މާދަމާ އިން ފެށިގެން މާލޭ ސިޓީ (މާލެ، ހުޅުމާލެ، ވިލިމާލެ) ގައި ވަކި ވަގުތެއްގައި ފިހާރަތައް ބަންދުކުރުމާއި، ޓޭކްއަވޭގެ ޚިދުމަތް ދޭ ވަގުތާއި، ޢިމާރާތްކުރުމުގެ މަސައްކަތް ކުރާ ވަގުތަށް ބަދަލުގެނެސް، އެޗްޕީއޭއިން އެނިންމުން އާންމު ކޮށްފިއެވެ.
އެކަމާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމު ކުރި އެންގުމެއްގައި ބުނެފައިވަނީ އާންމު ސިއްޙަތު ރައްކާތެރި ކުރުމުގެ ޤާނޫނުގެ ދަށުން ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާތީ، އެ ނިންމުމުގެ ދަށުން ޑައިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތާއި މަތިކޮށްފައިވާ ބާރުގެ ދަށުން 2020 އޭޕްރިލް 2 (މާދަމާ) ގެ މެންދު 12:00 އިން ފެށިގެން ވަކި އެންގުމެއް އަންގަންދެން މިއަދު އާންމު ކުރި އެންގުމުގައިވާ ފިޔަވަޅުތައް އެޅުމަށް އަންގާ ކަމަށެވެ.
އެންގުމުގައިވާ ފިޔަވަޅުތައް
1. މާލެ، ހުޅުމާލެ، ވިލިމާލެގައި ހިންގާ އެންމެހާ ފިހާރަތައް ރޭގަނޑު 11:00 އިން ހެނދުނު 6:00 އަށް ބަންދުކުރުން.
2. މާލެ، ހުޅުމާލެ، ވިލިމާލެގައި ހިންގާ ކެފޭ، ރެސްޓޯރެންޓް އަދި ހޮޓާ ފަދަ އާންމުންނަށް ކާބޯތަކެތީގެ ޚިދުމަތް ދޭ ތަންތަނުންދޭ ޓޭކްއަވޭގެ ޚިދުމަތް ރޭގަނޑު 12:00 އިން ހެނދުނު 6:00 އަށް މެދު ކަނޑައިލުން.
3. މާލެ، ހުޅުމާލެ، ވިލިމާލެގައި ހިނގާ އިމާރާތް ކުރުމުގެ އެންމެހާ މަސައްކަތްތައް ހަވީރު 5:00 އިން ހެނދުނު 6:00 އަށް މެދު ކަނޑައިލުން.
މި ފިޔަވަޅުތައް ތަންފީޛުކޮށް، އެ ފިޔަވަޅުތަކަށް ފުރިހަމައަށް ޢަމަލުކުރުމަށް، އެންމެހައި އިދާރާތަކަށާއި ފަރާތްތަކަށް އަންގާކަމަށާއި އަދި، މި އެންގުމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށްވެސް މި އެންގުމުގައި، އެންމެހައި ފަރާތްތަކަށް އަންގާފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!