ވައިގެ މަގުން ރާއްޖެ އަންނަ ފަރާތްތަކުގެ ތެރެއިން ރިޒޯޓުތަކަށް އަންނަ ފަތުރުވެރިން ފިޔަވައި އެހެން ހުރިހާ ފަރާތްތަކެއް ކަރަންޓީނު ކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފިއެވެ.

އެޗްޕީއޭއިން ދެނަމެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވައިގެ މަގުން ރާއްޖެ އަންނަ ފަރާތްތަކުގެ ތެރެއިން ރިޒޯޓުތަކަށް އަންނަ ފަތުރުވެރިން ފިޔަވައި އެހެން ހުރިހާ
ފަރާތްތަކެއް (ދިވެހިން އަދި އެކި ވީސާތަކުގައި ރާއްޖެ އެތެރެވާ ހުރިހާ ފަރާތްތަކެއް ހިމެނޭ ގޮތަށް) ސަރުކާރުން
ކަނޑައަޅާ ތަނެއްގައި 14 (ސާދަ) ދުވަހުގެ މުއްދަތަށް ކަރަންޓީނުކުރުމަށް ނިންމާފައިވާކަމަށެވެ.

Ad
rt

މި ފިޔަވަޅުތައް ތަންފީޛުކޮށް، އެ ފިޔަވަޅުތަކަށް ފުރިހަމަޔަށް ޢަމަލުކުރުމަށް، އެންމެހައި އިދާރާތަކަށާއި ފަރާތްތަކަށް އަންގާކަމަށާއި އަދި، މި އެންގުމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށް އެންމެހައި ފަރާތްތަކަށް އަންގާކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ސޮއިކުރައްވާ ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

މިއީ ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކައުތެރި ކަމަށްޓަކައި ޤާނޫނު ނަންބަރު 7/2012 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ ދަށުން އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމަށްޓަކައި، ބުނެވިދިޔަ ޤާނޫނުގެ 33 ވަނަ މާއްދާގެ ދަށުން ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތެއް، 12 މާރިޗު 2020 ގައި، މިނިސްޓަރ އޮފް ހެލްތު އިޢުލާނުކޮށްފައިވީ ހިނދު، ބުނެވިދިޔަ ޤާނޫނުގެ 34 ވަނަ މާއްދާގެ (ހ) އާއި، 12 ވަނަ މާއްދާގެ (ނ) ގެ 4 ވަނަ ނަންބަރުގެ ދަށުން، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ ހައިސިއްޔަތުން ލިބިދޭ ބާރުގެ ދަށުން، މި އެންގުން އަންގާ ވަގުތުން ފެށިގެން ވަކި ގޮތެއް އަންގަންދެން، އަންނަނިވި ފިޔަވަޅުތައް އެޅުމަށް އަންގާކަމަށް ބުނެފައިވެއެވެ.