މުޅި ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮރޯނާވައިރަހުން ޖައްސާ ކޮވިޑް-19 ޖެހުނު އިޓަލީގެ 101 އަހަރުގެ ފިރިހެނަކު ބަލިން ރަނގަޅުވެފައިވާ ކަމަށް އެ ގައުމުގެ އޮފިޝަލުން ބުނުމާއި އެކުމިކަން ދުނިޔޭގެ ނޫސްތަކުގެ ފަލަ ސުރުހީއަށް އެރިއެވެ.
އިޓަލީގެ އިރު އުތުރުގެ ސިޓީއެއް ކަމަށްވާ ރިމިނީން ރަނގަޅުވި "މރ. ޕީ"ގެ ނަން ދީފައިވާ އެ މީހާ މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލައިފަ އެވެ. ރިމިނީގެ ޑެޕިއުޓީ މޭޔަރު ގްލޯރިއާ ލިސީ ވިދާޅުވީ "މރ. ޕީ"ގެ އާދަޔާޚިލާފު ރިކަވަރީގެ ސަބަބުން ކުރިމަގަށް އުއްމީދު ލިބިއްޖެ ކަމަށެވެ.
މިހާރު އުމުރުން 101 އަހަރުގެ މިމީހާ އުފަންވެފައިވަނީ 1919 ގައި ސްޕެނިޝްފްލޫ ޔޫރަޕަށް ހަލުވިކަމާއި އެކު ފެތުރެނިކޮށްނެވެ. 50 މިލިއަން މީހުން މަރުވި މިވަބާ މރ. ޕީ އަށްވެސް ވަނީ ޅަފަތުގައި ޖެހި ސަލާމަތްވެފައެވެ. 1 ވަނަ އަދި 2 ވަނަ ބޮޑު ހަނގުރާމައިގާވެސް ސަލާމަތްވީ ހިތްދަތި ތަޖުރިބާ ތަކަކަށް ފަހުކަމަށް މީޑިޔާ ތަކުގައި ރިޕޯޓްކޮށްފައިވެއެވެ. ކޮވިޑް19 ގެ ޝިކާރައަކަށް ވުމަށްފަހު އެބަލިންވެސް މިދިޔަ ހަފުތާ ގައިވަނީ ސަލާމަތް ވެފައެވެ.
މިބަލީގައި އެންމެ ގިނައިން މަރުވެފައިވަނީ އުމުރުން ދުވަސްވީ މީހުންނަށެވެ. އެގޮތުން މިބަލީގައި މަރުވި 80 އަހަރުން މަތީގެ މީހުންގެ ނިސްބަތް އުޅެނީ 21.9% ގައެވެ. ދޮށީ އުމުރުގެ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާމީހުންނަށް އެކަށީގެންވާ ފަރުވާ ނުދީ މަރުވާން ދޫކޮށްލާކަމަށް ބުނެ އިޓަލީގެ ސަރުކާރަށް ވަނީ ފާޑުކިއުންތަށްވެސް އަމާޒުކޮށްފައެވެ.
އިޓަލީން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 97689 އަށް އަރައިފަ އެވެ. އެ ގައުމުން ވަނީ 10،779 މީހުން މިބަލީގައި މަރުވެފަ އެވެ. އިއްޔެ އެކަނިވެސް ވަނީ 756 މީހުން މަރުވެފަ އެވެ. ކޮރޯނާވައިރަހަށް އިޓަލީން އިއްޔެ ވަނީ 5،217 މީހުން ޕޮޒިޓިވްވެފަ އެވެ.
.ކޮރޯނާވައިރަހަށް ޕޮޒިޓިވްވީ މީހުންގެ އަދަދު އިތުރުވުމުގެ ސަބަބުން އިޓަލީގައި ރަނގަޅަށް ފަރުވާން ދޭން ވަނީ ދަތިވެފަ އެވެ. ހާލު ދެރަ މީހުންނަށް ގުޅާނެ ވެންޓިލޭޓަރު ވެސް އެކަށީގެންވާ އަދަދަކަށް އެ ގައުމުގައި ނެތެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!