ޓްރިވެންޑްރަމް އަދި ކޮޗިންގައި ދިރިއުޅޭ ދިވެހިންނަށް އެހީގެ ތަކެތި ހިލޭ ފޮނުވައިދެވޭނެ އިންތިޒާމްތައް ފޮރިންމިނިސްޓްރީ އިން ހަމަޖައްސައިފިއެވެ.

11 އޭޕްރީލް 2020 ވަނަ ދުވަހު ތިރިވަނަންތަޕޫރަމްއަށް މޯލްޑިވިއަން އިން ދަތުރުކުރުމަށް ހަމަޖެހިފައިވާ ފްލައިޓުގައި ދިވެހި ޢާއިލާތަކުން ފޮނުވަން ބޭނުންވާ ތަކެތި ހިލޭ ފޮނުވައިދިނުމަށް ސަރުކާރުން ވަނީ ނިންމަވާފައިކަމަށް ފޮރިންމިނިސްޓްރީ އިން ހާމަ ކުރަށްވައެވެ.

Ad
rt

އެމިނިސްޓްރީއިން ބުނީ މިއިންތިޒާމް ހަމަޖެއްސީ ކޮވިޑް-19 އާއި ގުޅިގެން ތިރިވަނަންތަޕޫރަމް އާއި ކޮޗިންގައި ދިރިއުޅޭ ދިވެހިންގެ ގިނަ އަދަދެއްގެ ބަޔަކަށް ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބައެއް ތަކެތި ހޯދުމަށް ދަތިތަކެއް ކުރިމަތިވެފައިވާތީ ކަމަށެވެ.

ފޮރިންމިނިސްޓްރީއިން ވަނީ ތިރިވަނަންތަޕޫރަމް އާއި ކޮޗިންގައި ދިރިއުޅޭ ދިވެހިންނަށް ތަކެތި ފޮނުވުމަށް ބޭނުންވާ ފަރާތްތަކުން، އެމިނިސްޓްރީގެ ވެބްސައިޓްގައި އާންމު ކޮށްފައިވާ އުސޫލާއި އެއްގޮތަށް، އެމިނިސްޓްރީގެ ވެބްސައިޓް މެދުވެރިކޮށް ފޯރމް ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައެވެ. ފުރުސަތު ދެވޭނީ، ފޯމް ހުށަހަޅުއްވާ ތަރުތީބުން، އެންމެ ފުރަތަމަ ފޯމް ހުށަހަޅުއްވާ 600 ފަރާތަށްކަމަށްވެސް ފޮރިން މިނިސްޓްރީއިން ހާމަ ކުރަށްވައެވެ.

ތަކެތި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޑިޕާރޗަރ ހޯލް ކައިރީގައި ބެހެއްޓިފައިވާ ހާއްސަ ކައުންޓަރު ތަކުން، 10 އެޕްރީލް 2020 ވާ ހުކުރު ދުވަހުގެ ހެނދުނު 08:00 އިންމެންދުރު 11:00 އަށް އަދި މެންދުރުފަހު 14:00 އިން ހަވީރު 18:00 އަށް ކަމަށްވެސް އެމިނިސްޓްރީއިން ބުނެއެވެ.

ތިރިވަނަންތަޕޫރަމް އާއި ކޮޗިންއަށް 'ކެއަރ ޕެކެޖް' ފޮނުވުމާ ބެހޭގޮތުން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ހޮޓްލައިން ނަންބަރު: 3023996 އަދި 3023943 އާއި ގުޅުއްވުމަށް އެމިނިސްޓްރީއިން ވަނީ އެދިފައެވެ.