ކޮވިޑް-19 އަކީ މުޅި ދުނިޔެއަށް އޮތް ބަލިމަޑުކަމެއް ކަމުގައި ދުނިޔޭގެ ސިއްހަތު ޖަމައިއްޔާއިން ކަނޑައަޅައި، ސިއްހީ ޚިދުމަތްތެރިންނާއި، ސައިންސްވެރިންގެ ޑިމާންޑު މިއަދު މިވަނީ ބޮޑުވެފައެވެ.
ޞިއްޙީ ތަޖުރިބާކާރު “އިމިއުނޮލިޖިސްޓް” ޑރ. އެންތަނީ ފޮއުސީ އަދި ސަންޖޭ ގުޕްތާ ފަދަ ޞިއްޙީ ރިޕޯރޓަރުންގެ އިތުރުން ދުނިޔޭގެ ބޮޑެތި ޞިއްޚީ ޖަމާއަތްތަކުން އިލްތިމާސްކުރަމުން ދަނީ ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް މިވަގުތު އޮތް ހައްލަކީ ސާފުތާހިރުކަން އިސްކޮށް، ގިނަގިނައިން އަތްދޮވެ ބަލިޖެހޭ މީހުން ކަރަންޓީން ކޮށް އެކަހެރިވެެ އިޖްތިމާއީ ގައިދުކަމަށް ދިއުން މަށެވެ.
ބަލިމަޑުކަމެއް ފެތުރެން ފަށައިފިނަމަ ކަރަންޓީން ކުރުމަށާއި، ސާފުތާހިރުކަން އިސްކުރުމަށް އިލްތިމާސްކުރއްވަވާފައިވާ އެހެން ފަރާތެއްވެސް ވެއެވެ. އެއީ މިއުންމަތުގެ ނަބިއްޔާ މުޙައްމަދު صلى الله عليه وسلم އެވެ.
ތަނެއްގައި ބަލިމަޑުކަމެއް ފެތުރޭނަމަ އެތަނެއްގައި ކަރަންޓީނު ނިޒާމަށް އަމަލުކުރުމަށް ކައުއިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ވަނީ މީގެ 1300 އަހަރު ކުރިން ހަދީޘްފުޅު ކުރައްވަވައިފައެވެ.
ބަލިމީހުންނާއި ޞިއްޙަތު ސަލާމަތުން ތިބި މީހުން އެކަހެރި ކުރުމަށްވެސް ރަސޫލާ صلى الله عليه وسلم ވަނީ ހަދީޘްފުޅު ކުރައްވަވައި ފައިވެއެވެ.
މީގެ އިތުރުންވެސް ތަފާތު ބަލިތަކުން ރައްކާތެރިވުމަށް ސާފުތާހިރުކަން އިސްކުރުމަށް އެކަލޭގެފާނު ބާރުއަޅުއްވާ ހަދީޘް ކުރައްވަވައިފައި ވަނީ ކާތަކެތީގެ ބަރަކާތް ލިބުންވަނީ ކެއުމުގެ ކުރިންނާއި ކެއުމުވެ ފަހުން އަތްދޮވުމުން ކަމަށެވެ.
އަބޫ ޙުރައިރާ رضي الله عنه ރިވާކުރެއްވިއެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
”ތިޔަބައިމީހުންކުރެ މީހަކު ނިދިން ހޭލެވިއްޖެނަމަ 03 ފަހަރު އަތްދޮވުމަށްފަހު ނޫނީ ފެންނަގާ ކަންވާރަށް އަތްނުބާނާ ހުށިކަމެވެ. ފަހެ ހަމަ ކަށަވަރުން އޭނާގެ އަތް ރޭ ހޭދަކުރީ ކޮންތާކު ކަމެއް އޭނާ ނުދެނެހުރެއެވެ.“
(ޞަޙީޙުލް ބުޚާރީގެ 160، ޞަޙީޙުލް މުސްލިމު 278)
ބަލި ޖެހުމުން، އެބައްޔަށް ފަރުވާކުރުމުގައި މަތިވެރި އިރުޝާދުތަކާއި ޝިފާ ލިބޭނެ ގޮތްތައް ނަބިއްޔާ عليه الصلاة والسلام ގެ ސުންނަތުގައި ބަޔާންވެގެން އައިސްފައިވެއެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުގައި ޖަމާޢަތުގައި ނަމާދުކުރުން ވަގުތީ ގޮތުން ހުއްޓާލުމަށް އެންގުމުން ގިނަބައެއްގެ ފާޑުކިއުން އެކަމަށް އަމާޒުވިއެވެ. އަދި މާތް ﷲ އަށް ދުޢާދެއްވުމުން ޝިފާދެއްވާނެކަމަށް ބުނެ ކަމާބެހޭ ފަރާތްތަކުގެ އެންގުންތަކާއި ޚިލާފްވެ، ބީރު ކަންފަތެއް ދީފައިވާ ބޭފުޅުން ތިއްބެވިކަންވެސް ހިތާމަޔާއެކު ފާހަގަ ކުރަންޖެހެއެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ވަނީ ކޮންމެ ބައްޔަކާ އެކު އެބަލީގެ ޝިފާވެސް ލައްވަވާފައެވެ.
އަޅުގަޑުމެންގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ވަނީ ބައްޔަށް ބޭސްފަރުވާ ކުރައްވާފައެވެ. އަދި ބޭސް ފަރުވާޔާ ބެހޭގޮތުން އިރުޝާދުވެސް ދެއްވާފައެވެ. އެކަލޭގެފާނު މިކަން ކުރެއްވީ އުއްމަތުގެ މީހުންނަށް ނަމޫނާ ދައްކަވައި އެކަން އެގޮތަށް ކުރަން ބާރު އެޅުމުގެ ގޮތުންނެވެ.
މިސަބަބަށް ޓަކައި އަޅުގަޑުމެން ބޭސްފަރުވާ ހޯދަންޖޭހޭނެވެ. އަދި މިއާއެކު އަޅުގަޑުމެން ކެތްތެރިވާންވެސް ޖޭހޭނެވެ. މިސަބަބާހުރެ ބޭސްކުރުމާއި އެއްކޮށް ދުޢާކޮށް ޛިކުރުކުރަން ޖެހެއެވެ. އެއިރުން، ﷲ އިރާދަ ކުރެއްވިއްޔާ، އެމީހަކަށް ޝިފާދެއްވާނެތެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!