މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ މަރުއޯން ފެލައިނީއާ ކޮންޓެކްޓްވި މީހުން ދިރިއުޅެމުން އައި މާލޭގެ ދެ ގެއާއި ގުޅުން ހުރި މީހުންގެ ސާމްޕަލްތައް ނެގެޓިވް ކަމަށް ސަރުކާރުން ބުނެފިއެވެ.

ކޮރޯނާވައިރަސްއާ ބެހޭ ނެޝަނަލް އިމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ ސެެންޓަރުގެ ތަރުޖަމާން އަދި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވީ ފެލައިނީއާ ބައްދަލުވެފައި ވާތީ މާލޭގެ ދެ ގެއަކުން އައިސޮލޭޓްކުރި ދެ މީހެއް ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރަމުން އަންނަ ވެލިދޫ އައިލެންޑް ރިސޯޓަށް ގެންގޮސް ސާމްޕަލް ނަގައި ޓެސްޓްކުރި އިރު އެ ދެ މީހުން ވެސް ކޮރޯނާވައިރަހަށް ނެގެޓިވް ވެފައިވާ ކަމަށެވެ.

Ad
rt

ބެލްޖިއަމްގެ ފުޓްބޯޅަ ކުޅުންތެރިޔާ މަރުއޯން ފެލައިނީއާ ކޮންޓެކްޓްވި މީހުން ދިރިއުޅެމުން އައި މާލޭގެ ދެ ގެއެއް މިއަދު ބަންދުކުރި ނަމަވެސް އެ ދެ ގެއާ ގުޅުން ހުރި މީހުންގެ ސާމްޕަލް ނެގެޓިވް ވުމުން އެ ދެ ގޭ މިހާރުވަނީ މޮނިޓަރިން ހާލަތުން ނަގާފައެވެ.

އިނގިރޭސި ޕްރިމިއަ ލީގުގެ މެންޗެސްޓަ ޔުނައިޓެޑާއި އެވަޓަންއަށް ކުޅެ، ރާއްޖޭގައި ވެސް މަޝްހޫރުކަން ހޯދާފައިވާ ފެލައިނީއާ ބައްދަލުވި މީހުން ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މިއަދު މެންދުރު ފަހުއޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވަނީ ވިދާޅުވެފައެވެ. އެގޮތުން އޭނާ ވިދާޅުވީ ކުޅުންތެރިޔާއާ އެކި މީހުން ކޮންޓެކްޓްވީ ވަރާއި ނުރައްކާ އޮތް މިންވަރުގެ ދެނެގަންނަމުން ވެސް އަންނަ ކަމަށެވެ.

ކޮރޯނާވައިރަސް އަށް ފެލައިނީ ޕޮޒިޓިވް ވީ ރާއްޖޭގެ އެންމެ މަތީ ފެންވަރުގެ އެއް ރިސޯޓް، ވަން އެންޑް އޮންލީ ރީތިރަށުގައި ޗުއްޓީ ހޭދަކުރުމަށް ފަހު މާރިޗު 12 ގައި، އެނބުރި ދިޔަ ފަހުން މިދިޔަ ހުކުރު ދުވަހު އެވެ. މަބްްރޫކް މިރޭ ވިދާޅުވި ގޮތުގައި ފެލައިނީ ރާއްޖެ އަށް އައީ ދުބާއީންނެވެ. އަދި އޭނާ ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ފަހު އެނބުރި ދިޔައީ ވެސް ދުބާއީއަށެވެ. އޭނާ ކޮރޯނާވައިރަހަށް ޕޮޒިޓިވްވިކަން އެނގުނީ އޭގެ ފަހުން އޭނާ ޗައިނާ އަށް ވެސް ދިޔަ ފަހުންނެވެ.

އޭނާ މިހާރު ކުޅެމުން އަންނަނީ ޗައިނާގެ ޝަންޑޮން ލުނެން އަށެވެ.