ދުނިޔޭގެ އެކި ކަން ކޮޅުތަކުގައި ދަތިހާލުގައި އުޅެމުން އަންނަ އެތައް ހާސް މުސްލިމް ޢާއިލާތަކާއި، އެ ޢާއިލާތަކުގެ މައުސޫމް ކުދިންނަށް މިވަނީ ދަތީގެ މައްޗަށް ދަތި ކުރިމަތިވެފައެވެ.
ކޮވިޑް-19 ގެ ސަބަބުން މުޅި ދުނިޔެ ހާސްކަމުގައި އޮތް އިރު އަޅުގަނޑުމެންގެ މުސްލިމް އަޚުންނާއި އުހުތުން ކުރެ، އަނިޔާވެރިކަމާއި، ނުފޫޒުން އިންސާނީ އެތައް ޙައްޤެއް ގެއްލިފައިވާ މުސްލިމުންގެ މަތިން މިވަގުތު ހަނދުމަ އައުކޮށް އަޅުގަނޑުމެންގެ ދުޢާގައި އެމީހުންވެސް ޝާމިލް ކުރަމާތޯއެވެ!

އަޅުގަނޑުމެންނަށް ކޮށްދޭވެ މާގިނަ ކަންކަން ނެތްނަމަވެސް އެ އަޚުންނާއި، އުޚުތުންނަށްޓަކައި މާތް ﷲ ގެ ހަޟުރަތުގައި ދެންނެވިދާނެއެވެ. އެފަރާތްތަކަށް ޓަކައި ހެޔޮ ދުޢާއަކީ ކުޑަ ހަދިޔާއެއް ނޫނެވެ.

އަނިޔާ ލިބި، ގެ ދޮރު ފޭރި ރަހުމެއްނެތް ޤަތުލުތައް އެބައެއްގެ މައްޗަށް ހިންގޭ ފަލަސްޠީންގެ ކުޑަކުދިންވެސް މިއަދު ވީރާނާވެފައިވާ އެކުދިންގެ ގެތަށް ކައިރީ އެތިބީ އިތުރު ހާސްކަމުގައެވެ.
ސީރިޔާގެ ހަނގުރާމައިގެ ސަބަބުން ނިކަމެތިވެފައިވާ އެތައް ޢާއިލާއެއް އެތިބީ އިތުރު ހާސްކަމާއި ބިރުވެރިކަމުގައެވެ.
މިޔަންމާގެ މުސްލިމުންނާއި، ޔަމަނާއި މިހެންގޮސް އެތައް ޤައުމެއްގެ މުސްލިމުން މިއަދު އެތިބީ ހާސްކަމާއި، ބިރުވެރި ކަމުގައެވެ.
މިއަދު މިނިވަންކަމާއި، ސަރުކާރެއްގެ މަދަދާއި އެހީތެރިކަމުގައި ތިބި އިރުވެސް އަޅުގަނޑުމެން ދިވެހިންވެސް މިތިބީ ހާސްވެ، ކަންބޮޑުވެފައެވެ. އެހެންކަމުން އެފަރާތްތަކުގެ ހާލަތު މިއަދު ހުންނާނީ ކޮންފަދައަކުން ތޯއެވެ؟

ފަލަސްޠީނުގެ ގާޒާގެ ގޮނޑުދޮށުން މިދޭ "ގޭގައި މަޑުކުރަން ބުނާ" މެސެޖްގެ އަސަރު މިކޮންމެ ހިތެއްގައި ވެއެވެ.
ދުޢާއަކީ މާތް ﷲ ގެ އިރާދަ ފުޅާއިއެކު ތިޔަ އެންމެހާ ޢާއިލާތަކަށް ރައްކާތެރި ކަމާއި ސަލާމަތްތެރިކަމެވެ. އަޅުގަނޑުމެންގެ ނަފުސަތަކަށް ލިބެންއެދޭ ކޮންމެ ރައްކާތެރިކަމަކާއި، ސަލާމަތްތެރި ކަމެއްގައި ތިޔަ ފަރާތްތައް ޝާމިލް ކުރަމެވެ. މުސްލިމުންގެ ރިވެތި ސިފަ ރަމްޒު ކޮށްދޭ ފަދައިން، މި ރައްކާތެރިކަން މުޅި ދުނިޔޭގެ ކޮންމެ މީހަކަށްމެ ލިބުން އެދެމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!