އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ ލޯކް ސަބާގެ ވެރިކަންކުރާ ބީޖޭޕީއަށް ނިސްބަތްވާ މެމްބަރު ގޯތަމް ގަމްބީރްގެ ދެ އަހަރުގެ މުސާރަ އެ ޤައުމުގެ ކޮވިޑް ފަންޑަށް ހަދިޔާކުރަން ނިންމައިފިއެވެ.
އިންޑިއާގެ މަޖިލިސް މެންބަރު އަދި ކުރީގެ މަޝްހޫރު ކްރިކެޓް ތަރި ގަމްބީރް، އޭނާގެ ދެ އަހަރުގެ މުސާރަ ކޮވިޑް-19 އަށް ހާއްސަކޮށްގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހުޅުއްވި "ޕީއެމް-ކެއާޒް" ފަންޑަށް ހަދިޔާކުރަން ނިންމި ކަން ހާމަކޮށްފައިވަނީ އިއްޔެ ކުރި ޓުވީޓެއްގައިއެވެ.

ޓްވީޓުގައި ގަމްބީރް ބުނީ ގައުމު ތިމާއަށް ކޮށް ދެނީ ކޮން ކަމެއްތޯ ވަރަށް މީހުން ސުވާލުކުރާ ކަމަށާއި އަސްލު ސުވާލަކީ ގައުމަށް ތިމާކޮށްދޭނީ ކޮންކަމެއްތޯ ކަމަށެވެ. އެގޮތުން މި ދަނޑިވަޅުގައި އޭނާގެ ދެ އަހަރުގެ މުސާރަ މޯދީގެ ފަންޑަށް ހަދިޔާކުރަން ނިންމާފައިވާ ކަމަށެވެ. އެހެން މީހުންވެސް އެމަގުން ކުރިއަށް ދިއުމަށްވެސް އޭނާވަނީ އެޓުވީޓުގައި ބާރު އަޅާފައިއެވެ.
People ask what can their country do for them. The real question is what can you do for your country?
I am donating my 2 year's salary to #PMCaresFund. You should come forward too! @narendramodi @JPNadda @BJP4Delhi #IndiaFightsCorona
— Gautam Gambhir (@GautamGambhir) April 2, 2020
ގަމްބީރް ކުރިން ވަނީ އޭނާ ތަމްސީލުކުރާ ދާއިރާގެ އެމްޕީ ލޯކަލް އޭރިއާ ޑިވެލޮޕްމަންޓް ފަންޑް (އެމްޕީއެލްއޭޑީ) އަށް 50 ލައްކަ ރުޕީސް ވެސް ހަދިޔާކޮށްފަ އެވެ.
ލޯކް ސަބާގެ މެމްބަރަކަށް ގަމްބީރް އިންތިހާބުވީ މިދިޔަ އަހަރު އެވެ. އޭނާ ތަމްސީލުކުރަނީ އިރުމަތީ ދިއްލީގެ ގޮނޑި އެވެ. ލޯކް ސަބާ މެމްބަރެއްގެ މަހު މުސާރަ އަކީ މަހަކު 100،000 ރުޕީސް (1،400 ޑޮލަރު) އެވެ.
ހުސްވި މާރިޗް މަހުގެ 27 ވަނަ ދުވަހު މެލޭޝިޔާގައިވެސް އެ ޤައުމުގެ ޕްރައިމް މިނިސްޓަރާއި، މިނިސްޓަރުން އަދި ޑެޕިއުޓީ މިނިސްޓަރުން ހިމެނޭހެން މެލޭޝިޔާ ގެ ކެބިނެޓް މެންބަރުންގެ ދެމަހުގެ މުސާރަ މެލޭޝިޔާގެ ނެޝަނަލް ކޮވިޑް ފަންޑަށް ހަދިޔާ ކުރަން ނިންމައި، އެކަންވަނީ ޢިއުލާނު ކޮށްފައިއެވެ.
ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން ރާއްޖޭގައިވެސްވަނީ ސަރުކާރުގެ ސިޔާސީ މަޤާމުތަކުގައި ތިބި ފަރާތްތަކުގެ މުސާރައިގެ ވިހި އިންސައްތަ އުނިކުރަން ނިންމާފައެވެ.
އޭގެ އިތުރުން ރާއްޖޭގައިވަނީ ރައްޔިތުންގެ މަޖިލީހުން މުސާރަ ކަނޑައަޅާ މަގާމުތަކުގެ ތެރެއިން އަސާސީ މުސާރައިގެ ގޮތުގައި 30،000.ރ އަށް ވުރެ ގިނައިން ލިބޭ ހުރިހާ އެންމެންގެ މުސާރަައިން މާރިޗް އަދި އޭޕްރިލް މަހު 20 ޕަސެންޓް އުނިކުރަން މަޖިލިސްއިން ވަނީ ފާސްކޮށްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!