ކޮވިޑް-19 އާއި ގުޅިގެން ކަރަންޓްރީން ފެސިޓީއެއްގެ ގޮތުގައި ބޭނުންކުރަމުންދާ ކ. ވިލިވަރުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން ބުނީ ކ. ވިލިވަރުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓު ލިބިގެން ފަޔަރޓީމު ހަރަކާތްތެރިވާން ފަށާފައިވާކަމަށެވެ.

Ad
rt

އެމްއެންޑީއެފުން ބުނީ އެ ރިސޯޓުގައި ތިބި ސިފައިންނާއި ފުލުހުން އެ އަލިފާންގަނޑު ނިވާލަން މަސައްކަތް ކުރަމުން ދާކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާން ރޯވެފައިވަނީ އެރިސޯޓުގެ މުދާ ލާފައިވާ ކޮންޓެއިނަރއެއްގައި ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.

މިހާދިސާގެ ރިޕޯޓު އެމްއެންޑީއެފްއަށް ލިބިފައިވަނީ މިރޭ 19:41 ގައެވެ.

އެއްވެސް މީހަކަށް އަނިޔާވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ނުވާކަމަށާއި، މިވަގުތު އަލިފާން ގަނޑު އިތުރަށް ފެތުރުނަ ނުދީ ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.