ކޮވިޑް 19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ރެސްޓޯރެންޓާއި ކެފޭ ފަދަ ތަންތަނުން ޝީޝާގެ ހިދުމަތްދިނުން މަނާކޮށްފިއެވެ.
އެޗްޕީއޭއިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގައި ހިންގާ ކެފޭތަކާއި، ރެސްޓޯރަންޓްތަކާއި، ކާބޯތަކެތީގެ ޚިދުމަތް ދޭ އެހެނިހެން ތަންތަނުގައި ޝީޝާ ބުއިމާއި ޝީޝާގެ ޚިދުމަތް ދިނުން މަނާކުރުން ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކައުތެރިކަމަށްޓަކައި، ޤާނޫނު ނަންބަރު 7/2012 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ ދަށުން އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމުގެ ގޮތުން، ބުނެވިދިޔަ ޤާނޫނުގެ 33 ވަނަ މާއްދާގެ ދަށުން، އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތެއް، 12 މާރިޗު 2020 ގައި، މިނިސްޓަރ އޮފް ހެލްތު އިޢުލާނުކޮށްފައިވީ ހިނދުގެ ބުނެވިދިޔަ ޤާނޫނުގެ 34 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، އެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ނ) ގެ 3 ވަނަ ނަންބަރުގެގެ ދަށުން، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކު ހެލްތުގެ ހައިސިއްޔަތުން އަހުރެންނަށް ލިބިދޭ ބާރުގެ ދަށުން، 2020 މާރިޗު 19 ވަނަ ދުވަހުގެ ރޭ 12:00 އިން ފެށިގެން، ވަކި ގޮތެއް އަންގަންދެން، އަންނަނިވި ފިޔަވަޅު އެޅުމަށްއަންގާފައިވެއެވެ.
ދިވެހިރާއްޖޭގައި ހިންގާ ކެފޭތަކާއި، ރެސްޓޯރަންޓްތަކާއި، ކާބޯތަކެތީގެ ޚިދުމަތްދޭ އެހެނިހެން ތަންތަނުގައި ޝީޝާ ބުއިމާއި ޝީޝާގެ ޚިދުމަތް ދިނުން މަނާކުރުން.
މަތީގައިވާ ފިޔަވަޅު ތަންފީޛުކޮށް، އެ ފިޔަވަޅަށް ފުރިހަމައަށް ޢަމަލުކުރުމަށް، އެންމެހައި އިދާރާތަކަށާއި ފަރާތްތަކަށް އަންގައި އަދި، މި އެންގުމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށް އެންމެހައި ފަރާތްތަކަށް އަންގާކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ސޮއިކުރައްވާ ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!