ކޮވިޑް-19 ގެ ސަބަބުން އިންޑޮނޭސިޔާއިން 24 ޑަކްޓަރުން މަރުވެއްޖެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
އިންޑޮނެސިޔާގެ މެޑިކަލް އެސޯސިއޭސަނުންވެސްވަނީ އެ ބަލީގެ ސަބަބުން ސިއްހީ ހިދުމަތުގައި މަސައްކަތް ކުރަމުންދިޔަ 24 ޑަކްޓަރަކު މިހާތަނަށް އެ ޤައުމުން މަރުވެފައިވާކަމަށް ބުނެފައެވެ.
އިންޑޮނޭސިޔާގެ ޑަކްޓަރުން މަރުވި ޢަދަދު މިދިޔަ ހަފުތާއަށް ވުރެ ޑަބަލު ވެގެން މިދިޔައީ ސިއްހީ ހިދުމަތްތެރިންނަށް ރައްކާތެރިކަން ކުޑަ މާހައުލެއްގައި މަސައްކަތް ކުރަން ޖެހިފައިވުން ކަމަށް ރިޕޯޓުތައް ބުނެއެވެ.
ސިއްހީ ހިދުމަތްތެރިންނަށް މިބަލި ޖެހުމުގެ ރިސްކު އަބަދުވެސް އޮތް ކަމަށާއި، ނަމަވެސް އެ ފަރާތްތަކަށް ކޮންމެހެންވެސް ރައްކާތެރި މާހައުލެއް ބޭނުންވެފައިވާ ކަމަށް އެ ޤައުމުގެ މެޑިކަލް އެސޯސިއޭސަންގެ ތަރުޖަމާނު ހަލިކް މަލިކް، އިންޓަރނެޝަނަލް މީޑިއާއަށް ބުނެފައިވެއެވެ.
އިންޑޮނޭސިޔާގެ ގިނަ ޢަދަދެއްގެ ސިއްހީ ހިދުމަތްތެރިން ކޮވިޑް-19 ގެ ސަބަބުން މަރުވަމުންދާތީ އެމްނެސްޓީ ހިމެނޭހެން ދުނިޔޭގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކުގެ ގްރޫޕަކުންވަނީ ކަން ބޮޑުވުން ފާޅުކޮށް ބަޔާނެއްވެސް ނެރެފައެވެ.
އިންޑޮނެސިޔާގެ 2491 މީހަކަށް މިހާރުވަނީ މިބަލި ޖެހިފައެވެ. މިބަލީގައި އެ ޤައުމުން 209 މީހުން މަރުވެފައި ވާއިރު އިއްޔެވެސްވަނީ އެ ޤައުމުން 11 މީހުން މަރުވެ، 218 މީހުން އަލަށް މިބައްޔަށް ޕޮޒިޓިވުވެފައެވެ.
މުޅި ދުނިޔޭއިން މިހާރު މިބަލި ޖެހުނު މީހުންގެ އަދަދު ވަނީ 1,347,235 އަށް އަރާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!