އިންޓަރނެޓުގެ ޚިދުމަތުން ލުއިގޮތްތަކެއް ހަމަޖެއްސެވުމަށް ސަރުކާރުން ނިންމެވި ގޮތް އިޢުލާންކޮށްފިއެވެ.

އެކަމާއި ގުޅިގެން ރައީސް އޮފީހުން އާންމު ކުރެއްވި ދެންނެވުމެއްގައި ވަނީ ސަރުކާރާއި ސްކޫލްތައް ބަންދުކުރެއްވުމާއި، ޟަރޫރީ ބޭނުންތަކުގައި މެނުވީ ގެއިން ބޭރަށް ނުކުމެ ނޫޅުމަށް ސަރުކާރުގެ އިދާރާތަކުގެ މުވައްޒަފުންނަށް އެންގެވުމަކީ، ކޯވިޑް-19 ބައްޔާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އިސްނެންގެވުމާއެކު ސަރުކާރުން އަޅުއްވާފައިވާ ފިޔަވަޅުތަކުގެ ތެރެއިން އެކަކު އަނެކަކާއި ދެމެދު ދުރުމިނެއް ބެހެއްޓުމުގެ މަޤްޞަދުގައި އަޅުއްވާފައިވާ ފިޔަވަޅުތަކެއް ކަމަށެވެ.

Ad
rt

އެހެންކަމާއިއެކު، މި ފިޔަވަޅުތަކަށް އަމަލުކުރުމުގައި ރައްޔިތުންނަށް ކުރިމަތިވާ ދަތިތަކަށް ލުއިތަކެއް ހޯދައިދިނުމަށް ސަރުކާރުން ގެންދަނީ މަސައްކަތްތަކެއް ކުރަމުންކަމަށާއި، މީގެތެރޭގައި ހިމެނޭ އެއް ކަމަކީ، މުއާޞަލާތީ ޚިދުމަތްތައްކާއި އިންޓަރނެޓުގެ ޚިދުމަތްތައް މެދުކެނޑުމެއްނެތި، އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށް އެ ދެންނެވުމުގައި ބުނެފައިވެއެވެ.

" މިކަމުގައި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގައި އެހީތެރިކަމާއި އެއްބާރުލުން ދިނުމަށް ދިވެހިރާއްޖޭގައި މުއާޞަލާތީ ޚިދުމަތްތައް ފޯރުކޮށްދޭ ކުންފުނިތަކަށް ސަރުކާރުންވަނީ ދަޢުވަތު އަރުވާފައެވެ. އަދި، މި ދަނޑިވަޅުގައި ރައްޔިތުންގެ މާލީ ހާލަތަށް ބަދަލުތަކެއް އަންނާނެކަން ދެނެގަނެ، ގޭގައި މަޑުކުރުމާއި ގޭގައި ތިބެގެން ދަރިވަރުންނަށް އުނގަންނައިދިނުމުގައި އިންޓަރނެޓު ބޭނުންކުރާ މިންވަރު އިތުރުވާތީ، ސަރުކާރުންވަނީ މިކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް މުއާޞަލާތީ ޚިދުމަތްތައް ފޯރުކޮށްދޭ ކުންފުނިތަކުގައި ދަންނަވާފައެވެ. " ރައީސް އޮފީހުން ބުނެފައިވެއެވެ.

މިކަމުގައި، މުއާޞަލާތީ ޚިދުމަތްތައް ފޯރުކޮށްދޭ ކުންފުނިތަކުން އަމަލުކުރުމަށް އެދި ސަރުކާރުން ހުށަހަޅާފައިވާ ގޮތްތައް:

  • ކޯވިޑް ޓާސްކްފޯސްގެ މަސައްކަތްތަކަށް ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެން.އީ.އޯ.ސީ) އާއި އެ އިދާރާގެ ސެލްތަކަށް ބޭނުންވާ އިންޓަރނެޓުގެ ޚިދުމަތްތައް އެއްވެސް އަގަކާއި ނުލައި ފޯރުކޮށްދިނުން.
  • ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތްގެ އެންގެވުމުގެ ދަށުން އެކަހެރިކޮށްފައިވާ (ކަރަންޓީން އަދި އައިސޮލޭޓް ކޮށްފައިވާ) މީހުންނަށް އެއްވެސް އަގަކާއި ނުލައި އިންޓަރނެޓުގެ ޚިދުމަތްތައް ފޯރުކޮށްދިނުން.
  • މި ދަނޑިވަޅުގައި އިންޓަރނެޓު ބޭނުންކުރާ މިންވަރު އިތުރުވާނެކަމަށް ބަލައި، "ޑޭޓާ ކެޕް" ނުވަތަ އިންޓަރނެޓު ޕެކޭޖްތަކުގައި ކަނޑައަޅާފައިވާ "ޑޭޓާ އެލަވަންސް" އިތުރުކޮށްދިނުމާއި، އެ ޕެކޭޖެއްގައި ކަނޑައަޅާފައިވާ ޑޭޓާގެ މިންވަރު ހަމަވުމުން އިތުރު ޑޭޓާއަށް އެދުމަށް ދޫކުރާ "ޑޭޓާ ބޫސްޓަރ" ޕެކޭޖުތަކުގެ އަގު ހެޔޮކޮށްދިނުން.

މިކަމުގައި، މުއާޞަލާތީ ޚިދުމަތްތައް ފޯރުކޮށްދޭ ކުންފުނިތަކުން އަމަލު ކުރުމަށް ސަރުކާރުން އުންމީދުކުރާ ގޮތްކަމަށް އެދެންނެވުމުގައި ބަޔާންކޮށްފައިވަނީ،

  • ކޮންމެ ޕެކޭޖެއްގެ ދަށުން ފޯރުކޮށްދޭ "ޑޭޓާ އެލަވަންސް" ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންގެ ތެރެއިން %70 ކަސްޓަމަރުންނަށް އަދި މޯބައިލް ބްރޯޑްބޭންޑް ކަސްޓަމަރުންގެ ތެރެއިން %50 ކަސްޓަމަރުންނަށް ދެގުނައަށް އިތުރުކޮށްދިނުން.

ނުވަތަ،

  • ފިކްސްޑް ބްރޯޑްބޭންޑް އަދި މޯބައިލް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް، އެ ކަސްޓަމަރުންގެ "ޑޭޓާ އެލަވަންސް" ހަމަވުމުން އިންޓަރނެޓުގެ ޚިދުމަތް ބޭނުންކުރެވޭނެ ގޮތަށް ކޮންމެ ދުވަހަކު އައު ކުރެވޭ "ޑެއިލީ އަންކެޕްޑް އެލަވަންސް" އެއް ތައާރުފުކުރުން.

މީގެ އިތުރުން، "ޑޭޓާ އެލަވަންސް" ހަމަވުމުންވެސް އިންޓަރނެޓުގެ ޚިދުމަތް ހަލުވި ސްޕީޑެއްގައި ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އިތުރު ފަހި ގޮތްތަކެއް އިންތިޒާމު ކުރުމަށް މުއާޞަލާތީ ޚިދުމަތްތައް ފޯރުކޮށްދޭ ކުންފުނިތަކުން މަސައްކަތް ކުރާން ވާނެކަމަށްވެސް އެދެންނެވުމުގައި ވެއެވެ.

" އަދި، ކޯވިޑް-19 އާއި ގުޅިގެން އުފެދިފައިވާ ޙައްސާސީ މި ދަނޑިވަޅުގައި، އެކަކު އެނަކަކާއި މުއާޞަލާތު ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ޚާއްޞަ ޑޭޓާ ޕެކޭޖުތަކެއް ހެޔޮ އަގެއްގައި ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަމަޖެއްސުމެވެ." ރައީސް އޮފީހުން ބުނެފައިވެއެވެ.

މި ދަނޑިވަޅުގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ރައްޔިތުންނަށް މުއާޞަލާތީ އަދި އިންޓަރނެޓުގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް، ވަކީން ޚާއްޞަކޮށް މުއާޞަލާތީ ވަސީލަތްތައް މެދުވެރިކޮށް ގޭގައި މަސައްކަތްކުރުމާއި ކުދީންނަށް ކިޔަވައިދިނުމުގައި، މުއާޞަލާތީ ޚިދުމަތްތައް ފޯރުކޮށްދޭ ކުންފުނިތަކުން ފޯރުކޮށްދެމުން ގެންދަވާ ޚިދުމަތްތައް ފާހަގަކޮށް، އެކަމަށް ޝުކުރު އަދާކުރާކަމަށް ރައީސް އޮފީހުގެ ބަޔާނުގައި ވެއެވެ.