އާންމުންގެ ތެރޭގައި ކޮވިޑް-19 ނުފެތުރޭކަން ކަށަވަރަން ދިރާސާއެއް ހަދަމުން އަންނަކަމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ރޭ ބުނެފި އެވެ.
އެކަން ހާމަކުރެއްވީ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭ ގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގެވެ.
ޑރ. ނަޒްލާ ވިދާޅުވީ އާންމުންގެ ތެރޭގައި ބަލި ފެތުރިފައިވާ ކަމުގެ އެއްވެސް އަލާމާތެއް މިހާތަނަށް އަދި ނުފެންނަ ކަމަށެވެ. ނަމަވެސް އެކަން އިތުރަށް ޔަގީން ކުރުމަށް ސާވޭއެއް ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.
ކޮވިޑް-19 ބަލި އާންމުންގެ ތެރޭގައި ފެތުރޭތޯ، ދެ ގޮތަކަށް ބަލަމުން އަންނަ ކަމަށްވެސް ނަޒްލާ ވިދާޅުވިއެވެ. އެ ދެގޮތަކީ، ނޭވާލާ ނިޒާމުގައި އިންފެކްޝަނެއް އުފެދިގެން ހޮސްޕިޓަލުގައި އެޑްމިޓްކުރާ މީހުން ޓެސްޓުކުރުމާއި، ނޭވާލާ ނިޒާމުގެ ބަލިތަކަށް ރާއްޖޭގެ ހުރިހާ ހިސާބަކުން ރިޕޯޓުކުރާ މިންވަރު ބެލުމެވެ.
"މިހާރު އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ ކޮމިއުނިޓީ ސްޕްރެޑެއް ނެތްކަން ޔަގީން ކުރަމަމަށް އިތުރު ސްޓަޑީއެއް ހެދުމަށް. ކޮންކޮން ބައެއްގެތޯ ސާމްޕަލް ނަގާނީ، ކިތައް ސާމްޕަލްތޯ ނަގާނީ އޭގެ މަސައްކަތްތައް ކުރަމުން މިދަނީ،" ނަޒްލާ ވިދާޅުވިއެވެ.
ނަޒްލާ ވިދާޅުވީ ކޮވިޑް-19 އިން ރައްކާތެރިވުމަށް މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ލުއެއް ދީފި ނަމަ އެ ބަލި ފެތުރުމުގެ ފުރުސަތު އޮތް މިންވަރު ވެސް ބަލަމުން އަންނަ ކަމަށެވެ. ކޮމިއުނިޓީ ސްޕެރެޑެއް ނެތްކަން ޔަގީންވުމުން ލުއި ކުރާނެ ފިޔަވަޅުތަކުގެ މަސައްކަތް ޓެކްނިކަލް ޓީމުން ކުރާނެ ކަމަށާއި އެ ޕްލޭންކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވިދާޅުވި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!