ޤައުމީ ފެންކުންފުނީގެ އެޕްލިކޭޝަން އަށް ރެޖިސްޓްރީވެފައިވާ ގޭބިސީތަކަށް މިއަދުން ފެށިގެން ބިލު ފޮނުވާނީ ހަމައެކަނި އެޕްލިކޭޝަން މެދުވެރިކޮށް ކަމަށް އެކުންފުނިން ބުނެފިއެވެ.
ޤައުމީ ފެންކުންފުނި، މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެކުންފުނީގެ މޯބައިލް އެޕްލިކޭޝަން ބޭނުންކުރާ ފަރާތްތަކަށް ކުރިއެކޭ އެއްފަދައިން މިހާރުވެސް ބިލުތައް ތައްޔާރުވުމާއެކު ފޯނަށް ނޮޓިފިކޭޝަން ލިބިގެންދާނެ ކަމަށެވެ. އަދި އެޕްލިކޭޝަން މެދުވެރިކޮށް ބިލަށް ފައިސާ ދެއްކޭނެ ކަމަށްވެސް އެމްޑަބްލިއުއެސްސީއިން ބުންޏެވެ.
އެކުންފުނީން ބިލުތައް އެޕަށް ފޯރުކޮށްދިނުމަށް ނިންމާފައިވަނީ މިހާރު ރާއްޖޭގައި އޮތް ސިއްހީ ނުރައްކާތެރިކަމާއި ގުޅިގެން، ކުންފުނީގެ މުވައްޒަފުން ވީހާވެސް ބޮޑަށް ބޭރުގައި އުޅުން މަދުކުރަން އެޅޭ ފިޔަވަޅެއްގެ ގޮތުން ކަމަށް އެމްޑަބްލިއުއެސްސީއިން ބުނެއެވެ.
އެމްޑަބްލިއުއެސްސީއިން ބުނީ މިވަގުތު ކަރުދާސް ބިލު ފޮނުވަން ހަމަޖެހިފައިވަނީ ހަމައެކަނި މޯބައިލް އެޕްލިކޭޝަން އަށް ރެޖިސްޓްރީ ވެފައި ނުވާ ގޭބިސީތަކަށް ކަމަށެވެ. މޮބައިލް އެޕްލިކޭޝަނަށް ރަޖިސްޓްރީ ވެފައިނުވާ ގޭބިސީތަކުގެ ފެން ބިލް ރައްދުކުރެވޭނީ، ގޭގެ ގްރައުންޑް ފްލޯއާ ހަމައަށް އެކުންފުނިން ވަނީ ބުނެފައެވެ.
ފެން ބިލް ދައްކަން މި ދުވަސްވަރު އެމްޑަބްލިއުއެސްސީ އަށް ދިއުމުގެ ބަދަލުގައި އޮންލައިންކޮށް ބިލް ދައްކަން އެ ކުންފުނިން ކުރިންވަނީ އިލްތިމާސްކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!