ކޮވިޑް-19ގެ މިހާލަތުގެ ސަބަބުން ގޭ ބަންދުގައި ތިބެން ޖެހިފައި މިވާ ދަނޑިވަޅުގައި އެންމެ ބޮޑު އެކުވެރިއަކަށް ވެފައި މިއޮތީ މީސް މީޑިއާއެވެ. އަބަދުމެ މި އިނދެވެނީ މީސް މީޑިއާ ކިޔާލަ ކިޔާލައެވެ.

ދޮން އިބުރާޙީމް ރޭ ފަތިހު ފުރައިފި

Ad
rt

އެނގޭ ހެއްޔެވެ؟ ދޮން އިބުރާޙީމް ފަސް ކުދިންނާއިއެކު ރޭ ފަތިހު ރަށަށް ފުރައިފިއެވެ. އޭނާ މާލޭގައި ހުރި އެޕާޓްމަންޓް ކުލި ދައްކައި، އަނބި ދަރިންގެ ޚަރަދު ބަރަދު ބަލަހައްޓަމުންއައީ ޓެކްސީ ދުއްވައިގެންނެވެ. ނަމަވެސް ކޮވިޑް-19ގެ ސަބަބުން ދަތުރުތައް ހުއްޓި، ޓެކްސީ ވެރިމީހާއަށް ދޭނެ ފަދަވެސް ނުލިބި ހަފަރާތް ބެދުމުން ރަށަށް ފުރީއެވެ. ފުރިއިރު ދޮށީ ފިރިހެން ދަރިފުޅު ދިޔައީ އަމިއްލަ ކޮލެޖެއްގައި ޑިގްރީއަށް ކިޔަވަމުންނެވެ. ދެވަނަ އަށްހުރި އަންހެން ކުއްޖާ މިއީ ގްރޭޑް 10 ނިންމާ އަހަރެވެ. އެހެން ނަމަވެސް ދެން އޮތީ އިތުރު ކޮން ގޮތެއް ހެއްޔެވެ؟

އަހުސަނަށް 3 މަހުގެ ނޯޕޭލީވް! ޢާއިލާ ގޮވައިގެން ރަށަށް!

ދަރިންނަށް ރަނަގަޅު ތަޢުލީމެއް ހޯދައި ދިނުމުގެ ނިޔަތުގައި އަހުސަންގެ އަނބިމީހާއާއި ދެ ކުދިން މާލެ ބަދަލުކުރީ މީގެ 4 އަހަރު ކުރިންނެވެ. އޮފް ދުވަހަށް މާލެ އަންނަން ފަސޭހަ ވުމާއިއެކު އަހުސަން ވަޒީފާ އަދާކުރަމުން ދިޔައީ މާލެއާއި މާދުރުނޫން ރިސޯޓެއްގައިއެވެ. ނަމަވެސް ކޮވިޑް-19 ގެ ހާލަތުން އަހުސަނަށް ލިބުނީ 3 މަހުގެ ނޯޕޭއަށް ދިއުމުގެ ނޯޓިސްއެވެ. ނަތީޖާއަކަށްވީ ޢާއިލާ މާލެގައި ކުއްޔަށް ބައިތިއްބާފައި ތިބި އެޕާޓްމަންޓް ދޫކޮށްލާފައި ކުދިން ސްކޫލުން ވަކިކޮށްގެން ރަށަށް ފުރަން ޖެހުމެވެ.

މިހިސާބުން ދަންނަވަން މިއުޅޭ ވާހަކަ މިގުޅުވައިލަނީ މީސްމީޑިއާގެ މިހާރުގެ އޮއިވަރާއެވެ. މިވަގުތު އެންމެ ފޯރީގައި މީސް މީޑިއާގެ ތެރެއިން މިފެންނަނީ ދެ ޗެލެންޖެކެވެ. ދެ ޗެލެންޖަށްވެސް އިޚްތިރާމް ކުރުމާއިއެކު އަޅުގަނޑުގެ ވިސްނުން ތިލަ ކޮށްލާނަމެވެ.

ސްޓޭ އެޓް ހޯމް ޗެލެންޖް

ފުރަތަމަ ފެށިގެންއައީ ސްޓޭ އެޓް ހޯމް ޗެލެންޖެވެ. މި ޗެލެންޖަކީ ކޮވިޑް-19 ފެތުރުމުގެ ފުރުޞަތު ވީހާވެސް ކުޑަ ކުރުމަށް ގޭގައި ގިނަވަގުތު ހޭދަކުރުމަށް ބާރު އަޅައި ފަށައިފައިވާ ޗެލެންޖެކެވެ. ސިއްޚީ މާހިރުންގެ އިރުޝާދަކީ މިދުވަސްވަރު ގޭގައި ތިބުމެވެ. މިގޮތުން ގޭގައި ތިބޭއިރު ދުޅަ ހެޔޮކަންމަތީ ތިބުމަށް މަސައްކަތް ކުރުމަށްވެސް އެފަރާތްތަކުން އިރުޝާދު ދެއްވައެވެ. އެހެން ކަމުން މިޗެލެންޖަކީ މީހާގެ ސިއްހަތު ސަލާމަތުން ބެހެއްޓުމަށް ނުހަނު ބޭނުންތެރި ޗެލެންޖެކެވެ.

ޤުރުއާން ކިޔެވުމުގެ ޗެލެންޖް

ދެވަނައަށް މިފެށުނީ ޤުރުއާން ކިޔެވުމުގެ ޗެލެންޖެކެވެ. ކީރިތި ޤުރުއާނުގެ މޫރިތި ކަމާއި، އެ ފޮތުގެ ބަރަކާތާއި، އެ ފޮތުން އެންމެ އަކުރެއް ކީ ނަމަވެސް ލިބޭ ސަވާބާއި، ދަރުމައަކީ ކޮންމެ ފުރިހަމަ މުސްލިމަކަށްމެ މޭރުންވެ އެނގޭ ކަންކަމެވެ. އެހެންކަމުން ސަވާބާއި ދަރުމައަށް އެދި ހުސްވަގުތުގެ ބޭނުން ކުރަން މިޗެލެންޖް ވަރަށް ބޭނުންތެެރިއެވެ.

ދެ ޗެލެންޖަށްވެސް އިޚްތިރާމް ކުރުމާއިއެކު ދެން އޮތީ މިހާލަތަށް ބަލާފައި، އަޅުގަނޑުގެ ވިސްނުން ހިމަނައިލުމެވެ. މިކަން މިހާރު ކުރަށްވާ ބޭފުޅުން މަދު ނުވާނެކަންވެސް ޔަޤީނެވެ.

ފަށަންވީ އެހީތެރިވުމުގެ ޗެލެންޖެއް

މުޅި ދުނިޔެ ބޮޑު އިޤްތިޞާދީ ކާރިސާއަކަށް ހުށަހެޅިއްޖެއެވެ. މި ދިވެހި ޤައުމަށް އޭގެ އަސަރު އަންނަނީ އިންތިހާއަށް ކުރަމުންނެވެ. ހާލަތު ހިތަށް ގެނެސްދިނުމަށް ފެށުމުގައި ގެނެސްދިން ފަދަ އެތައް ހިތާމަވެރި މިސާލެއް ގެނެސް ދެވިދާނެއެވެ.

އެހެންކަމުން މިވަގުތު އެހީތެރި ވުމުގެ ޗެލެންޖު ފެށުމަށް އަޒުމް ކަނޑައަޅަންޖެހެއެވެ. ނަމަވެސް އެ ޗެލެންޖް މީސް މީޑިއާގައި ކުރިއަށް ގެންދެވޭކަށްނެތެވެ. ސަބަބަކީ ވަންހަނާކަމުގައި އެހީތެރިކަން ފޯރުކޮށް ދިނުމަށް ދީނުގައި ބާރުއަޅައި، އަންގަވާފައި ވާތީއެވެ.

ހުރި މިންވަރަކުން އެހީގެ އަތް ހުޅުވާލަށްވާ!

މާތް ﷲގެ މަގުގައި ތިބާ ކުރާ ހޭދަ ގެއްލެނި ނުކުރަށްވާނެކަން ކަށަވަރެވެ. ދިވެހި އެތައް ޢާއިލާއެއް މިދަނީ ހާލުގައި ޖެހި މަގުމަތި ވަމުންނެވެ. މި ނަގާ ރާޅުގެ ކުޑަ ބޮޑުމިން، މިން ކުރަން ނުވެސް އެނގޭ މިންވަރަށް ބިރުވެރިކަން މިއޮތީ ފެތުރިފައިއެވެ.

އަޚުންނޭވެ! އަތުގައި ހުރި މިންވަރަކުން، އަނެކުންނަށް އެހީ ތެރިވާށެވެ! އިސްރާފު ކުޑަކޮށް، އަނެކާއެއް އެއްޗެއް ދިއްކޮށްލެވޭތޯ ބަލާށެވެ. އަޚުވަންތަކަން އިސްކުރާށެވެ. މިއީ އެއްބައެކެވެ. އިސްކުރާންވީ އެހީތެރިކަމެވެ. އެންމެ ބޮޑު ޗެލެންޖަކަށް ހަދަންވީވެސް އެހީތެރިކަމެވެ. ފާޅު ނުކުރިނަމަވެސް އެހީތެރިވެދެއްވާށެވެ! ދެ ދުނިޔޭގެ ބާއްޖަވެރި ކަމަށްއެދި ﷲ ގެ މަގުގައި ހޭދަ ކުރާށެވެ.

ސިއްރިޔާތުގައި މިޗެލެންޖްގައި ބައިވެރިވެ ވަޑައިގަންނަވާށެވެ. މޮޅަށް ދެނެވޮޑިގެންވަނީ މާތް ﷲ އެވެ. އެހީތެރިވާށެވެ! ދީލަތިކަމުގެ އަތްތައް ހުޅުވައިލާށެވެ!