ކާފަމެން ބުނާ ގޮތުގައި އަދި ތާރީޚީ ގޮތުން ސާބިތުވާ ގޮތުގައި އާލަމީ ވަބާ ނުވަތަ ބޮޑު ރޯގާ އަކީ މާތް ކަލާނގެ އިރާދަކުރެއްވި ބަޔެއްގެ މައްޗަށް ފޮނުއްވާ އަޒާބެކެވެ. އަދި އެކަލާނގެ އިރާދަކުރެއްވި ބަޔަކަށް ފޮނުއްވާ ރަޙުމަތެކެވެ. އަދި އިންޒާރެކެވެ. އިމްތިހާނެކެވެ (ބުޚާރީ 5734، އައްޠަބަރީ 2/116، ފަތްޙުލް ބާރީ 6/512).
ކާފަމެން ކިޔައިދީ އުޅުން ރާއްޖެދުށް ބޮޑު ރޯގާ އަކީ، 1918 ވަނަ އަހަރު ޖަނަވަރީ މަހު ކަރައިގައި ފެތުރެން ފެށިކަމަށް ރިކޯޑު ކުރެވިފައިވާ އާލަމީ ވަބާ، "ސްޕެނިޝް ފްލޫ" އެވެ. ބޮޑު ރޯގާގެ ހުން ގާތްގަނޑަކަށް ދުނިޔޭގެ ތިން ބައިކުޅަ އެއްބައި މީހުނަށް ޖެހުނު އިރު، 60 މިލިއަނާ 100 މިލިއަނާ ދެމެދުގެ އަދަދަކަށް މި ހުމުގައި މީހުން މަރުވެފައި ވާކަމަށް ދިރާސާކުރާ ބައެއް ފަރާތްތަކުން ލަފާކުރެއެވެ (ނެޝަނަލް ޖިއޯގްރެފިކް). ދިވެހިރާއްޖޭގެ ބޮޑުބަނޑޭރިގޭގެ އެންގެވުމުގައި ވާގޮތުގައި، މި ބޮޑު ރޯގާ މާލޭގެ މީސްތަކުން ޖެހުނީ 1341ހ. ވަނަ އަހަރު ރަބީޢުލްއައްވަލް މަހުން 27 ދުވަހުން ފަށައިގެންނެވެ. މީލާދީން 1922 ވަނަ އަހަރު ނޮވެންބަރުން 17 ދުވަހު ގައެވެ. އަދި މި ބޮޑު ރޯގާ ދުށް ބައެއް ބޭފުޅުން ވިދާޅުވެފައި ވަނީ، މާލޭގައި ތިބި މީހުން ހުން އަންނާން ފެށީ 1341ހ. ވަނަ އަހަރު ރަބީޢުލްއައްވަލް މަސް ހުސްވުމާ އެކު 29 ދުވަހުގައި ކަމަށެވެ. މީލާދީން 1922 ވަނަ އަހަރު ނޮވެންބަރު މަހުން 19 ވަނަ ދުވަހު އެވެ.
ޤަރުނު ފޮތުގައި ބުނެފައި އޮންނަނީ، 19 ވަނަ ދުވަހަކީ ރޯގާ ފެށުނު ކަމަށް ރަސްމީގޮތުން ގަބޫލުކުރާ ދުވަސް ކަމުގައެވެ. ކޮންމެއަކަސް، ބޮޑު ރޯގާގެ ހުން ރާއްޖެއަށް އައިސްފައި މިވަނީ ދުނިޔޭގައި މިވަބާއެއް ފެތުރެން ފެށިތާ 4 އަހަރާއި 10 މަހެއްހާ ދުވަސް ފަހުންނެވެ.
މާލޭގައި ހުން އަންނާން ފެށީ މުޅި ރަށު އެންމެން ހެން ހަމަ އެކުއެކީގައެވެ. މިހުމުގައި މާލޭން އެކަނި އެއް މަސް ދުވަހު ތެރޭ 400 މީހުން މަރުވި ކަމަށް މުސްކުޅީން ބުނެއެވެ. އަދި މި ނުބައި ހުން އަތޮޅުއަތޮޅުގެ ރަށްރަށުގެ މީހުނަށް ޖެހި މީހުންގެ ޙާލު ވަރަށް ބޮޑުވެ މީހުން މަރުވަމުން ދިޔައެވެ. މުޅި ރާއްޖޭގެ ގިނަ ރަށްރަށަށް މި ރޯގާ ދިޔަކަމަށް ވެއެވެ. މި ހުމުގައި ވާގޮތީ ހުން އައިސްފައި ކެއްސައި، ގައިގެ އެކިތަންތާ ރިއްސައި، ބަޔެއް ތަންތަނަށް ތަދުއަރައި، ހިސާބަކަށް ބަޔެއް މީހުން މޮޔަވަނީއެވެ. އަދި ގައިގެ ހަކަތަވެސް ވަރަށް ދެރަވެއެވެ.
އެޅެން ހުރި ހަރުދަނާ ފިޔަވަޅުތަކެއް ޝަމްސުއްދީން ރަދުންގެ ފަރާތްޕުޅުން އަޅުއްވަމުން ވަޑައިގެންނެވިއެވެ. އަދި އެކަކު އަނެކަކަށް އެހީތެރިވުމާއި، ރަޙުމްކުރުމާއި، އެއްބައިވަންތަކަމުގައި ދިވެހީންނަށް ވާރުތަވެފައި ހުރި ހަރުދަނާ އިޖުތިމާޢީ ސިފަތައް ދިވެހި ރައްޔިތުންގެ ފަރާތުން ވަކިން ބޮޑަށް ފާޅުވެގެން ދިޔައެވެ. ތާރީޚުން އެނގެން އޮތް ގޮތުގައި މިރޯގާއާ ދިވެހީން ކުރިމަތިލީ މާތް ކަލާނގެއަށް ވަކީލުކުރުމާއި، ދެންނެވުމާއި، ތައުބާވުމާ އެކު އެންމެން ގުޅިގެން އިޖުތިމާޢީ ސަބަބުތަކުގައި ހިފައިގެންނެވެ. ބޮޑު ރޯގާގެ ހުން ނުގޮސް ސަލާމަތުން މީހުން ތިބި ރަށްރަށުގެ މީހުނަށް ދަތިނުވާ ގޮތް މަތީން ރައްކައުތެރި ކުރައްވައި ބަލިޖެހޭ ރަށްރަށުގެ މީހުންގެ ޙާލު ރަނގަޅަށް ބައްލަވައި ހެއްދެވުމަށް އަތޮޅުއަތޮޅުގެ ވާރާއި ހަވާލުވެ ތިއްބެވި މީހުންނަށް ބޮޑުބަނޑޭރިގެ އިން 25 ޑިސެންބަރު 1922 ވަނަ ދުވަހުގައި އެންގެވިއެވެ. އަދި ހުން ޖެހޭ ރަށްރަށުގެ މީހުންގެ މައްޗަށް ކުރައްވާންވީ ކަންކަމީ، މީހުންގެ ހަށިތަކާއި ގޭގެ ރަނގަޅަށް ތާހިރުކުރައްވައި، ކެރޭން އައިވަރަކުން ބަތް ފެން ބޯންދެއްވައި އަދި އެނޫންވެސް ހަށިގަޑަށް ނުބައިނޫން ބާވަތުގެ ތަކެތި ބޯން ދެއްވައި، ކެވޭވަރުވާ މީހުނަށް ހަށިގަޑަށް ނުބައިނޫން ތަކެތި ކާންދެއްވައި ހެއްދެވުން ކަމުގައި އެންގެވިއެވެ. އަދި ގޭގެޔާއި ގޯތިގޯއްޗާއި ރަށުގެ މަގުމަގުގައި ކަތުރާނުން ދުންބުރުއްވައި، އަދި ނަމާދުކުރައްވައި ނަމާދުގެ ފަހުގައި ޞަލަވާތްފުޅު ކިޔުއްވައި، ދަމު ހިންގަވައި ދުޢާވެރިކަން ކިޔުއްވައި މިހެންހުރިހުރި ކަންތައްތައް ކުރެއްވުމެވެ. އަދި މިބަލީގައި ރަށްރަށުން މަރުވާ ކުދި ބޮޑު އަންހެން ފިރިހެނުންގެ ހިސާބު ވަކިވާނޭ ހެން ރަނގަޅަށް ލިޔެފައި ފޮނުއްވުމަށް އެންގެވިއެވެ.
އަދުގެ ވިޔަފާރިވެރީންނަށް ވެސް އިލްތިމާސަކަށް ފުދޭނޭހެން، ކެއިންބުއިމަށް ދަތިވެ ޙާލު ބޮޑުވާ ރަށްރަށު މީހުނަށް އަތޮޅުގެ ކެރިފޯރާ މީހުންގެ ކިބައިން އެހީތެރިކަން ލިބިދެއްވުމަށް ބޮޑުބަނޑޭރި ގެއިން އަތޮޅުއަތޮޅަށް އަންގަވައި، އެގޮތް ނުލިބި ޙާލު ވަރަށް ބޮޑުވެއްޖެ ބަޔަކު ވިއްޔާ ބޮޑުބަނޑޭރިގެއަށް ފޮނުއްވާ ގޮތަށް އޮތީ ހަމަޖައްސަވާފައެވެ.
ކޮވިޑް-19 ގެ މި ނުބައި ރޯގާއިން، މާތް ﷲ އަޅަމެން އެންމެން ސަލާމަތްކަން މަތީ ލަހައްޓަވާށިއެވެ. އާމީން.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!