ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ފިޔާ، އަލުވި އަދި ބިސް ހޯލްސޭލްކޮށް ވިއްކަން ފަށައިފިއެވެ.

ފިޔާ، އަލުވި އަދި ބިހުގެ އާ ސްޓޮކެއް އައުމާ އެކު އެ ކުންފުނިން ވަނީ އެ ތަކެތި އަލުން ހޯލްސޭލްކޮށް ވިއްކަން ނިންމާފައިކަމަށް އެކުންފުނިން ހާމަކުރެއެވެ.

Ad
rt

ފިޔާ ބަސްތާއެއް 325 ރުފިޔާ އަށް ވިއްކާ އިރު، އަލުވި ބަސްތާއެއް ވިއްކަނީ 250 ރުފިޔާ އަށެވެ. އަދި ބިސް ކޭހެއް ވިއްކަނީ 290 ރުފިޔާ އަށެވެ.

ހޯލްސޭލްކޮށް މި ތަކެތި ވިއްކުމަށް ހަމަޖެހިފައި ވަނީ އިންޑަސްޓްރިއަލް ވިލެޖުގައި ހުންނަ އެސްޓީއޯ ގެ ގުދަނުންކަމަށާއި އެގޮތުން ގުދަން ހުޅުވާފައި ހުންނާނެ ގަޑި ތަކަކީ ހޮނިހިރު ދުވަހުން ބުރާސްފަތި ދުވަހަށް ހެނދުނު 09:00 އިން މެންދުރު 12:00 އަށް، މެންދުރު 13:00 އިން ހަވީރު 15:15 އަށް އަދި ހުކުރު ދުވަހު ގުދަން ބަންދު ވާނެކަމަށް އެކުންފުނިން ބުނެއެވެ.

ފޔާ، އަލުވި ބިސް ރީޓެއިލް ކޮށް ގަންނަން ލިބޭނީ އެސްޓީއޯ ސުޕަމާޓުންނެވެ. ރީޓެއިލް ކޮށް ފިޔާ އަދި އަލުވި ކިލޯއެއް ވިއްކާ އަގަކީ 12 ރުފިޔާ އެވެ. ބިސް ވިއްކަނީ އެއް ރުފިޔާ ފަންސާސް ލާރިއަށް ބިހެއްގެ ރޭޓުންނެވެ.

އެންމެ ފަހުން އެސްޓީއޯ އިން ގެނަސްފައި މިވާ ފިޔާ، އަލުވި އަދި ބިހުގެ ޝިޕްމެންޓުގެ އިތުރުން އިތުރު ޝިޕްމެންޓެއް އޭޕްރިލް 12 ވަނަ ދުވަހު އަންނާނެ ކަމަށް އެކުންފުނިން ބުނެއެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސޯދީ ހާލަތު މިހާރު ހުރި ގޮތަށް ބަލައި، ފިޔާ، އަލުވި، ބިސް އަދި މުގުގެ އަގު ސަރުކާރުން ވަނީ ކޮންޓްރޯލްކޮށްފަ އެވެ.

- އެއް ކިލޯ ގްރާމްގެ އާދައިގެ ރަތް ފިޔާ- 20ރ. އަށް

- އެއް އެއް ކިލޯ ގްރާމްގެ އާދައިގެ އަލުވި- 20ރ. އަށް

- އެއް ކިލޯ ގްރާމްގެ ރީނދޫ މުގު- 45ރ. އަށް

- ކުކުޅު ބިސް- 1.80ރ. އަށް

މި އަގުތަކަށް ވުރެ ބޮޑު އަގުގައި މި ތަކެތި ވިއްކާ މީހުން ޖޫރިމަނާ ކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ. ފުރަތަމަ ފަހަރު ނަމަ ޖޫރިމަނާ ކުރަނީ ގިނަވެގެން 100،000ރ، އިންނެވެ. އަދި އެ ކުށް ތަކުރާރު ކުރާ ނަމަ ކޮންމެ ފަހަރަކު 100،000ރ. އިން ޖޫރިނަމާކޮށް، ވިޔަފާރި ކުރާ ތަން ހަ މަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ބަންދު ކުރާނެ ކަމަށް އިިކޮނޮމިކް މިނިސްޓްރީގެ އިއުލާނުގައި ވެ އެވެ.