ކޮރޯނާވައިރަހާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި ރާއްޖެއިން އެދިއްޖެ ކޮންމެ ހިނދެއްގައި އެހީވެދޭން މިތިބީ ތައްޔާރަށް ކަމަށް ޗައިނާގެ ފޮރިން މިނިސްޓަރު އަދި ސްޓޭޓް ކައުންސިލާ ވަންގް ޔީ ވިދާޅުވެއްޖެއެވެ.

ޔީ މިހެން ވިދާޅުވެފައިވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ޗައިނާގެ ފޮރިން މިނިސްޓަރު ޔީ އިއްޔެ ފޯނުން ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. ރާއްޖޭގެ ފޮރިން މިނިސްޓަރު ޝާހިދާއި ޗައިނާގެ ފޮރިން މިނިސްޓަރު ޔީގެ ފޯނު ކޯލުގައި، ދެ ބޭފުޅުން ވަނީ ކޮރޯނާ ވައިރަސް ކޮންޓްރޯލު ކުރުމަށް ދެ ގައުމުން ކުރި މަސައްކަތުގެ ތަޖުރިބާ ހިއްސާ ކުރައްވައިފައެވެ.

Ad
rt

ޔީ ވަނީ ރާއްޖެއިން ކޮރޯނާ އާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ފާހަގަކުރައްވާ އެ ފިޔަވަޅުތަކަށް ތައުރީފު ކުރައްވައިފަ އެވެ. ރާއްޖެ އާއި ޗައިނާ އަކީ އަބަދުވެސް ގާތް ދެ ގައުމުކަން ފާހަގަ ކުރައްވާ ޗައިނާގެ ފޮރިން މިނިސްޓަރު ވަނީ ކޮރޯނާ އާއި ދެކޮޅަށް ޗައިނާ އިން ކުރި މަސައްކަތުގެ ތަޖުރިބާ އާއި އެކްސްޕަޓީޒް ރާއްޖެ އާއި ހިއްސާ ކުރުމަށް ޗައިނާ އިން އަބަދުވެސް ތައްޔާރަށް އޮންނާނެ ކަމަށް ވިދާޅުވެފައެވެ.

ދެ މިނިސްޓަރުންގެ ވާހަކަފުޅުގައި ރާއްޖޭގެ ފޮރިން މިނިސްޓަރު ޝާހިދު ވަނީ ކޮރޯނާ އިން ރައްކާތެރިވުމަށް ބޭނުންވާ ބައެއް ވަސީލަތްތައް ޗައިނާގެ ޔުނާން ޕްރޮވިންސް އިން ރާއްޖެއަށް ހަދިޔާކުރިކަން ފާހަގަކުރައްވައި، އެކަމަށް ޝުކުރު އަދާކުރައްވާފަ އެވެ.