ކޮވިޑް-19 އިން ރައްކާތެރިވެ، އެބަލި ކޮންޓްރޯލްކުރުމަށް މުޅި ރާއްޖެ އަށް އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު މި މަހުގެ ނިޔަލަށް އިތުރުކުރަން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ނިންމަވައިފި އެވެ.

އެކަން ހާމަކުރަށްވައި މިރޭ ނެރުއްވި ޤަރާރުގައި ބުނެފައިވަނީ ދުނިޔޭގެ އެކި ޤައުމުތަކުގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އަށް ދިވެހިރާއްޖޭގައި ފައްސިވި ފުރަތަމަ ރޭސް 7 މާރިޗު 2020 ގައި ފެނުނު ފަހުން، އެ ބަލި ފެތުރުން އިތުރުވަމުން އައިސްފައި ވާކަމަށެވެ.

Ad
rt

ކޮވިޑް-19 އަކީ "ޕެންޑަމިކް" އެއްގެ ގޮތުގައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ވާރލްޑް ހެލްތު އޯގަނައިޒޭޝަން) އިން 11 މާރިޗު 2020 ގައި ކަނޑައަޅައިފައިވާއިރު ދިވެހިރާއްޖޭގައި ފުޅާ ދާއިރާއެއްގައި މި ބަލި ފެތުރުމުގެ ނުރައްކާ އަދިވެސް އޮތްކަމަށް އެ ޤަރާރުގައި ބުނެފައިވެއެވެ.

" 12 މާރިޗު 2020 ގައި އިޢުލާނުކޮށްފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ދެމިއޮތްކަމަށާއި، އަދި އެ ނުރައްކާ ކުޑަކޮށް، ޢާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކައުތެރިކަން ކަށަވަރު ކުރުމަށް ޓަކައި ޚާއްޞަ ފިޔަވަޅުތަކެއް އަޅަން ޖެހޭކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ޤަބޫލު ކުރެވޭ ކަމަށް އަހުރެންނަށް ލަފާ ދީފައި ވީ ހިނދުގެ ޤާނޫނު ނަންބަރު 7/2012 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 33 ވަނަ މާއްދާގެ ދަށުން، އަހުރެންނަށް ލިބިދޭ ބާރުގެ ދަށުން، 12 މާރިޗު 2020 އިން ފެށިގެން 30 (ތިރީސް) ދުވަހުގެ މުއްދަތަށް، ދިވެހިރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި، އިޢުލާނު ކޮށްފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތު، 30 އެޕްރީލް 2010 ގެ ނިޔަލަށް ދެމެހެއްޓުމަށް ނިންމައި، އެކަން އިޢުލާނުކޮށްފީމެވެ." އެ ޤަރާރުގައި ވެއެވެ.

އިތުރަށް އެ ޤަރާރުގައި ބުނެފައިވަނީ ވަގުތާއި ޙާލަތަށް ރިޢާޔަތްކޮށް، ޢާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކައުތެރިކަން ކަށަވަރު ކުރުމަށް ޓަކައި، ޤާނޫނު ނަންބަރު 7/2012 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ ދަށުން ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގައި އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތައް އަޅަމުން ގެންދިޔުމަށް، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް އަންގާކަމަށެވެ.