ކޮވިޑް-19 ޖެހިގެން ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް 11 ގައި އެޑްމިޓްކޮށްފައި އޮތް އުމުރުން 70 އަހަރުންމަތީގެ އިޓަލީ މީހާއަށް ފަރުވާ ދިނުމަށް ކޮންމެ ދުވަހަކު ކުރެވުނު މަސައްކަތްތަކަކީ ޑރ. މޫސާ ޙުސައިންނާއި، ޓީމަށް ކުރެވުނު އުނދަގޫ އެހެނަސް ކާނިޔާބު މަސައްކަތްތަކެކެވެ.
ކޮންމެ ދުވަހަކު އެ ބަލިމީހާއަށް ފަރުވާ ދިނުމަށް އެޓީމު ވާން ޖެހޭ ތައްޔާރު ބޮޑެވެ. ބަލިމީހާ ކައިރިއަށް ވަނުމުގެ ކުރިން އަޅަން ޖެހޭ ހެދުމުން ފެށިގެން ނުރައްކާތެރި ކޮވިޑްގެ ބަލިމީހަކަށް ފަރުވާ ދިނުމަށް އެކަށަހަޅާފައިވާ އުސޫލުން ކަންކަން ގެންދިޔުމަކީ އެތަކެއް ވަގުތެއް ހޭދަވާ ކަމެކެވެ.
ކޮވިޑް ބަލިމީހަކަށް ފަރުވާދިނުމަކީ ކިހާ ރިސްކު ބޮޑު، ސިއްޚީ ޙިދުމަތްތެރިންގެ މިންނުކުރެވޭ މަތިވެރި ޤުރުބާނީއެއްކަން ނުދަންނަ މީހަކު މިހާރަކު ނުހުންނާނެއެވެ.
" ކޮވިޑް ކޭސްއެއް ޓްރީޓް ކުރުމުގެ ތަޖުރިބާ އަޅުގަނޑުމެންނަށް ލިބިއްޖެ. ބަލި މީހާއާ އެކީ ހޭދަވި ކޮންމެ ދުވަހަކީވެސް އަޅުގަނޑާއި، އަޅުގަނޑުގެ ޓީމަށް ލިބުނު ވަރަށް ބޮޑު ތަޖުރިބާއެއް،" އެތައް ދިވެހިންނެއްގެ އިތުބާރު ހޯއްދަވާފައިވާ އިއިޖީއެމްއެޗްގެ ފުއްޕާމޭގެ ޚާއްޞަ ޑަކްޓަރު، ޑރ. މޫސާ ޙުސައިން އިއްޔެ ވިދާޅުވިއެވެ.
" އަލްޙަމްދު ﷲ، މިއީ އަޅުގަނޑުމެންނަށް އެންމެ ބަލި ހާލަތުގައި ދިމާވި ބަލި މީހާ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ރަނގަޅު ކުރެވިއްޖެ،" ކުރެއްވި ބުރަމަސައްކަތުގރ ނަތީޖާ ހާމަކުރައްވަމުން އުފަލާއިއެކހ ޑރ. މޫސަ ވިދާޅުވި އެވެ.
ޑރ. މޫސަ ވިދާޅުވި ގޮތުގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހާ މި މަހު 10 ގައި ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލު ކުރިއިރު އޭނާގެ ހާލު ހުރީ ވަރަށް ދަށްކޮށެވެ. ނޭވާލާ ނިޒާމަށް ޖެހޭ އާދައިގެ ނިއުމޯނިއާ ބަލީގައި ފުއްޕާމޭގެ އެއް ފަރާތަކަށް އިންފެކްޝަންތައް ޖެހުން ނަމަވެސް ކޮވިޑް-19 ޖެހިފައި ހުރި މީހެއްގެ ދެ ފަރާތަކާއި މައްޗާއި ތިރި އަދި މެދުގައި ވެސް އެ އިންފެކްޝަންތައް އުފެދިފައި ހުރި ކަމަށް ޑރ. މޫސަ ވިދާޅުވި އެވެ.
އައިޖީއެމްއެޗްގެ ނޭވާލާ ނިޒާމުގެ ޑިޕާޓްމަންޓުގެ ޑަކްޓަރުން ކަމަށްވާ ޑރ. މުހައްމަދު އިސްމާއިލް، ޑރ. މުހައްމަދު އަލީ ޑރ. ސުލައިމާން ވެސް ގެންދެވީ ގަވާއިދުން އެމީހުންގެ ހާލު ބަލައި، އެކަމުގައި މަސައްކަތް ކުރަށްވަމުންނެވެ.
24 ގަޑިއިރު އައިސީޔޫގައި ތިބެން ޑޮކްޓަރުންނާއި ނަރުހުން އެ ބައްޔާ ދިޔައީ ކުރިމަތިލައްވަމުންނެވެ.
މިކާމިޔާބީއަކީ މިކަމުގައި އުޅުނު ޑޮކްޓާރުންނާއި ނަރުހުންނާއި މިކަމުގައި އުޅުނު އެންމެންގެ ވަރަށް ބުރަ މަސައްކަތްކަން ޑރ. މޫސަ ފާހަގަ ކުރެއްވިއެވެ.
ހިތްވަރާއެކު ބިރެއް ނެތި 24 ގަޑިއިރު އައިސީޔޫގައި، ނަރުހުންނާއި ޑޮކްޓަރުން މިހާރުވެސް އެދަނީ ކޮވިޑް-19ގެ ބަލިމީހުންނަށް ފަރުވާ ކުރަމުންނެވެ.
" މިއީ އަޅުގަނޑުމެންގެ އެކަނި މަސައްކަތެއް ނޫން މިއީ އެންމެންގެ ވެސް މަސައްކަތް،" ޑރ. މޫސަ ވިދާޅުވިއެވެ.
މޫސަ އެއިޝާރާތް ކުރެއްވި މުޅިޓީމަކީ ދިވެހި ޤައުމީ ފަޚުރެއްކަން ޔަޤީނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!