ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ އިނގިރޭސި ވިލާތުގެ ބޮޑު ވަޒީރު ބޮރިސް ޖޯންސަން ހޮސްޕިޓަލުގައި އެޑްމިޓު ކޮށްފިއެވެ.

ބީބީސީއިން ބުނެފައިވާ ގޮތުގައި އިނގިރޭސި ބޮޑު ވަޒީރު ހުން އައުމާއެކު ކޮވިޑް-19 އިގެ އަލާމާތްތައް ފެންނާތީ، ލަންޑަން ހޮސްޕިޓަލުގައި އެޑްމިޓުކޮށްފައި ވަނީ މިދިޔަ އާދީއްތަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ.

Ad
rt

އުމުރުން 55 އަހަރުގެ އިނގިރޭސި ބޮޑު ވަޒީރު އެޑްމިޓުކޮށްފައި ވަނީ، ޑޮކްޓަރުގެ ލަފާގެ މަތީން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.

އިނގިރޭސި ބޮޑު ވަޒީރު ކޮވިޑަށް ޕޮޒިޓިވްވެފައި ވާތާ 10 ދުވަސް ވޭތުވުމާއި އެކު އޭނާ ރޭ އޮންނެވީ ޓެސްޓުތައް ހެދުމަށް ލަންޑަން ހޮސްޕިޓަލްގައެވެ.

ހޮސްޕިޓަލުގައި އޮންނެވި ނަމަވެސް، ސަރުކާރު ހިންގުމުގެ ކަންކަމުގައި ބޮޑުވަޒީރު އުޅުއްވާނެކަމަށް ވެސް ސަރުކާރުން ބުނެފައިވެ އެވެ.

އިނގިރޭސި ބޮޑު ވަޒީރު ބޮރިސް ޖޯންސަން ކޮވިޑް-19 އަށް ޕޮޒިޓިވްވީ މިދިޔަ މާރިޗް މަހުގެ 27 ވަނަ ދުވަހުއެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވި ފަހުން، ބޮރިސް ޖޯންސަން މަސައްކަތް ކުރައްވަމުން ގެންދެވީ އެމަނިކުފާނުގެ ގެކޮޅުގައި ހުންނަވައިގެންނެވެ.

އެ ޤައުމުގައި މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 47،806 އަށް ވަނީ އަރާފައެވެ. އޭގެ ތެރެއިން މިހާތަނަށް 4934 މީހުން ވަނީ މަރުވެފަ އެވެ.