އިތުރު ދިވެއްސެއް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނެފިއެވެ.
އެޗްޕީއޭއިން ކުރި ޓުވީޓެއްގައި ބުނީ ރޯޔަލް އައިލެންޑް ރިސޯޓުގައި ކަރަންޓީނު ކޮށްފައިވާ ދިވެއްސެއްގެ ފަރާތުން ކޯވިޑް19 ގެ އަލާމާތްތައް ފެނި، ސާމްޕަލް ނަގައި ހެދި ޓެސްޓުގެ ނަތީޖާ ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެއީ، އިނގިރޭސި ވިލާތުން އެނބުރި އައި މީހެއްކަމަށް ވަނީ ބުނެފައެވެ.
އެ ކަރަންޓީން ފެސިލިޓީގައި ހުރި އެހެން ދިވެއްސަކު ވެސް މިދިޔަ އާދިއްތަ ދުވަހު ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭ އިން ބުނެފައި އެވެ. އެއީ ވެސް އިނގިރޭސި ވިލާތުން އައި މީހެކެވެ.
މިއާއެކު މިހާރު ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވް މީހުންގެ ޢަދަދު މިވަނީ 18 އަށް އިތުރުވެފައެވެ. އަދި އެ އަށާރަ މީހުންގެ ތެރެއިން 13 މީހުން ވަނީ މި ބަލިން އެއްކޮށް ރަނގަޅުވެފައެވެ. އަދި ދެ މީހުންނަކީ ރާއްޖެ ދޫކޮށް ދިޔަފަހުން ކޯވިޑް-19 އަށް ޕޮޒިޓިވްވި ކަމަށް ސާމްޕަލްތަކުން ދެއްކި އިޓާލީވިލާތުގެ ދެމީހުންނެވެ.
އަދި މިހާރު މި ބައްޔަށް ފަރުވާދެމުން އަންނަ 3 ދިވެހިންގެ ހާލުވެސް ރަނގަޅުކަމަށް އެޗްޕީއޭއިން މަޢުލޫމާތު ދެއެވެ.
ކޯވިޑް-19 އަށް ރާއްޖެއިން މިހާތަނަށް ޕޮޒިޓިވް ވެފައިވާ 18 މީހުންނަކީ:
- 7 މާރޗް 2020 ކުރެއްދޫ އިން 2 ބިދޭސީން
- 9 މާރޗް 2020 ބަތަލާ ރިސޯޓުން 2 ބިދޭސީން
- 9 މާރޗް 2020 ކުރެއްދޫއިން އިތުރު 2 ބިދޭސީން
- 11 މާރޗް 2020 ކުރަމަތި ރިސޯޓުން 2 ބިދޭސީން
- 13 މާރޗް 2020 އަނަންތަރާ ދިގު ރިސޯޓުން 1 ބިދޭސީއެއް
- 14 މާރޗް 2020 ކުރެއްދޫއިން 1 ބިދޭސީއެއް
- 15 މާރޗް 2020 އަންނަތާރާ ދިގު ރިސޯޓުން ބިދޭސީއެއް
- 15 މާރޗް 2020 އައިލެންޑް ސަފާރީއިން 2 ބިދޭސީން
- 27 މާރޗް 2020 އިނގިރޭސިވިލާތުން ރާއްޖެއައި ދިވެއްސެއް
- 27 މާރޗް 2020 ރާއްޖެއިން ފުރައިގެންދިޔަ އިޓަލީ 2 ބިދޭސީން
- 29 މާރޗް 2020 އިނގިރޭސިވިލާތުން ރާއްޖެއައި ދިވެއްސެއް
- 31 މާރޗް 2020 އިނގިރޭސިވިލާތުން ރާއްޖެއައި ދިވެއްސެއް
ރާއްޖެއިން މިހާތަނަށް ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު 18 އަށް އިތުރުވެފައި ވީނަމަވެސް، "ކޮމިއުނިޓީ ސްޕްރެޑެއް" ނުވަތަ ޢާންމުންގެ ތެރޭގައި މި ބަލި ފެތުރުމުގެ ނުރައްކާ އަދި އޮތް ކަމަށް ގަބޫލު ނުކުރެވޭ ކަމަށާއި އެފަދަ ނިޝާނެއް ނެތްކަމަށް ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ހާމަކޮށްފައެވެ. ނަމަވެސް މި ބަލިން ރައްކާތެރިވުމަށްޓަކައި ގެއިން ބޭރަށް ނުނިކުތުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ އިލްތިމާސްކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!