ތައުލީމުދޭ ހުރިހާ ތަނެއްގެ ކިޔެވުން މިމަހު ފަސް ވަނަ ދުވަހުން ފެށިގެން އިތުރު އެއް ހަފުތާއަށް ބަންދު ކުރަން ނިންމައިފި އެވެ.

ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާއެކު ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިގެންވާ ބާރުގެ ދަށުން އެގޮތަށް ނިންމާފައިވަނީ އޭޕްރިލް 5 ވަނަ ދުވަހުން ފެށިގެން އެއް ހަފުތާއަށެވެ.

Ad
rt

އެގޮތުން ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ ނެރުނު އެންގުމެއްގައި ބުނެފައިވަނީ މާދަމާއިން ފެށިގެން އެެއް ހަފްތާގެ މުއްދަތަށް ދިވެހިރާއްޖޭގައި ތައުލީމު ދޭ އެންމެހައި ތަންތަނުގައި ކިޔަވައިދިނުން ވަގުތީގޮތުން މެދުކަނޑައިލުމަށް އަންގާ ކަމަށެވެ.

އެގޮތުން ރާއްޖޭގައި ހިންގާ ހުރިހާ ސުކޫލްތަކާއި، ތައުލީމުދޭ މަރުކަޒުތަކުގައި ކިޔަވައިދިނުން ވަގުތީގޮތުން މެދުކަނޑާލުމަށާ ޔުނިވާސިޓީތަކާއި، ކޮލެޖްތަކާއި ތަމްރީންދޭ މަރުކަޒުތަކުގައި ކިޔަވައިދިނުން ވަގުތީ ގޮތުން މެދުކަނޑާލުމަށާ ރާއްޖޭގައި ހިންގާ ޓިއުޝަން ސެންޓަރުތަކާއި ގޭގޭގައި ހިންގާ ޓިއުޝަން ސެންޓަރުތަކާއި ގުރުއާން ކިލާސްތަކާއި، އެހެނިހެން ތައުލީމުދޭ ކުލާސްތައްވެސް ވަގުތީގޮތުން މެދުކަނޑާލުމަށް ވަނީ އަންގާފައެވެ.

މިހާރު އެފަދަ ތަންތަން ބަންދު ކުރުމަށް ނިންމާފައިވާ ނިންމުމުގެ މުއްދަތު މާދަމާއަށް ހަމަވާނެ އެވެ. މިއީ ސަރުކާރުން މި ފިޔަވަޅު އެޅި ތިންވަނަ ހަފްތާއެވެ.