރެއް ކުރާނީ ދިވެހިރާއްޖޭގެ އިގްތިސާދަށްކަމަށާއި މިކަމުގެ ސަބަބުން ރާއްޖޭގެ ފަގީރުކަމުގެ ނިސްބަތް އިތުރުވުމުގެ ފުރުސަތު ބޮޑުކަމަށް ވޯލްޑް ބޭންކުން ލަފާކޮށްފިއެވެ.

ވޯލްޑް ބޭންކުން އެކުލަވާލި "ސައުތު އޭޝިޔާ އިކޮނޮމިކް ފޯކަސް: ސްޕްރިންގް 2020" ރިޕޯޓްގައި ބުނީ ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ކޮރޯނާ ވައިރަހުގެ ސަބަބުން އެންމެ ބޮޑު އިގްތިސޯދީ ގެއްލުމެއްވާ ރާއްޖޭގެ އިގްތިސާދުގެ ކުރިއެރުން 13- އާއި 8- އާއި ދެމެދަށް ވެއްޓޭނެ އެވެ.

Ad
rt

މި އިގްތިސާދީ ދަތިކަމުގެ ސަބަބުން ދިވެހިރާއްޖޭގެ ގޭބީސީގެ އާމްދަނީތައް މަދުވެގެން ދާނެކަމަށް ވަނީ ލަފާކޮށްފައެވެ. ސަބަބަކީ މި ހާލަތުގައި ފަތުރުވެރިކަމާއި އެކަމާއި ގުޅުންހުރި ދާއިރާތަކުގައި ވަޒީފާ އަދާކުރާ ފަރާތްތަކުގެ މުސާރަ ކުޑަކުރުމާއި ވަޒީފާއިން ދާއިމީ ނުވަތަ ވަގުތީ ގޮތުން ދުރުވާން ޖެހުމެވެ.

ވޯލްޑް ބޭންކުން ބުނެފައިވާގޮތުގައި ދިވެހިރާއްޖެއިން މިފަދަ ހާލަތުގައި ޕްރައިވެޓް ސެކްޓަރ ކުރިއެރުމަށް ތަރުހީބުދޭން ޖެހެއެވެ. ސަބަބަކީ އިތުރު ވަޒީފާގެ ފުރުސަތުތައް އުފެދި، ޒުވާނުން ވަޒީފާ އަދާކުރާ މިންވަރު އިތުރުކުރުމަށެވެ. ވޯލްޑްބޭންކުން މިގޮތަށް ލަފާކޮށްފައިވާއިރު، ރާއްޖޭގެ މަރުކަޒީ ބޭންކް، އެމްއެމްއޭ އިން މީގެ ކުރިން ބުނެފައިވަނީ ފަތުރުވެރިކަން މިހާރު މިއޮތް ހާލަތުގައި އޮވެއްޖެނަމަ ރާއްޖޭގެ ޖީޑީޕީ 17- އަށް ވެއްޓޭނެ ކަމަށެވެ.

އެފަރާތުން ލަފާކުރާ ގޮތުގައި މިއީ ފާއިތުވެދިޔަ 40 އަހަރުގެ ތެރޭގައި ދެކުނު އޭޝިޔާ ސަރަހައްދުގެ އިގްތިސާދު އެންމެ ބޮޑަށް ހީނަރުވެގެންދާނެ އަހަރެވެ. އެގޮތުން މިއަހަރު މުޅި ސަރަހައްދުގެ އިގްތިސާދީ ކުރިއެރުން ހުންނާނީ 1.8 އިންސައްތަ އާއި 2.8 އިންސައްތައިގައި ކަމަށް ވަނީ ލަފާކޮށްފައެވެ.

އެ ރިޕޯޓްގެ ރާއްޖޭގެ ކަންޓްރީ ބްރީފިންގ ގައި ބުނެފައިވާ ގޮތުގައި މި ހާލަތުގައި ދިވެހިރާއްޖޭގެ ކަރަންޓް އެކައުންޓްގެ ޑެފިސިޓް ރަނގަޅުވުމަކީ އެކަށީގެންވާ ކަމެކެވެ. ސަބަބަކީ ރާއްޖެއިން ބޭރަށް ރެމިޓެންސްގެ ގޮތުގައި ބޭރުވާ ފައިސާ މަދުވުމާއި ތަކެތި އިމްޕޯޓްކުރާ މިންވަރު މަދުވުމެވެ. ނަމަވެސް ތަކެތި އެކްސްޕޯޓްކުރާ މިންވަރުވެސް މަދުވާނެކަމަށް ވޯލްޑް ބޭންކުން ވަނީ ލަފާކޮށްފައެވެ.

އަދި ކޮވިޑް-19ގެ ހާލަތު މިހާރު އޮތް މިންވަރަށްވުރެ ގޯސްވެއްޖެ ނަމަ ރިސެެޝަނަކަށް ދިއުމުގެ ފުރުސަތު އެބައޮތްކަމުގެ އިންޒާރު ވަނީ ދީފައެވެ.