އަންނަ ރޯދަ މަހުގެ އިނާޔަތުގެ ފައިސާ މިހިނގާ އޭޕްރިލް މަހުގެ 20 ވަނަ ދުވަހުގެ ކުރިން ދޭން ފިނޭންސް މިނިސްޓްރީއިން އަންގައިފި އެވެ.
މިމަހުގެ 20 ގެ ކުރިން ރޯދަ އިނާޔަތް ހުރިހާ މުވައްޒަފުންނަށް ދޭންޖެހޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ކަނޑައަޅައި ސަރުކާރުގެ މުވައްޒަފުންނަށް އެ އިނާޔަތް ދިނުމުގައި އަމަލު ކުރާނެ އުސޫލު އެ މިނިސްޓްރީން އާންމުކޮށްފައި ވަނީ ނެރުނު ބަޔާނެއްގައިއެވެ.
ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ މިއަހަރުވެސް ރޯދަ އިނާޔަތުގެ ގޮތުގައި ކޮންމެ މުސްލިމް މުވައްޒަފަކަށް 3000 ރުފިޔާ ދޭން ޖެހޭނެ ކަމަށެވެ.
އެއްވަޒީފާއަށް ވުރެ ގިނަ ވަޒީފާތައް އަދާކުރާ މުވައްޒަފުންނަށް އިނާޔަތް ދިނުމުގައި ހަމައެކަނި އެ މުވައްޒަފަކު އަސާސީ ވަޒީފާ އަދާކުރާ އޮފީހުން އެ އިނާޔަތްދިނުމަށްވެސް ވަނީ ބަޔާނުގައި ބުނެފައެވެ.
އޭގެ އިތުރުން އިނާޔަތުގެ ފައިސާދީފައިވާ މުވައްޒަފަކު، ރަމަޟާން މަހުގެ ތިންބައިކުޅަ އެއްބައި ފާއިތު ނުވަނީސް ވަޒީފާއިން ވަކި ވެއްޖެނަމަ، ވަކިވި ދުވަހާއި ހަމައަށްވާ ފައިސާ އެމުވައްޒަފެއް އަތުން ހޯދައި އެފައިސާ ޖަމާކުރަން ވަނީ އަންގައިފައެވެ.
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއިކުރައްވައި ނެރުއްވި ދެންނެވުމުގައި ވަނީ، ދައުލަތުގެ އެކައުންޓިން ސޮފްޓްވެއާގެ "އެކައުންޓްސް ޕޭޔަބްލް މޮޑިއުލް" ބޭނުންކުރާ އޮފީސްތަކުން އިނާޔަތުގެ ފައިސާގެ ވައުޗަރުތައް މި މަހުގެ 14 ގެ ކުރިން ޕޯސްޓް ކުރަންޖެހޭ ކަމަށެވެ. އަދި ދައުލަތުގެ އެކައުންޓިން ސޮފްޓްވެއާ "އެޗްއާރު މޮޑިއުލް" ބޭނުންކުރާ އޮފީސްތަކުން އިނާޔަތުގެ ފައިސާ މި މަހުގެ 17 ގެ ކުރިން ސިސްޓަމަށް އަޕްލޯޑްކޮށް، އިނާޔަތުގެ ފައިސާ ޕޯސްޓް ކުރަންޖެހޭ ކަމަށް ދެންނެވުމުގައި ވެ އެވެ.
ރަމަޟާން މަހުގެ ތެރޭގައި އަލަށް ވަޒީފާއަށް ވަންނަ މީހުންނަށް ރޯދަ މަހުގެ އެލަވެންސް ދޭން އަންގާފައިވަނީ އެމީހަކު ވަޒީފާ އަދާ ކުރަންފަށާ ދުވަހުން ފެށިގެން ރަސްމީ ހަތް ދުވަހުގެ ތެރޭގައެވެ. އަދި މިގޮތަށް ފައިސާ ދިނުމުގައި ދުވާލަކަށްޖެހޭ ފައިސާ ބަލާނީ 30 ހުން ގެއްލައިގެން ކަމަށް ވެސް އެމިނިސްޓްރީން ވަނީ އަންގައިފައެވެ.
އޭގެ އިތުރުން ރަމަޟާން މަހުގެ ތެރޭގައި ވަޒީފާއިން ވަކިވުމަށް ހަމަޖެހިފައިވާ މީހުންނަށް އިނާޔަތް ދޭނީ ރަމަޟާން މަހުގައި އެމީހަކު މަސައްކަތްކުރި ދުވަހަށް ކަމަށް ބުނެފައިވެއެވެ.
ވަޒީފާއާ ބެހޭ ގާނޫނުގައިވާ ގޮތުން، ވަޒީފާ އަދާކުރާ ކޮންމެ މުސްލިމް މުވައްޒަފަކަށް ރޯދަ އެލަވަންސްގެ ގޮތުގައ 3،000ރ. ދޭންޖެހެ އެވެ.
މި އަހަރުގެ ރޯދަ މަސް ފެށެނީ ކަލަންޑަރުގައިވާ ގޮތުން މި މަހުގެ 24 ގަ އެވެ.
މިއަހަރުގެ ރޯދަމަސް ދުނިޔެއާއި މި ބައްދަލުކުރަނީ ކޮވިޑް-19 ގެ ސަބަބުން އެތައް ޤައުމެއް ހުއްޓި، ދުނިޔެ ހާސްކަމުގައިވާ ދަނޑިވަޅުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!