އިޓަލީއަށް އެނބުރި ދިޔަ ފަތުރުވެރިޔާކިބައިން ރާއްޖޭގައި އެނާ ހުރި އިރު ކޮވިޑް-19 ގެ އަލާމާތްތައް ފެންނަމުން ދިޔަކަން ކުރެއްދޫ ރިސޯޓަށް ޝައްކު ކުރެވިފައިވީ ނަމަވެސް، އެ ފަރާތުން އެޗްޕީއޭއަށް ރިޕޯޓުކޮށްފައި ނުވާކަމަށް ފުލުހުން ބުނެފި އެވެ.

މިއަދު މީޑިއާއަށް މައުލޫމާތު ދިނުމަށް ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް، މުހައްމަދު ރިޔާޒް ވިދާޅުވީ މިހާތަނަށް ކުރެވުނު މަސައްކަތުން އެ މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ދެނެގަތުމަށް ގުޅުންހުރި ހުރިހާ ފަރާތަކުން މައުލޫމާތު އެއްކުރެވިފައިވާ ކަމަށެވެ.

Ad
rt

އެގޮތުން ރިސޯޓުގެ މެނޭޖްމަންޓާއި، އެޗްޕީއޭ އާއި ޓުއަރިޒަމް މިނިސްޓްރީ އާއި އެއާޕޯޓުގެ ކްލިނިކުން ވެސް މައުލޫމާތު ސާފުކޮށްފައިވާ ކަމަށް ރިޔާޒް ވިދާޅުވި އެވެ.

އޭސީޕީ ރިޔާޒު ދެއްކެވި ވާހަކަތަކަށް ބަލާއިރު، ކުރެއްދޫ ރިސޯޓްގެ މެނޭޖްމަންޓުން ވަނީ އިޓަލީގެ ޓޫރިސްޓްގެ މައުލޫމާތު އެޗުޕީއޭއަށް ނުދީ ސިއްރުކޮށްފައި ކަމަށް ބެލުމުގެ ޖާގަ އޮތްކަން ދޭހަވެއެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު ފަތުރުވެރިޔާ ވެއްޓިގެން ޑޮކްޓަރަށް ދެއްކިކަމަށާއި، އިތުރަށް ކަންކަން ދެނެގަނެވޭނީ ޓެސްޓުތައް ހަދައިގެން ކަމަށް ކުރެއްދޫ ޑޮކްޓަރު ޓޫރިސްޓް މީހާ އަށް އެންގިކަމަށް ރިޔާޒު ވިދާޅުވިއެވެ. ނަމަވެސް ޓެސްޓް ހަދަން ޓޫރިސްޓް މީހާ އިންކާރު ކުރިކަމަށާއި، ބޭސް ދީފައި ބެޑް ރެސްޓް ކުރުމަށް އަންގާފައި ޑޮކްޓަރު އޭނާ ކޮޓަރި އަށް ފޮނުވާލީކަމަށް ރިޔާޒު ވިދާޅުވިއެވެ.

މިހާތަނަށް އެއް ކުރެވުނު މައުލޫމާތުތަކަށް ބަލާއިރު، ކޮވިޑްގެ އަލާމާތްތައް ފަތުރުވެރިޔާ ގައިން ފެންނަ ކަމަށާއި، ފުރަތަމަ ރިސޯޓުން ނިންމީ ހޮޓްލައިނަށް ނުގުޅަންކަމަށް ރިޔާޒު ވިދާޅުވިއެވެ. އެހެންނަމަވެސް ޑޮކްޓަރު އެޗްޕީއޭގެ ހޮޓްލައިނަށް ގުޅިކަމަށާއި، ގުޅައިގެން ޑޮކްޓަރު އޮޅުން ފިލުވީ ސަސްޕެކްޓް ކުރެވޭ ކްރައިޓީރިއާ އަށް އެއްވެސް ބަދަލެއް އައިސްފައިވޭތޯ އާއި ގައުމުތަކަށް ބަދަލެއް އައިސްފައިވޭތޯ ބެލުމަށްކަމަށް ރިޔާޒު ވިދާޅުވިއެވެ. ނަމަވެސް ކޮވިޑް-19 އަށް ޝައްކުރެވޭ އެއްވެސް މީހަކު ހުރިކަމާއި ނުވަތަ ފަރުވާ ދެމުންދާ ކަން ފަދަ އެއްވެސް މައުލޫމާތެއް އެފޯނު ކޯލުގައި ޑޮކްޓަރު ހިއްސާ ކޮށްފައި ނުވާ ކަމަށްވެސް ރިޔާޒު ވިދާޅުވިއެވެ.

ފުލުހުން ބުނީ އިޓަލީގެ ފަތުރުވެރިޔާ ކިބައިން ކޮވިޑް-19 ގެ އަލާމާތްތައް ރިސޯޓްގެ ޑޮކްޓަރަށް ފެބްރުއަރީ 26-27 ގައި ދެއްކި ދެ ދުވަހު ވެސް ފެންނަން ހުއްޓަސް، އެ ވާހަކަ އެޗުޕީއޭއަށް އަންގަން މެނޭޖްމަންޓަށް ނުނިންމުނީ، ބަލިވެގެން އެހެން ފަތުރުވެރިންވެސް ޑޮކްޓަރަށް ދައްކަމުން ދާތީ ކަމަށެވެ.

އިޓަލީގެ ޓޫރިސްޓް މީހާ މާޗު 1 ގައި ފުރަން ގޮސް އެއާޕޯޓްގައި ހުއްޓާ ދެ ފަހަރަށް ވެއްޓުނުކަމަށާއި އަދި އޭނާ ދަތުރުކުރަން ފްލައިޓް ކެޕްޓަން ދެކޮޅު ހެދުމުން، އޭނާއަށް ފުރޭ ގޮތް ނުވުމާ އެކު މާގިރި ހޮޓަލަށް ގެންދިޔަ ކަަމަށްވެސް ރިޔާޒު ވިދާޅުވިއެވެ.

އިހުމާލެއް އޮތީ ކޮން ބައެއްގެ ތޯ އެނގޭނީ ތަހުގީގަށް ފަހުކަމަށްވެސް ރިޔާޒު ވިދާޅުވިއެވެ.